ޚަބަރު

ރޯދަމަހު ދުވާލު ކެއުންފަދަ ކަންކަން އެންގުމަށް އިލްތިމާސްކޮށްފި


ރަމަޟާން މަހުގެ ދުވާލުގެ ވަގުތުތަކުގައި ކެއުމަކީ ޖިނާއީ ކުށެއް ކަމަށާއި، އެފަދަ ކަންކަން ފުލުހުންނަށް ރިޕޯޓް ކުރުމަށް ފުލުހުން އިލްތިމާސް ކުރައްވައިފިއެވެ.

ކޮންމެ އަހަރަކުވެސް ރަމަޟާން މަހު، ދުވާލުގެ ވަގުތުތަކުގައި ކެއުމުގެ މައްސަލަތައް ފުލުހުންނަށް ރިޕޯޓް ކުރެވެމުންދެއެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުވެސް ދުވާލުގަޑީގައި ކާންތިއްބާ މަދުވެގެން 3 މީހަކު ވަނީ ފުލުހުންގެ ބެއްލެވުމުގެ ދަށަށް ގެންދަވާފައެވެ. އަދި ކޯޓުން ވަނީ އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގައި ބަޔާންކޮށްފައިވާގޮތުން ޤަބޫލުކުރެވޭފަދަ ދީނީ ނުވަތަ ސިއްޙީ ނުވަތަ ޞިއްޙަތާ ގުޅުންހުރި ސަބަބެއްނެތި ރަމަޟާން މަހު ރޯދަ ނުހިފުމާއި، ރޯދައަށް ހުރެ ރޯދަ ދޫކޮށްލުމަކީ ޖިނާޢީ ކުށެކެވެ. އެފަދަ ކުށެއް ސާބިތުވެއްޖެނަމަ 3 މަސްދުވަހުގެ ޖަލުޙުކުމެއް އައުން އެކަށީގެންވެއެވެ.

މީގެ އިތުރުން ރަމަޟާން މަހު ރޯދަ ނުހިފައި ދުވާލުވަގުތުތަކުގައި މަޤްބޫލު ސަބަބަކާ ނުލައި ޢާންމު ތަންތަނުގައި ކެއުމަކީ ކަނޑައެޅިގެން އިސްލާމް ދީނުގެ އުސޫލުތަކާ ތަޢާރަޒުވާ، ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފާނެ ކަމެއްކަމަށްވުމުން، އެފަދަ މައްސަލައެއް ސާބިތުވެއްޖެނަމަ އެއަށްވުރެ މަތީ ދަރަޖައިގެ ޙުކުމެއް އައުމަކީވެސް  އެކަށީގެންވާކަމެކެވެ.