ޚަބަރު

"ހާލު ކިހިނެއް؟" ޕްރޮގްރާމް އައްޑޫ ސިޓީގައި ފަށައިފި


  • މިއީ ރައްޔިތުން ގާތަށް ގޮސް ހާލަތު ބެލުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް

  • މާލެ ސަރަޙައްދާއި ގއ އަދި ތ އަތޮޅުގައި މިހާތަނަށް މި ޕްރޮގްރާމް ހިންގާފައިވޭ

ރައްޔިތުންގެ ގާތަށް ގޮސް ޙާލަތު ދެނެގަތުމަށް ސަރުކާރުން ފަށާފައިވާ "ހާލު ކިހިނެއް؟" ޕްރޮގްރާމް އައްޑޫ ސިޓީގައި ފަށައިފިއެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިންނެވެ.

އައްޑޫ ސިޓީގައި "ހާލު ކިހިނެއް؟" ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ހޮނިހިރުދުވަހުއެވެ. އައްޑޫ ސިޓީއަކީ މާލެ ފިޔަފައި އެއް ސަރަޙައްދެއްގައި އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ސަރަޙައްދެވެ.

އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އައްޑޫގައި ދިރިއުޅޭ ދިވެހިންގެ އާބާދީ 20000އިން މައްޗަށް އަރައެވެ.

އައްޑޫގައި "ހާލުކިހިނެއް" ޕްރޮގްރާމް ފެށުމުގެ ގޮތުން، އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ޓީމުން ވަނީ އައްޑޫ ސިޓީއަށް ޒިޔާރަތްކޮށް ކައުންސިލާ ބައްދަލުކުރައްވައި، އެ މަސައްކަތް ކުރިއަށްގެންދާނެގޮތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަލް ލަހުފާއާއި އަދި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުއާއު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޕްރޮގްރާމު އައްޑޫގައި ކުރިއަށް ގެންދިއުމުގައި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ކައުންސިލުން ވަނީ ދެއްވާފައެވެ.

މި ޕްރޮގްރާމް އައްޑޫގެ ގުޅިފައިވާ 4 ރަށާއި ހުޅުމީދޫގައިވެސް ކުރިއަށްގެންދާނެއެވެ. މި ޕްރޮގްރާމްގައި އައްޑޫ ސިޓީގެ %45 އާބާދީއަށް ޒިޔާރަތްކޮށް މަޢުލޫމާތު ނެގުމުގެ މަސައްކަތް 6 ދުވަހުގެ ތެރޭގައި ނިންމާނެކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ހާލު ކިހިނެއް ޕްރޮގްރާމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް ހާލު ބަލައި ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ސަބަބުން، ރައްޔިތުންނަށް ދަތިވާ ކަންކަން ސަރުކާރާ ހަމައަށް ގެންދިއުމުގެ ފަހި ފުރުޞަތެއް ލިބިގެންދެއެވެ. އެގޮތުން މިހާތަނަށް މި ޕްރޮގްރާމްމާޅެ ސިޓީގެ އިތުރުން ގއ. އަތޮޅާއި ތ. އަތޮޅުގައި ވަނީ ފަށާފައެވެ.

މި ޕްރޮގްރާމްގެ ތެރެއިން އާއްމުން އެންމެ ގިނައިން ހުށައަޅާފައިވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަތަކެވެ.

އޭގެއިތުރުން ބޭސްފަރުވާއަށް އޭހީތެރިކަން ބޭނުންވުމާއި، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެތެރެއިން މާލީ އެހީ ހޯދުމުގެ މައްސަލަތަކާއި ޑޮކްޓަރަށް ދެއްކުމާއި ރާއްޖެއިން ބޭރުން ބޭސް ގެނައުން ފަދަ ކަންކަމުގައި ދިމާވާ ދަތިތަށް، އާއްމުންގެ ފަރާތުން ދަނީ ޙިއްސާކުރަމުންނެވެ.

މިކަންކަމާއި ގުޅިގެން އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ދަނީ މައްސަލަތައް ބަލާ، އެކަންކަމުގައި އެހީތެރިވެދީ ޙައްލުތައް ހޯދައިދެމުންނެވެ. މި ޕްރޮގްރާމަކީ ވަރަށް ކާމިޔާބު މަސައްކަތެއްކަމަށާއި މިކަމުގައި ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަންވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.