ޚަބަރު

މާމިނގިލި ކޯޓުގެ އިސް މެޖިސްޓްރޭޓް 17 އަހަރަށް ޖަލަށް !


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރެއްވުމަށް ޞައްޙަނޫން ކޯޓް އަމުރެއް ނެރުނު މައްސަލާގައި އދ. މާމިނގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަޙުމަދު ނިހާން ސަތާރަ އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ޙުކުމްކުރައްވައިފިއެވެ. 

ދައުލަތުން އަޙުމަދު ނިހާނާ ދެކޮޅަށް ހުށައެޅުއްވި މައްސަލަތަކުގެ ތެރެއިން ކޯޓުން މިރޭ ޙުކުމް ކުރައްވާފައިވަނީ ޓެރަރިޒަމް ޢަމަލެއް ހިންގަން އުޅުމުގެ ކުށުގެ ދަޢުވާއާއި ޓެރަރިޒަމް ޢަމަލެއްގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ. 

މި މައްސަލާގައި ކުރިމިނަލް ކޯޓުން އިއްވެވި ޙުކުމުގައި ވަނީ ޢާއްމު އުޞޫލްތަކާ ޚިލާފަށް ޤާނޫނީ އިންތަކުގެ ބޭރުން ކޯޓް ހުޅުވައި ކަމާނުބެހޭ ބަޔަކު އެތަނަށް ވައްދައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ހައްހަރުކުރުމަށް ޞައްޙަނޫން ކޯޓް އަމުރެއް ނެރެން މަސައްކަތްކޮށްފައި ވަނީ ދައުލަތަށް ނޭދެވޭ ނުފޫޒެއް ފޯރުވުމަށްކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ގަދަކަމުން ފޮރުވައި ރަހީނުކޮށް، މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ މަޤްޞަދުގައި ކުރިކަމެއް ނޫންކަމަށް ބަލަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށްވެސް ކުރިމިނަލްކޯޓްގެ ޙުކުމްގައިވެއެވެ.

ފެބްރުއަރީ ހަތްވަނަދުވަހުގެ ރޭ މާމިނގިލީ ކޯޓު ހުޅުވައިގެން އިނދެ، ކޯޓްގެ ލެޕްޓޮޕުން މުހުތާޒް މުޙުސިން ދެއްވި އީމެއިލަކަށް ވަދެ، ރައީސް ޔާމިން ހައްޔަރުކުރުމަށް ނެރުނު ކަމަށް ބުނާ ލިޔުން ޑައުންލޯޑްކޮށް އެ ލިޔުމަށް އަޙުމަދު ނީހާން ބަދަލު ގެންނެވިކަން ހެކިންގެ ހެކިބަހުން ސާބިތުވާކަމަށް ކުރިމިނަލް ކޯޓްގެ ޙުކުމްގައިވެއެވެ. އަދި އެ އަމުރު ނެރުމުގެ ނުރައްކާތެރިކަމާ ގުޅޭގޮތުން އަޙުމަދު ނިހާން ވާހަކަ ދެއްކެވިކަން ހެކިންގެ ހެކިބަހުން ސާބިތުވާކަންވެސް ކުރިމިނަލް ކޯޓްގެ ޙުކުމްގައި ފާހަގަކުރައްވާފައިވެއެވެ.  

ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރެއްވުމަށް ޞައްޙަ ނޫން ކޯޓް އަމުރު ނެރުނު މައްސަލާގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުޙުސިންވެސް ސަތާރަ އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ރޭ ޙުކުމްކުރައްވާފައިވެއެވެ.