ޚަބަރު

ނެޝަނަލް ސްޕޯޓްސް ޑިވެލޮޕްމަންޓް ފަންޑާއެކު ކުޅިވަރު އެހެން ހަރުފަތަކަށް


މޮޅެތި އެތުލީޓުން އުފެއްދުމާބެހޭ ދިގު ރާސްތާގެ ޕްލޭންގެ މަސައްކަތުގައި ހިމެނޭ "ނެޝަނަލް ސްޕޯޓްސް ޑިވެލޮޕްމަންޓް ފަންޑު" ގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

މޯލްޑިވިސް ސްޕޯޓްސް އެވޯޑް 2024 ގައި ވާހަދައްކަމުން ވަޒީރު ވިދާޅުވީ ރާއްޖޭގެ ކުޅިވަރުގެ ކުރިމަގަށް މި ސަރުކާރުން މުހިންމު ކަމެއްދީގެން އެންމެ ފުރަތަމަ ކުރެވުނު މަސައްކަތަކީ ކުޅިވަރުގެ ދިގު ރާސްތާ ޕްލޭން އެކުލަވާލުން ކަމަށެވެ. މި ޕްލޭނުގައި ސާކް ސަރަހައްދުން ބޭރުން މެޑަލް ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ދެނެގަނެ އެކަމަށް ކުރަންޖެހޭ މަސައްކަތް މިހާރު ފެށިފަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އޭޝިއަން ގޭމްސް ނުވަތަ އޮލިމްޕިކްސްގެ ޕޯޑިއަމް ފިނިޝްއަކާ ހަމައަށްދިޔުމުގެ ފުރަތަމަ މަރުހަލާ ދިވެހިރާއްޖެއިން ވަނީ ކަޑައްތުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

" މިއަހަރުގެ ޖުލައި މަހު ޕެރިހުގައި އޮތް އޮލިމްޕިކްސް އަށް ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ ކޮލިފައިވުން. ސާކް ސަރަހައްދުގެ ކޮލިފައިންގެ އެއްވަނަ ހޯދައި އޮލިމްޕިކްސްއަށް ކޮލިފައިވި ދުވަހަކީ ދިވެހިރާއްޖޭގެ ކުޅިވަރުގައި ރަން އަކުރުން ފަވާލެވުނު ފަޚުރުވެރި ދުވަހެއް. " ރާފިއު ވިދާޅުވިއެވެ.

ވަޒީރު މިހެން ވިދާޅުވިއިރު މިއަހަރު ރާއްޖޭގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕުން ލިބުނު ކާމިޔާބެއް ގޮތުގައި 2026 ވަނަ އަހަރު ޖަޕާންގައި އޮންނަ އޭޝިއަން ގޭމްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި ކުޅިވަރުގެ ޝަރަފް ސާފިން އިން ވަނީ ހޯދާފައެވެ.