ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި މެލޭޝިޔާގެ އިންސިފް ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ފަންނީ އެހީތެރިކަން ހޯދުމާއި، މުވައްޒަފުން ތަމްރީނުކުރުމުގެ އިތުރުން އިސްލާމީ އިޤްތިސާދު ކުރިއެރުވުމަށް ދެފަރާތުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އުސްތާޛު އިއްޒައްދީން ޢަދްނާނެވެ. މެލޭޝިޔާގެ އިންސިފް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮފެސަރ ޑރ ޢާއިޝަތު މުނީޒާއެވެ.
މިއެއްބަސްވުމުގައި ސޮއިކުރީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ވަފުދެއް މެލޭޝިޔާއަށް ކުރަމުންދާ ދަތުރުގެތެރެއިންނެވެ. ޒަކާތު ހައުސްގެ ވަފްދު މެލޭޝިޔާއަށް ކުރަމުންދާ ދަތުރަކީ މެލޭޝިޔާގެ އިސްލާމީ ކަންތައްތަކާބެހޭ އިދާރާގެ ވަޒީރު ޕްރޮފެސަރ ޑރ މުޙައްމަދު ނަޢީމް މުޚްތާރުގެ ދަޢުވަތަކަށް، އެއިދާރާގެ މެހްމާންދާރީގައި ކުރާ ދަތުރެކެވެ.
ޒަކާތު ހައުސްގެ ވަފްދުގެ މިދަތުރުގައި މެލޭޝިޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ، ރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އުސްތާޛު ޢިއްޒައްދީން ޢަދުނާންއާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައިވަނީ ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީ ކުރުމަށް ބޭނުންވާ ފަންނީ އެހީއާއި، ޒަކާތު ހައުސްގެ މުވައްޒަފުން ތަމްރީނުކުރުމަށް އެހީތެރިވެދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މެލޭޝިޔާއަކީ ޒަކާތުގެ އެންމެ ހަރުދަނާ ނިޒާމު އޮންނަ އިސްލާމީ އެއް ޤައުމެވެ. އަދި ރާއްޖޭގައި ޒަކާތަށް ޚާއްޞަ އިދާރާއެެއް ޤާއިމުކުރުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއްކަމަށް މެލޭޝިޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ އިދާރާއިން ދެކެއެވެ. ރާއްޖޭގެ ޒަކާތު ހައުސްގެ ވަފުދުން ވަނީ މެލޭޝިޔާގެ ޒަކާތު އޮފީސްތަކަށް ޒިޔާރަތްކޮށް ތަމްރީންވެސް ހޯދާފައެވެ.
ދިވެހިރާއްޖޭގައި ޒަކާތަށް ޚާއްޞަ އިދާރާއެއް، ޒަކާތު ހައުސްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވީ 18 ޑިސެންބަރު 2023 ގައެވެ.
ޒަކާތު ހައުސް އުފެއްދުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމެވެ.
ޒަކާތު ހައުސްގެ މަސައްކަތް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެއެވެ. ޒަކާތު ހައުސްއިން ވަނީ އެ އިދާރާގެ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ފަށާފައެވެ. ޒަކާތު ހައުސްއިން ފާހަގަކުރާ ގޮތުގައި މި މަސައްކަތް ވެގެންދާނީ ޒަކާތު ހައުސްއިން ދެމުންދާ ޚިދުމަތްތައް ފުޅާވެ ރައްޔިތުންނަށް ލުއި ފަސޭހަކަން ލިބިގެންދާނެ މަސައްކަތަކަށެވެ.
މީގެ އިތުރުން ރާއްޖޭގެ ޒަކާތު ހައުސް ހަރުދަނާކުރުމަށް ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ގުޅިގެން ތަފާތު އެކި މަޝްވަރާތައް ދަނީ ކުރަމުންނެވެ. ރާއްޖޭގެ ޒަކާތު ހައުސްއަކީ ބައިނަލްއަޤްވާމީ ގޮތުން ބަލައިގެންފައިވާ ތަނަކަށް ހެދުމަކީ އަމާޒެއްކަމަށް ޒަކާތު ހައުސްއިން ވިދާޅުވެއެވެ.