ޚަބަރު

ދިވެހި ޤައުމީ ދިދަ: ޤައުމިއްޔަތުގެ އެންމެ ޚާއްޞަ ރުކުން


ޤައުމީ ދިދައަކީ ޤައުމުގެ ފާހަގައެވެ. ޤައުމީ ރަމްޒެވެ. ޤައުމަކީ ކޮން ޤައުމެއްކަން ދައްކުވައިދޭ އެއްޗަކީ ޤައުމީ ދިދައެވެ. އެންމެ ފަސޭހައިން ޤައުމު ސިފަކޮށްދޭ އެއްޗަކީވެސް ޤައުމީ ދިދައެވެ. ދިވެހިރާއްޖޭގެ ދިދައަކީ ދިވެހިންގެ މިނިވަންކަމާއި ދިވެހިންގެ ޝަރަފާއި ފަޚުރު ރަމްޒުކޮށްދޭ އެއްޗެކެވެ. ޤައުމީ ދިދައިގެ މުހިންމުކަން އެންމެ ބޮޑަށް ހާމަކޮށްދެނީ ޤައުމީ ސަލާމުންނެވެ. ޤައުމީ ސަލާމުގެ އަށް ބައިތުގެ ތެރެއިން ދެ ބައިތު ޚާއްޞަ ކުރެވިފައިވަނީ ޤައުމީ ސަލާމަށެވެ. ދުނިޔޭގައި ޤައުމީ ދިދައިގެ ތާރީޚް ފެށިފައިވަނީ އިންސާނީ ތާރީޚް ފެށުނު ހިސާބުންކަމަށް ބުނެވެއެވެ. އެންމެ ފުރަތަމަ ޤަބީލާތަކުގައި މީހުން އުޅުނުއިރުވެސް އެމީހުންނަކީ ކޮންބައެއްކަން ދައްކުވައިދޭން ހަނގުރާމަތަކުގައިވެސް ދިދަ ބޭނުންކުރިއެވެ.

ދިވެހި ޤައުމީ ދިދަ ގެންގުޅެން ފެށުނު ތާރީޚެއް އެނގޭކަށެއް ނެތެވެ. ނަމަވެސް ދިވެހި ދިދާއިގެ ގޮތުގައި ފުރަތަމަ ގެންގުޅެފައިވަނީ ރަތްކުލައިގެ ފޮތިގަނޑެއްކަން އެނގެއެވެ. ދިވެހި ޤައުމީ ދިދަ ބޭނުންކުރަން ފެށުނުގޮތް ދަޢުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަމުގެ ޝަރަފު ލިބިވަޑައިގެން ހުންނެވި ޢަބްދުލް ރަޝީދު ޙުސައިން ތަފްޞީލްކޮށްދެއްވިއެވެ.

ދައުލަތުގެ އޮފީސްތަކުގައި ޤައުމީ ދިދަ ނަގަން ފަށާފައިވަނީ 1945 ވަނައަހަރުއެވެ. އެއިރު ދިދަ ނަގަނީ ހެނދުނު 6 ން ފެށިގެން އިރުއޮއްސި 6 އަށެވެ. އެންމެ ފުރަތަމަ ދިވެހި ޤައުމީ ދިދަ ބޭނުންކުރަން ފެށުނުއިރު ދިދައިގެ މެދުގައި ހަނދުފަޅިއާއެކު ތަރިއެއްވެސް ހުރެއެވެ. އަދި ދަނޑިއާއިވީ ފަރާތުގައި ކަޅާއި ހުދުގެ ރޮނގުތަކެއްވެސް ހުރެއެވެ. 

img:http://s2.psmnews.mv/images/660x400/14655577695865.JPG|ދިވެހި ދިދައިގެ ގޮތުގައި ކުރިން ބޭނުންކުރި ދިދައެއް

ނަމަވެސް 26 ޖުލައި 1965 ގައި އިނގިރޭސީންގެ އަޅުވެތިކަމުން މިނިވަންކަން ލިބުމާއެކު ވަޒީރުންގެ މަޖިލީހުން ފާސްކުރައްވައިގެން ދިދާގެ ދަނޑިއާވީ ފަޅީގައި ހުރި ކަޅާއި ހުދުގެ ފަށް ނައްތާލެއްވިއެވެ. ދިވެހި ދިދަ ހުންނަންވީ ގޮތް ޤާނޫނު އަސާސީގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ޤާނޫނު އަސާސީގައި ވާގޮތުން ދިދަ އެކުލެވިގެންވަނީ ފެހިކުލައިގެ ދިގުއަކައެއްގެ މެދުގައި ހުންނަ ހުދު ހަނދުފަޅިއަކާއި މި ފެހި ދިގު އަކައިގެ ބޭރުން ހުންނަ ރަތްކުލައިގެ ބޯޑަރެއްގެ މައްޗަށެވެ.

ދިވެހި ޤައުމީ ދިދަ މިނިވަންކަމާއެކު ވިހުރެމުންދާއިރު އެ ދިދައިގެ ކުލަތަކުން ދިވެހިންގެ ދިވެހިވަންތަކަން ރަމްޒުކޮށްދެއެވެ. އެގޮތުން ދިވެހި ދިދައިގައި ހިމެނޭ ރަތްކުލައިން ރަމްޒުކޮށްދެނީ ދިވެހި ޤައުމަށްޓަކައި ޝަހީދުވެފައިވާ ޝަހީދުންގެ އަގުމާތް ޤުރުބާނީއެވެ. ފެހި ކުލައިން ރަމްޒުކޮށްދެނީ ދިވެހިންނަކީ ޞުލްޙަވެރިކަމަށް ލޯބިކުރާ ބައެއްކަމެވެ. ހުދުކުލައިގެ ހަނދުފަޅިން ރަމްޒުކޮށްދެނީ ދިވެހިންގެ ދީން، އިސްލާމްދީނެވެ. ދިވެހި ޤައުމި ދިދަ ރާއްޖޭގެ ރަށް ރަށުގައި ޢާއްމުވާން ފެށީ 1979 ގެ ފަހުންކަމަށް ބުނެވެއެވެ. އެއީ އޮފީސްތަކާއި ކޯޓްތަކާއި މަދަރުސާތަކުގައި ދިވެހި ޤައުމި ދިދަ ނަގަންފެށުމުންނެވެ. ދިވެހި ޤައުމީ ދިދަ ބަޔާބެހޭ ޤަވާޢިދުގައިވާ ގޮތުން ރައީސުލްޖުމުހޫރިއްޔާގެ އޮފީހާއި ރައީސުލްޖުމުހޫރިއްޔާގެ ރަސްމީ ގެއާއި ރައްޔިތުން މަޖިލިސް ކުރާގެޔާއި ދިވެހި ރާއްޖޭގެ ހައިކޯޓާއި ނޭޝަނަލް ޝެކިއުރިޓީ ސަރވިސް ހެޑްކުއާރޓަރސްގައި ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނެގިފައި ހުންނަންޖެހެއެވެ.

img:http://s3.psmnews.mv/images/660x400/14655582626294.JPG|ދިވެހި ދިދަ ހުންނަންޖެހޭ ގޮތް /

ދިވެހި ޤއުމީ ދިދަ ގެންގުޅެންޖެހޭ އުޞޫލުތައް ހަމަޖެހިގެން އައިސްފައިވަނީ 1989 ވަނަ އަހަރުގެ މާރޗް މަހުގެ 19 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމަކުންނެވެ. އެ އުޞޫލުގައި ދިވެހި ޤައުމީ ދިދައަށް ޙުރުމަތްތެރިކޮށް ހިތުމުގެ އުޞޫލުތައް ބަޔާންކޮށްފައިވެއެވެ. ދިވެހި ދިދައަށް ކޮންމެ ޙާލަތެއްގައިވެސް ޙުރުމަތްތެރިކޮށް ހިތުމަށާއި، ޤައުމީ ދިދަ ނޫން އެހެން ދިދައަކާއެކު ނަގާނަމަ އިސްކުރަން ޖެހޭނީ ދިވެހި ދިދަކަމާއި، އެހެން ޤައުމެއްގެ ދިދަ ދިދައާއެކު ނަގާނަމަ ހުންނަންވާނީ އެއް އުސްމިނެއްގައި ނަމަވެސް ޤައުމީ ދިދައަށް އިސްކަންދޭންވާނެ ކަމަށެވެ.

1992 ވަނަ އަހަރުގެ އޭޕްރީލްމަހު ދިވެހި ސިފައިންނަށް 100 އަހަރު ފުރުމާ ގުޅިގެން ޖުމްހޫރީ މައިދާނުގައި ވަކި ބިނާއެއް ބިނާކޮށް ބޮޑު ދިދަ ނެގުނެވެ. ދިވެހި ޤައުމީ ދިދައަށް އިޙްތިރާމް އަދާކޮށް ޙުރުމަތްތެރިކޮށް ހިތަންޖެހޭ ސަބަބު ޢަބްދުއްރަޝީދު ޙުސައިން ތަފްޞީލްކޮށްދެއްވިއެވެ.

މިއަދު ދިވެހި ރާއްޖޭގައި އެކި މުނާސަބަތުތަކުގައި ތަންތަން ޒީނަތްތެރިކޮށް، ޤައުމީ ރޫޙު އުފެއްދުމަށް ދިވެހި ދިދަ ބޭނުންކުރެއެވެ. އެގޮތުން ކުޅިވަރު ކުޅޭ މައިދާންތަކުންނާއި ސިޔާސީ މައިދާނުގައިވެސް އަދި ސްކޫލް މަދަރުސާތަކާއި ދިވެހި މަސްކަނޑުތަކުންވެސް ދިވެހި ޤައުމީ ދިދަ ފެންނަމުންދެއެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިންގެ ހިތްތަކުގައި ޤައުމީލޯބި އުފެދި ޤައުމާމެދު މުޅިން އާ ރޫޙެއް އުފެދެއެވެ.

ދިވެހިދިދަ ޖައްވުގައި މިނިވަންކަމާއެކު ވިހުރުވެމުން ދާއިރު ހަދާންވަނީ ދިވެހި ކާބަފައިން ޤައުމުގެ މިނިވަންކަމާއި އިސްތިސްތިޤްލާލު ދެމެހެއްޓުމަށްޓަކައި ކުރެއްވި އަގުނުކުރެވޭފަދަ ޚިދުމަތްތަކެވެ. މިލޮބުވެތި ފަސްގަނޑަށްޓަކައި ޤުރުބާންތަކެއް ވެލައްވާފައިވާކަމެވެ. އަޅުގަންޑުމެންވެސް ކާބަފައިން ފަދައިން ދީނާއި ޤައުމަށްޓަކައި ޤުރްބާންވާން ޖެހޭނެކަން ހަނދާން ކޮށްދެއެވެ.