ޚަބަރު

ޤައުމީ ކޮންމެ ކުޅިވަރަކަށް ޚާއްސަ ކުޅިވަރު ފެސިލިޓީއެއް


ޤައުމީ ކޮންމެ ކުޅިވަރަކަށް ޚާއްސަ ކުޅިވަރު ފެސިލިޓީއެއް މި ފަސް އަހަރުތެރޭ ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ޤައުމީ ކޮންމެ ކުޅިވަރަކަށް ޚާއްސަ ކުޅިވަރު ފެސިލިޓީއެއް ނެތުމަކީ ކުޅިވަރު ކުޅޭ ކުޅުންތެރިންނާއި އެސޯސިއޭޝަންތަކުގެ އެންމެ ބޮޑު އެއް ޝަކުވާއެވެ.

މޯލްޑިވިސް ސްޕޯޓްސް އެވޯޑް 2024 ގައި ވާހަކަފުޅުދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ ފާއިތުވި އަހަރު ތަކުގައި އެސޯސިއޭޝަންތައް އަވަސް އަވަހަށް ނޯމަލައިޒް ކުރުމަކީ ނިހާޔަތަށް ކަންބޮޑުވާ ކަމެއްކަމަށެވެ. ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ ކުޅިވަރުގެ ގަވަރނަންސް ވަރުގަދަ ކުރުމަށްޓަކައި ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރަމުން އަންނަކަމަށެވެ.

" ކުޅިވަރު ކުޅޭ ކުޅުންތެރިންނާއި އެސޯސިއޭޝަންތަކުގެ އެންމެ ބޮޑު އެއް ޝަކުވާކަމަށްވާ ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން ޤައުމީ ކޮންމެ ކުޅިވަރަކަށް ޚާއްސަ ކުޅިވަރު ފެސިލިޓީއެއް މި ފަސް އަހަރު ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއް." ވަޒީރު ވިދާޅުވިއެވެ.

ކުޅިވަރުގެ ރޮނގުން މީހުން ބިނާ ކުރުމާއި އެހީތެރިވުމަށް، ސަޢުދީ އަރަބިއްޔާއާއެކު އެމްއޯޔޫ އެއްގައި ދާދި ފަހުން ސޮއިކުރެވިފައިވާ ކަމަށާއި މީގެ އިތުރުން ޗައިނާ، އިންޑިއާ، މެލޭޝިއާ، ޔޫއޭއީގެ އަދި އެހެން ޤައުމުތަކާއެކު ކުޅިވަރާއި ގުޅުން ހުރި ކަންކަމުގައި އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރިޔައްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.