ޚަބަރު

ރާއްޖެ އަތުން ބަހްރެއިނަށް ހަނި މޮޅެއް


އަންނަ އަހަރު ސައުދީ އަރަބިއްޔާގައި ބާއްވާ 17 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފިކޭޝަންގައި މިއަދު ކުޅުނު މެޗުގައި ފަހު ވަގުތު ލަނޑު ޖަހައި، ރާއްޖެ އަތުން ބަހްރެއިން މޮޅުވެއްޖެއެވެ.

ޗައިނާގެ ޑާލިއާން ޔޫތު ފުޓްބޯލް ޓްރެއިނިން ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗު ބަހްރެއިނުން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރާއްޖޭން ހިތްވަރުގަދަ ކުޅުމެއް ދެއްކިއިރު، މި މެޗުގެ ބޮޑުބައެއް ރާއްޖެއިން ވަނީ ރަނގަޅަށް ޑިފެންސްކޮށް ބަހްރެއިން ހުއްޓުވާފައެވެ. އެކަމަކު މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ބަހްރެއިނުން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އަޙްމަދު އަޔާޝްއެވެ.

މި ފަހަރު ކޮލިފައިންގައި ރާއްޖެ ލައްވާލާފައިވަނީ ސަރަޙައްދުގެ ނިސްބަތުން ވަރުގަދަ ޓީމުތައް ހިމެނޭ ގުރޫޕެއްގައެވެ. އެގޮތުން ގްރޫޕް ސީގައި ރާއްޖެ ހިމެނޭއިރު، އޭޝިއާ ސަރަހައްދުގެ ވަރުގަދަ ދެ ބާރު ޗައިނާ އާއި ދެކުނު ކޮރެއާގެ އިތުރުން މި ގުރޫޕުގައި ދެން ހިމެނެނީ ބޫޓާނާއި ބަހްރެއިންއެވެ.

ކޮލިފައިންގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ބޫޓާނާ 2-2 ގެ ނަތީޖާއަކުން އެއްވަަރުވެފައެވެ. ކޮލިފައިންގައި ރާއްޖެއިން ކުޅޭ ތިންވަނަ މެޗުގައި ބުދަ ދުވަހު ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުމަށްފަހު، އަންނަ ހުކުރު ދުވަހު ފަހު މެޗުގައި ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ.

ކޮލިފައިން ރޭވިފައިވާ ގޮތުން ކޮންމެ ގުރޫޕަކުން އެއްވަނަ ހޯދާ ގައުމެއް އޭޝިއަން ކަޕަށް ކޮލިފައިވާއިރު، ގުރޫޕުގެ ދެވަނައިގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަސް ގައުމެއްވެސް މުބާރާތަށް ކޮލިފައިވާނެއެވެ.