ޚަބަރު

ނޭޓޯގެ މެންބަރު ކަން ހޯދަން ޔޫކްރެއިނުން ކުރާ މަސައްކަތްތަކަށް ޖީ7ގެ ތާޢީދު


ނޭޓޯގެ މެންބަރު ކަން ހޯދަން ޔޫކްރެއިނުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް, ދުނިޔޭގެ އެންމެ ބޮޑު ހަތް އިޤުތިޞާދުގެ މައްޗަށް އެކުލެވިގެންވާ ގްރޫޕް އޮފް ސެވަން (ޖީ7)ން އެއްބަސްވެއްޖެއެވެ. އެ ގުރޫޕުން މި ކަން ހާމަކޮށްފައި ވަނީ އިޓަލީވިލާތުގެ ނަޕޮލީގައި ބޭއްވި ޖީ7ގެ ދިފާޢީ ވަޒީރުންގެ ބައްދަލުވުމަށް ފަހުއެވެ. މިއީ, ޖީ7ގެ މެންބަރު ޤައުމުތަކުގެ ދިފާޢީ ވަޒީރުން މި ގޮތަށް ބައްދަލުވުމެއް ބާއްވަވާފައިވާ ފުރަތަމަ ފަހަރެވެ.

ޖީ7ގެ ޤައުމުތަކުގެ ދިފާޢީ ވަޒީރުންގެ ބައްދަލުވުމެއް ބާއްވާފައި މި ވަނީ ފަލަސްޠީނާއި ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. އަދި, ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ބޮޑު ހަނގުރާމައެއް ކުރިއަށްދާ ވަގުތެއްގައެވެ. މީގެ އިތުރުން ޗައިނާއާއި ތައިވާނާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމާއި ދެ ކޮރެޔާގެ ދެމެދުގައި އުފެދިފައިވާ މައްސަލަގަނޑު ފަދަ ބައިނަލްއަޤުވާމީ ސުލްޙައާއި ސަލާމަތަށް އަސަރު ކުރާ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

މި ހިނގާ 2024ވަނަ އަހަރު ޖީ7ގެ ރިޔާސަތު ބަލަހައްޓަމުންދާ އިޓަލީވިލާތުގެ ދިފާޢީ ވަޒީރު ގުއިދޮ ކްރޮސެއްތޮ ވިދާޅުވީ, ބައިނަލްއަޤުވާމީ މަސްރަޙުގައި ކުރިމަތިވެފައިވާ މި ފަދަ ހުރިހާ މައްސަލައެއް ޙައްލު ކުރުމަކީ ޖީ7ގެ މެންބަރު ޤައުމުތަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމުގައެވެ. ނަމަވެސް, އެ މައްސަލަތަކަށް ދެމެހެއްޓެނި ޙައްލުތަކެއް ހޯދަން ބައިނަލްއަޤުވާމީ މުޖުތަމަޢަށް ބާރު އެޅުމަކީ އެ އިއްތިޙާދުގެ ޒިންމާއެއް ކަމުގައެވެ.

އިޓަލީވިލާތުގެ އިތުރުން ޖީ7ގައި ހިމެނޭ އެހެން ޤައުމުތަކަކީ އެމެރިކާ, ކެނެޑާ, ފަރަންސޭސިވިލާތް, ޖަރުމަނުވިލާތް އަދި އިނގިރޭސިވިލާތެވެ. ނަޕޮލީގައި ބޭއްވި ބައްދަލުވުމުގައި ނޭޓޯއާއި ވިލާތުގެ އިއްތިހާދު (އީޔޫ)ގެ މެންބަރު ޤައުމުތަކުގެ ވެރިންގެ އިތުރުން ޔޫކްރެއިންގެ ދިފާޢީ ވަޒީރު ރުސްތެމް އުމެރޮވް ބައިވެރިވެ ވަޑައިގެންނެވިއެވެ. ކްރޮސެއްތޮ ވިދާޅުވީ, ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަމަލު ކުރަމުންދާ ސަލާމަތީ މިންގަނޑުތަކުގެ ފެންވަރު ދަށްވެފައިވާ ކަމުގައެވެ. އަދި, ކައިރި މުސްތަޤުބަލެއްގައި އެ މައްސަލަތަކަށް ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމުގައެވެ.

ނަމަވެސް, ޔޫކްރެއިނަށް ނޭޓޯގެ މެންބަރު ކަން ހޯދައިދިނުމަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް ނިމުމެއް ގެނައުމަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޖީ7ގެ ދިފާޢީ ވަޒީރުން ޤަބޫލު ކުރައްވައެވެ. އަދި, އެ ކަމުގައި ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ޖީ7ގެ ޤައުމުތަކުން ވަނީ ނިންމާފައެވެ. ޖީ7ން މި ގޮތަށް ނިންމާފައި މި ވަނީ, އެއްވެސް ޝަރުޠަކާ ނުލައި ޔޫކްރެއިނަށް ނޭޓޯގެ މެންބަރު ކަން ދިނުމަށް އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ގޮވައިލައްވާފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް, ނޭޓޯއިން އެ ގޮތަށް އަމަލު ކޮށްފައެއް ނެތެވެ.

ޖަރުމަނުވިލާތުގެ ދިފާޢީ ވަޒީރު ބޮރިސް ޕިސްތޯރިއޮސް ވިދާޅުވީ, ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި އުތުރު ކޮރެޔާއިން ބައިވެރިވުމަކީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމުގައެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ, ރަޝިޔާގެ ފައުޖުތަކާ އެއް ސަފެއްގައި އުތުރު ކޮރެޔާގެ ސިފައިން ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ކަމަށް ޔޫކްރެއިނުން ތުހުމަތު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. "[މި ކަމުން] ސާފުވާ ޙަޤީޤަތަކީ އެ ހަމަނުޖެހުންގަނޑު [ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ] ދުނިޔޭގެ އެހެން ހިސާބުތަކަށް ފެތުރެން ފަށާފައިވާ ކަން،" އޭނާ ވިދާޅުވިއެވެ. ޗައިނާއިން ރަޝިޔާއަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ ވެސް އޭނާ ކަންބޮޑުވާ މައްސަލައެކެވެ.

ނަޕޮލީގައި ޖީ7ގެ ދިފާޢީ ވަޒީރުންގެ ބައްދަލުވުން ކުރިއަށް ދިޔަ ވަގުތު, ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައްދަލުވުން ކުރިއަށް ދިޔަ އިމާރާތް ކައިރިއަށް އެއްވެ, ފަލަސްޠީނުގެ މިނިވަން ކަމަށް ގޮވައިލައި އަޑު އުފުލާފައެވެ. އަދި, ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ޔަހޫދީންނަށް ބާރު އެޅުމަށް ގޮވައިލާފައެވެ. މި ގޮވައިލުންތަކަށް އިޖާބަ ދިނުމުގެ ގޮތުން, ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ޖީ7ގެ ދިފާޢީ ވަޒީރުން ގޮވައިލެއްވިއެވެ. އަދި, ޢުދުވާންތައް މެދުކަނޑައިނުލައި ކުރިއަށްގެންދާ ކޮންމެ ދުވަހަކު, މެދުއިރުމަތީގެ މަސްރަޙު އިތުރަށް ހޫނުވެ, ނުރައްކާތެރިވަމުންދާ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

ލުބްނާނުގައި ހަރަކާތްތެރިވާ އދގެ ސުލްޙަ ބަލަހައްޓާ ފައުޖު (ޔުނިފިލް)ގެ ސިފައިންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދެމުންދާ ނިރުބަވެރި ޙަމަލާތަކާ މެދު ވެސް ޖީ7ގެ ދިފާޢީ ވަޒީރުން ކަންބޮޑުވުން ފާޅު ކުރެއްވިއެވެ. އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސް މުޝީރު ޖޮސެފް ބޮރެއި ވިދާޅުވީ, ޔުނިފިލްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އިތުރުކޮށް, ހަރުދަނާ ކުރުމަކީ މައްސަލަަތަކަށް ހައްލެއް ހޯދުމަށް ކުރެވިދާނެ ކަމެއް ކަމުގައެވެ. ނަމަވެސް, އެ ފަދަ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ލިބިގެން ވަނީ އދގެ ސަލާމަތީ މަޖިލީހަށް ކަން އޭނާ ފާހަގަ ކުރެއްވިއެވެ. ފަލަސްޠީނުގެ ޣައްޒާއާއި ލުބްނާނުގައި ހާލުގައި ޖައްސާފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ވެސް ބޮރެއި ގޮވައިލެއްވިއެވެ.