ޚަބަރު

ޑީސަލް ލިބޭ އަގު ބޮޑުނުވާނަމަ، ފިއުލް ޑިސްކައުންޓް ލިބޭނެ


މާލެއަށް ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއަށް ޑީސަލް ގަންނަން ލިބޭ އަގަށް ދެފަހަރެއްގެ މަތިން ބަދަލު އައިސްފައި ވީނަމަވެސް، އެކަމާ ގުޅިގެން ކަރަންޓުގެ އަގަށް އެއްވެސް ބަދަލެއް ގެންނަވާފައި ނުވާކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ. 

ސްޓެލްކޯއިން މިކަން ބަޔާންކުރީ، ގޭބީސީތަކުގެ ކަރަންޓުގެ އަގު ހެޔޮކުރަން އެކުންފުނިން ނިންމިކަމަށް ބުނެ، ރައްޔިތުންނަށް ޙަޤީޤަތް އޮޅޭގޮތަށް ބައެއް އޮންލައިން ނޫސްތަކުގައި ޝާއިޢުކޮށްފައިވާތީއެވެ. ސަރުކާރުން ވަނީ ފެބުރުއަރީ އެކަކުން ފެށިގެން ޑީސަލް ގަންނަން ލިބޭ އަގު ހަތް ރުފިޔާ ފަސްލާރިން ފެށިގެން އަށް ރުފިޔާއާ ހަމައަށް ބަދަލު އައިނަމަވެސް ފިއުލް ޑިސްކައުންޓަށް އެއްވެސް ބަދަލެއް ނުގެންނަން ނިންމަވާފައެވެ. 

ނަމަވެސް ޑީސަލް ލިބޭ އަގު 8 ރުފިޔާއަށްވުރެ ބޮޑުނުވާނަމަ ފިއުލް ޑިސްކައުންޓް ލިބޭނެކަމަށް ޓެރިފް އޮނިގަނޑުގައިވެއެވެ. ސްޓެލްކޯއިން ބުނީ، އެކުންފުންޏަށް ޑީސަލް ގަންނަން ލިބޭ އަގަށް ދެފަހަރެއްގެ މަތިން ބަދަލު އައިސް އެ ކުންފުންނަށް މިހާރު ޑީސަލް ގަންނަން ލިބޭ އަގު 8 ރުފިޔާއާ ގާތަށް ބޮޑުވެފައިވާކަމަށެވެ. ނަމަވެސް ކަރަންޓުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށް ސްޓެލްކޯއިން ބުނެއެވެ. 

މޯލްޑިވްސް އެނާރޖީ އޮތޯރިޓީން ކަނޑައަޅުއްވާފައިވާ ޓެރިފް އޮނިގަނޑުގައި ވަނީ ޑީސަލް ގަންނަން ލިބޭ އަގު އަށްރުފިޔާއަށްވުރެ ބޮޑުނުވާނަމަ، މިހާރުވެސް ގޭބީސީއަކަށް ބޭނުންކުރާ ކަރަންޓަށް ފިއުލް ޑިސްކައުންޓް ލިބެމުންދާ އުޞޫލުން ޑިސްކައުންޓް ލިބޭނެކަމަށެވެ.