ޚަބަރު

ޓްރެފިކް ފްލޯގެ ބަދަލަށް ރައްޔިތުންގެ ބޮޑު އެއްބާރުލުމެއް ލިބޭ


ރޯދަމަހު މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ގެނައި ބަދަލަށް ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމުގެ ސަބަބުން، ހުށަހެޅޭ ޓްރެފިކް މައްސަލަތައް މަދުވެފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ވިދާޅުވީ ރޯދަމަހު ރޯދަ ކުރުކުރުމުގެ ގޮތުން ފިނި ބުރުޖެހުމަށް މަގުތަކަށް ނުކުންނަ ޢާއްމުންގެ ރައްކާތެރިކަމަށް ޓްރެފިކް ފްލޯއަށް ރޯދަމަހު ގެނައި ވަގުތީ ބަދަލަށް ރައްޔިތުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށެވެ. އެގޮތުން ދަތުރުފަތުރުގެ ނިޒާމަށް ގެނައި ބަދަލަށް ހުރިހާ ފަރާތްތަކަކުންވެސް ފުރިހަމައަށް އެއްބާރުލުން ދެއްވާކަމަށާއި، ނަތީޖާއެއްގެގޮތުން މިހާތަނަށް ހަވީރުގެ ވަގުތު ތަކުގައި ހުށަހެޅޭ ޓްރެފިކް މައްސަލަތައް މަދުވެގެން ގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިއީ ކާމިޔާބީއެއްކަމަށާއި، މިކަމަށްޓަކައި ފުލުހުންގެ ފަރާތުން ހުރިހާ ރައްޔިތުންނަށް ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މިގޮތަށް އެއްބާރުލުން ދެއްވާނަމަ، ހުރިހާ ފަރާތްތަކަކަށްވެސް ޢާއިލާ އާއި ރަޙްމަތްތެރިންނާއެކު ރޯދަ ކުރުކޮށްލައި އުފާވެރި ވަގުތު ހޭދަކުރަން ރައްކާތެރި ފުރުޞަތުތައް ކަށަވަރުކޮށްދެވޭނެކަމަށް ފުލުހުން ވިދާޅުވެއެވެ. ރޯދަމަހު މާލޭގެ މަގުތަކުގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ދަނީ ހުރިހާ ވަގުތެއްގައިވެސް ޙަރަކާތްތެރި ވަމުންނެވެ. ވަކިން ޚާއްޞަކޮށް ސްކޫލުތައް ހިމެނޭ ސަރަޙައްދުތަކާއި އޮފީސްތައް ހިމެނޭ ސަރަޙައްދު އަދި ބާޒާރުމަތީގެ ސަރަޙައްދުތަކުގައި ފުލުހުން ދާޢިމީ ގޮތެއްގައިތިބެ ދަނީ މަގުތަކުގެ ތަރުތީބު ދަމަހައްޓަމުންނެވެ.