ދީން

ޤުރުއާން ހިތުދަސްކުރާ މީހުންނަށް ޚާއްސަ ސަނަދެއް ދެއްވަނީ


ދީނީ ގޮތުން ބަލާއިރު، ޤުރްއާން ހިތުދަސްކުރުމަކީ ކިފާޔަތުގެ ވާޖިބެކެވެ. ދީނީ ޢިލްމުވެރިން ވިދާޅުވާގޮތުގައި، ޤުރުއާން ރައްކާތެރިކުރުމަށް ލިބިފައިވާ އެންމެ ރައްކާތެރި ކަންވާރަކީ މުސްލިމުންގެ ހިތްތަކަށްވާއިރު، ޤުރްއާން ހިތުދަސްކުރުމަކީ ޤުރްއާން ރައްކައުތެރިކުރުމަށް ކުރެވޭނޭ އެންމެ އަގުހުރި މަސައްކަތެކެވެ.

ތާރީޚުން އެނގޭ ގޮތުގައި ޤުރްއާން ހިތުދަސްކުރާ މީހުންގެ ދަފްތަރެއް ބެލެހެއްޓެވުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވާފައިވަނީ 1940 ވަނަ އަހަރުއެވެ. އޭރުން ފެށިގެން މިހާތަނަށް 270 މީހުން ޤުރްއާން ހިތުދަސްކޮށްފައިވެއެވެ. ކުރިން ޤުރުއާން ހިތުދަސްކުރުމުގެ ކަންކަން ބަލަހައްޓަވާނެ ވަކިން ޚާއްޞަ މުއައްސަސާއެއް ނެތްނަމަވެސް ޤުރްއާން ހިތުދަސްކުރާ މީހުންނަށް އެކަން ކުރެވޭނޭ ނިޒާމް، ސަރުކާރުގެ ތެރެއިން ޤާއިމް ކުރެވިފައިއޮވެއެވެ. އަދި ޤުރްއާން ހިތުދަސްކުރާ ފަރާތްތަކައް ޚާއްޞަ އިނާޔަތްތައް ދެއްވައެވެ. 

ޤުރްއާން ހިތުދަސްކުރާ މީހުންނަށް ދޭ އެލަވަންސް 30 ރުފިޔާއިން ފެށުނުނަމަވެސް އެކި ދުވަސްވަރުގައި ބޮޑުވަމުން އައިސް މިހާރު ވަނީ 2000 ރުފިޔާއަށް ބޮޑުކުރައްވާފައެވެ. އަދި ޙާފިޒްކަމުގެ ސަނަދު ލިބުމުގެ ކުރިން ދަސްކުރާ ކޮންމެ ފޮތަކައްވެސް ސަރުކާރުން 500 ރުފިޔާގެ އެލަވެންސެއް ދެއްވައެވެ. ޤުރްއާނާބެހޭ ޢިލްމު ކުރިއަރުވައި، ހޭލުންތެރިކުރެއްވުމުގެ ގޮތުން ދެހާސްވަނަ އަހަރު ސަރުކާރުން "ކީރިތި ޤުރްއާނާބެހޭ މަރުކަޒު" ގެ ނަމުގައި މުއައްސަސާއެއް ޤާއިމްކުރައްވައި، ޤުރްއާން ހިތުދަސްކުރަން ބޭނުންވާ ފަރާތްތަކަށް އިންތިޒާމްތަކެއް ހަމަޖެއްސެވިއެވެ. 

އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލްކުރާ، މަތީ ފެންވަރުގެ ސަނަދެއް ދެއްވުމަށް ވިސްނާވަޑައިގަންނަވަމުން ގެންދަވާ ކަމަށްވެސް އެމަރުކަޒުން ވިދާޅުވެއެވެ. އެ މަރުކަޒުގައި މިހާރުވެސް ދުވާލަކު ދެގަޑިއިރުގެ ސޯޅަ ކްލާސް ނަންގަވައިދެއްވައެވެ. އަދި ޤުރްއާން ހިތުދަސްކުރާ މީހުން ކިޔެވުމާއި، ކިޔާދިނުމާއި ،އަދި މުރާޖަޢާކުރުމުގެ ކަންކަން ކުރިޔަށް ގެންދަނީ އެ މަރުކަޒުގެ ބެއްލެވުމުގެ ދަށުންނެވެ. އެމަރުކަޒުން ވިދާޅުވީ، ޙާފިޒުންގެ ޢަދަދު ގިނަކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެކަމާ އެކުއެކީގައި ޙާފިޒުންނަށް ހުރި ފުރުޞަތުތައްވެސް ފުޅާކުރައްވަމުން ގެންދަވާކަމަށެވެ.

ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި މިހާރު ހިންގާ ޤުރްއާން ހިތުދަސްކުރާ ކްލާސްތަކުގައި މިހާރުވެސް 302 މީހުން ޤުރްއާން ހިތުދަސްކުރުމަށް މަސައްކަތް ކުރަމުންދެއެވެ. ކްލާސްތަކަށް ބަލާއިރު ގިނައީ މެދުޢުމުރުގެ އަންހެނުންކަން ފާހަގަކުރެވެއެވެ. މިކުލާސްތަކުގައި ކިޔަވާ ބައެއް މީހުންނާއި ކިޔަވައިދެއްވާ ބައެއް ޙާފިޒުންނާއި ވާހަކަ ދައްކާލީމެވެ.

ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ދަނީ މާލޭގެ ހުރިހާ ސްކޫލެއް ހިމެނޭ ގޮތަށް ކީރިތި ޤުރްއާން ހިތުދަސްކޮށްދޭ ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމް ވަރަށް ކާމިޔާބުކަމަށާއި، މީގެ ސަބަބުން ޅައުމުރުގައި ޤުރްއާން ހިތުދަސްކުރާ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އެމަރުކަޒުން ވިދާޅުވެއެވެ.