ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ދިރިއުޅޭ ގެއަކަށް ލުބްނާންގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙިޒްބުاللهއިން ނުރައްކާތެރި ޑްރޯން ޙަމަލާއެއްދީ, ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. ޙިޒްބުاللهގެ ޑްރޯން ޙަމަލާ އަމާޒު ކޮށްފައި ވަނީ އިސްރާއީލުގެ ވެރިރަށް ތެލް އަވީވުގެ ރަށްބޭރުގައި އޮންނަ ޤަޔިޞަރިއްޔާގައި ނިރުބަވެރި ނަތަންޔާހޫއާއި އޭނާގެ ޢާއިލާ ދިރިއުޅޭ ގެއަށެވެ. ޔަހޫދީންގެ ބޮޑުވަޒީރުގެ އޮފީހުން ވެސް ވަނީ މި ކަން ކަށަވަރު ކޮށްދީފައެވެ.
ޤަޔިޞަރިއްޔާގައި އަނިޔާވެރި ނަތަންޔާހޫ ދިރިއުޅޭ ގެއަށް ޙިޒްބުاللهއިން ޑްރޯން ޙަމަލާ ދިން ވަގުތު އޭނާ ގޭގައި ނޫޅޭ ކަމުގައި, އޭނާގެ ތަރުޖަމާނު ބުންޏެވެ. އެ ސަރަޙައްދަށް ޙަމަލާ ދޭން ޙިޒްބުاللهއިން ތިން ޑްރޯން ބޭނުން ކޮށްފައިވެއެވެ. އޭގެ ތެރެއިން ދެ ޑްރޯން ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ. އަދި, ތިންވަނަ ޑްރޯން ޙަމަލާގައި އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަން ކަށަވަރު ކޮށްދިނެވެ. ނަމަވެސް, އެ ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަން ސާފެއް ނޫނެވެ.
ޤަޔިޞަރިއްޔާއަށް ދިން ޑްރޯން ޙަމަލާގެ ޒިންމާ ޙިޒްބުاللهއިން އުފުލާއެއް ނެތެވެ. ނަމަވެސް, އިސްރާއީލުގެ މުހިންމު ރަށެއް ކަމުގައިވާ ޚައިފާއަށް އަމާޒުކޮށް ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދީފައިވާނެ ކަމުގައި އެ ޖަމާޢަތުން ބުންޏެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޚައިފާގައި ހުންނަ ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒަކަށެވެ. ޙިޒްބުاللهގެ ޙަމަލާތަކާ ގުޅިގެން ޚައިފާގައި އިންޒާރުގެ ރަނގަބީލު އަޅަން ފެށުމުން, އެ ރަށުގައި ދިރިއުޅޭ ޔަހޫދީން ބޮން ޝެލްޓަރތަކަށް ވަދެ ފިލިއެވެ. އެ ޙަމަލާތަކުގައި 13 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި އިސްރާއީލުގެ ރޭޑިޔޯތަކުން ރިޕޯޓު ކުރިއެވެ.
ޙިޒްބުاللهއިން ޚައިފާއަށް ރޮކެޓު ޙަމަލާތަކެއް ދިނުމާ ގުޅިގެން އެ ރަށުގައި އިންޒާރުގެ ރަނގަބީލު އަޅާފައިވީ ނަމަވެސް, ޤަޔިޞަރިއްޔާއަށް ދީފައިވާ ޙަމަލާތަކާ ގުޅިގެން އެ ރަށުގައި އިންޒާރުގެ ރަނގަބީލު އަޅާފައެއް ނުވެއެވެ. މިއީ, ޔަހޫދީ ފައުޖުގެ ވަރަށް ބޮޑު ފޭލުވުމެއްގެ ގޮތުގައި އެ މީހުން އަމިއްލައަށް ވެސް ޤަބޫލު ކުރެއެވެ. އިސްރާއީލުގެ ސަލާމަތީ ދާއިރާގެ މަޞްދަރުތަކުން ބުނީ, ޤަޔިޞަރިއްޔާއަށް ޙަމަލާ ދިނުމަށް ޑްރޯންތަކެއް ބޭނުން ކޮށްފައިވާ ކަން ކުރިން ދެނެގަތުމަށް ޔަހޫދީ ފައުޖު ފޭލުވި މައްސަލަ ތަޙުޤީޤު ކުރަން ފަށާފައިވާ ކަމުގައެވެ.
ޤަޔިޞަރިއްޔާގައި ހައްދުފަހަނަ އެޅި ނަތަންޔާހޫއާއި އޭނާގެ ޢާއިލާ ދިރިއުޅޭ ގެއަށް ޙިޒްބުاللهއިން ނުރައްކާތެރި ޑްރޯން ޙަމަލާތަކެއް ދިނުމާ ގުޅިގެން ޔަހޫދީ ފައުޖުން ވަނީ އެ ސަރަޙައްދު ބަންދު ކޮށްފައެވެ. އަދި, އެ ސަރަޙައްދުން ރިޕޯޓު ކުރުމަށް މަސައްކަތް ކުރަމުންދާ ނޫސްވެރިންނަށް ހުރަސް އަޅާފައެެވެ. ޤަޔިޞަރިއްޔާއަކީ ގިނަ ޢަދަދެއްގެ ސިޔާސީ މީހުންނާއި ވިޔަފާރިވެރިން ދިރިއުޅޭ ސަރަޙައްދެކެވެ. އަދި, ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކުގެ އިތުރުން ތެޔޮ ސާފު ކުރާ ކާރުޚާނާތައް ހުންނަ ސަރަޙައްދެކެވެ.
ނަތަންޔާހޫ ދިރިއުޅޭ ގެއަށް ޙިޒްބުاللهއިން ޑްރޯން ޙަމަލާތަކެއް ދީފައި މި ވަނީ, ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,309އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 10,000އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.