ޚަބަރު

ރިސޯޓް ސުޕަ ލީގު: ބަނޑޮސް ބަލިކޮށް ޖޯލިން ތަށި ދިފާއުކޮށްފި


ރިސޯޓް ސުޕަ ލީގު 2024 ގެ ފައިނަލް މެޗުގައި ބަނޑޮސް މޯލްޑިވްސް ބަލިކޮށް، ޖޯލި މޯލްޑިވްސްއިން މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.

ބަނޑޮހުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗު ޖޯލިން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ޖޯލިން މިވަނީ މިހާތަނަށް ބޭއްވި ރިސޯޓް ސުޕަ ލީގުގެ ދެ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު މުޅިން އަލަށް ބޭއްވި ރިސޯޓް ސުޕަ ލީގުގެ ޗެމްޕިއަންކަން ޖޯލިން ހޯދީ ފައިނަލުގައި ކޮރޮސްރޯޑްސް ބަލިކުރުމަށްފަހުއެވެ.

މިއަދު ހަވީރު ކުޅުނު މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ޖޯލިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުސްލިމް މުޙައްމަދެވެ. އޭގެ ފަހުން މި މެޗުގައި ބަނޑޮހުން ފޮނުވާލި ގިނަ ހަމަލާތަކެއް ޖޯލި ޓީމުގެ ކީޕަރު އިބްރާހީމް ނަދީމް އާދަމް ވަނީ ހުއްޓުވާފައެވެ.

މި މެޗުގައި ޖޯލިން ލީޑު ފުޅާކޮށްފައިވަނީ މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށެވެ. މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުސްލިމެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ ޖޯލީގެ މުޙައްމަދު ޖުމާނާއި، ހަމަދު މުޙައްމަދު އަދި ގޯލްކީޕަރު ނަދީމުގެ އިތުރުން ބަނޑޮހުގެ ރީހާން ޝަހީދު އަދި އިބްރާހީމް މުޝީރެވެ. މި އަހަރުގެ މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ މިދިޔަ އަހަރުވެސް ޖޯލި ޓީމާއެކު މި މުބާރާތް ކާމިޔާބުކުރި އަބްދުﷲ ހަނީފް (ބެންޖޯ) އެވެ.