ޚަބަރު

އައިޕީޔޫގެ މުހިންމު 2 މަޤާމަކަށް މަޖިލީހުގެ ދެމެމްބަރުން


  • އައިޕީޔޫގެ މަޤާމުތަކަށް އިންތިޚާބުވީ މިހާރު ކުރިއަށްދާ އައިޕީޔޫގެ 149 ވަނަ އެސެމްބްލީގައި

  • ދެ މެމްބަރުން ހޮވިވަޑައިގެންނެވީ އޭޝިއާ ޕެސިފިކްގައި އަންހެނުންނަށް ޚާއްސަ ދެމަޤާމަށް

  • ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އައިޕީޔޫގެ މެންބަރަކަށްވީ 2005 ވަނަ އަހަރު

އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން، އައިޕީޔޫގެ މުހިންމު ދެ މަޤާމަކަށް ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ މާފަންނު މެދުދާއިރާގެ މެންބަރު، އަސްމާ ރަޝީދާއި ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސައުދާ އިންތިޚާބުވެވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވި އެދެބޭފުޅުން އައިޕީޔޫގެ މަޤާމުތަކަށް އިންތިޚާބުވެވަޑައިގެންނެވީ މިހާރު ޖެނީވާގައި ކުރިއަށްދާ އައިޕީޔޫގެ 149 ވަނަ އެސެމްބްލީގެ ތެރެއިންކަމަށެވެ.

ޖެނީވާގައި ކުރިއަށްދާ އައިޕީޔޫގެ 149 ވަނަ އެސެމްބްލީގައި މާފަންނު މެދުދާއިރާގެ މެންބަރު އަސްމާ ރަޝީދު އިންތިޚާބުކޮށްފައިވަނީ ހައި-ލެވެލް އެޑްވައިޒަރީ ގްރޫޕް އޮން ކައުންޓަރިންގ ޓެރަރިޒަމް އެންޑް ވަޔޮލެންޓް އެކްސްޓްރީމިޒަމްގައި އޭޝިޔާ ޕެސިފިކް ސަރަޙައްދު ތަމްސީލް ކުރުމަށެވެ. ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސައުދާ އިންތިޚާބުވެވަޑައިގަތީ ޔަންގް ޕާލަމަންޓޭރިއަންސް ފޯރަމްގައި އޭޝިޔާ ޕެސިފިކް ސަރަޙައްދު ތަމްސީލް ކުރުމަށެވެ. މި 2 މަޤާމަކީވެސް އޭޝިޔާ ޕެސިފިކް ސަރަޙައްދުގެ އަންހެން މެންބަރުންނަށް ހުޅުވާލެވުނު ދެ މަޤާމުކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ.

ޔަންގް ޕާލަމެންޓޭރިއަންސް ފޯރަމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤާނޫނު ހަދާ މަޖިލިސްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަކާލާތުކުރުމަށް އައިޕީޔޫގައި އުފައްދާފައިވާ ޚާއްސަ ޕްލެޓްފޯމެކެވެ. ޤާނޫނު ހަދާ މަޖިލިސްތަކުގެ ޖުމްލަ މެންބަރުންގެ ތެރެއިން ޒުވާނުންގެ ނިސްބަތަކީ 3 އިންސައްތައަށްވުރެ ކުޑަ އަދަދަކަށްވާތީ، ޤާނޫނު ހަދާ މަޖިލިސް ތެރޭގައާއި އަދި ދުނިޔޭގެ މައިދާނުގައިވެސް ސިޔާސީ ނިންމުންތައް ނިންމުމުގައި އެމީހުންގެ އަޑު އިއްވުމުގައި މިފޯރަމުން މުހިންމު ދައުރެއް އަދާކުރެއެވެ.

ހައި-ލެވެލް އެޑްވައިޒަރީ ގްރޫޕް އޮން ކައުންޓަރިންގ ޓެރަރިޒަމް އެންޑް ވަޔޮލެންޓް އެކްސްޓްރީމިޒަމްއަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި އަނިޔާވެރި ހަރުކަށި ފިކުރު ހުއްޓުވުމަށް ޤާނޫނު ހަދާ މަޖިލިސްތަކުން ކުރާ މަސައްކަތްތަކަށް އެހީތެރިވެދީ، އެފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް ސިޔާސަތުތަކާއި ފިޔަވަޅުތަކާ ބެހޭގޮތުން ޤާނޫނު ހަދާ މަޖިލިސްތަކަށް ލަފާދިނުމަށް އައިޕީޔޫގައި އުފައްދާފައިވާ ގްރޫޕެކެވެ.

މީގެކުރިންވެސް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ އައިޕީޔޫގެ އެކި މަޤާމުތައް އަދާކުރައްވާފައެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އައިޕީޔޫގެ މެންބަރަކަށްވީ 2005 ވަނަ އަހަރުއެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ އައިޕީޔޫގެ މެންބަރު ޤައުމުތަކުގެ ތެރެއިން ހަރަކާތްތެރި އެއް ޤާނޫނު ހަދާ މަޖިލިސްކަމަށް އައިޕީޔޫއިން ފާހަގަކުރައްވާފައިވާކަން މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ.