ޚަބަރު

ޣައްޒާ ޢުދުވާން ހުއްޓުމާ ގުޅޭ މަޝްވަރާތަކަށް ޔަހޫދީން ހުރަސްއަޅާފައި އޮންނަތާ ހަތަރު ހަފުތާ


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން މީގެ އަހަރެއްހާ ދުވަސް ކުރިން ފެށި ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމާ މެދު ކުރަމުން ދިޔަ މަޝްވަރާތަކަށް ޔަހޫދީން ހުރަސް އަޅާފައި އޮންނަތާ ހަތަރު ހަފުތާ ފާއިތުވެއްޖެއެވެ. ޔަހޫދީންނާއި ޣައްޒާގެ މުޖާހިދުންނާ ދެމެދު މަޝްވަރާތައް ވިލަރެސް ކުރަނީ ޤަޠަރާއި މިޞްރު ގުޅިގެންނެވެ. ޤަޠަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު އަލް-ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލް-ޘާނީ ވިދާޅުވީ ދެ ފަރާތުގެ ދެމެދުގައި މަޝްވަރާތައް ނުބޭއްވޭތާ ހަތަރު ހަފުތާއެއްހާ ދުވަސް ފާއިތުވެފައިވާ ކަމުގައެވެ.

"މަޝްވަރާތަކުގެ ކުރިމަގާ މެދު, ޖުމްލަ ގޮތެއްގައި ދެންނެވޭނީ ފާއިތުވި ތިން, ހަތަރު ހަފުތާގެ ތެރޭގައި އެެއްވެސް ވަރަކަށް މަޝްވަރާ ކުރެވިފައެއް, ބައްދަލުވުމެއް ބޭއްވިފައެއް ނުވޭ. އެއްވެސް ކޮޅެއްގައި ނުޖެހި މަޝްވަރާތައް ދަނީ ބުރުއަޅަމުން އަދި ދެ ފަރާތުން ވެސް އޮތީ ހަމަހިމޭނުން [ވާހަކަ ނުދައްކައި]،" ބެލްޖިޔަމްގެ ވެރިރަށް ބްރަސަލްސްގައި ވިލާތުގެ އިއްތިހާދު (އީޔޫ)އާއި ގަލްފް ކޯޕޮރޭޝަން ކައުލްސިލް (ޖީސީސީ)ގެ ޤައުމުތަކާ ދެމެދު ބޭއްވި ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޝައިޚް މުޙައްމަދު ވިދާޅުވިއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް މީގެ އަހަރެއްހާ ދުވަސް ކުރިން ލާއިންސާނީ ޖަރީމާތައް ފެށުމަށް ފަހު ސެޕްޓެންބަރު 23ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޤަތުލުޢާންމު ހިންގަން ފަށާފައެވެ. ލުބްނާންގެ ޢާންމުން ދިރިއުޅޭ ރަށްތަކަށް ނިރުބަވެރި ވައިގެ ޙަމަލާތައް ދޭން ފެށުމަށް ފަހު, އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ވަނީ އެއްގަމު މަގުން ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކަށް އަރައިގަނެފައެވެ. އެ ސަރަޙައްދުތަކަށް ޔަހޫދީ ސިފައިން އަރައިގަނެފައި ވަނީ ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކުގައެވެ. ލުބްނާންގެ އިރުމަތީގެ ސަރަޙައްދުތަކުން އެ ޤައުމަށް އަރައިގަތުމަށް ވެސް ޔަހޫދީ ފައުޖުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ބުނީ, މެދުއިރުމަތީގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން އުފެދިފައިވާ މައްސަލަ ހައްލު ކުރުމަަށް އެޅޭނެ އެންމެ ފުރަތަމަ ފިޔަވަޅަކީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހުއްޓައިލުން ކަމުގައެވެ. އެ ޢުދުވާން ފެށުމާ އެކު, މެދުއިރުމަތީގެ ޤައުމުތަކުގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތްތަކާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ ޔަހޫދީންނަށް ދެކޮޅަށް ތެދުވެފައެވެ.

އޭގެ ތެރޭގައި ލުބްނާނުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުالله ހިމެނެއެވެ. ޙިޒްބުاللهގެ މުޖާހިދުން ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ޙަމަލާ ދޭން ފަށާފައި ވަނީ ފަަލަސްޠީނުގެ މުސްލިމުންނާއި, ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކަށް ވާގިވެރިވުމުގެ ގޮތުންނެވެ. އަދި, ޣައްޒާ ޢުދުވާން ހުއްޓައިލަން ޔަހޫދީންނަށް ބާރުއެޅުމުގެ ގޮތުންނެވެ. ނަމަވެސް, ޙިޒްބުالله ހުއްޓުވުމުގެ ނަމުގައި ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދު ކުރުމަށް ވެސް ޖަރީމާތަކެއް ފަށާފައެވެ.

ޙަމާސާއި ޙިޒްބުاللهއަކީ މެދުއިރުމަތީގެ މައި ބާރެއްގެ ގޮތުގައި ބެލެވޭ އީރާނުން ވާގިވެރިވާ އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ ޖަމާޢަތްތަކެކެވެ. ޣައްޒާ ޢުދުވާނާ ގުޅުވައި ޖުލައި 31ވަނަ ދުވަހު ޔަހޫދީ ފައުޖުން އީރާނުގެ ވެރިރަށް ތަހްރާނަށް ވެސް ނިރުބަވެރި ޙަމަލާއެއް ދިނެވެ. އެ ޙަމަލާގައި, ޣައްޒާގެ ސިޔާސީ ގޮފީގެ ކުރީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލިއެވެ.

އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން އޮކްޓޫބަރު 1ވަނަ ދުވަހު އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ވަނީ ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި 180އެއްހާ ބެލިސްޓިކް މިސައިލް ބޭނުންކޮށް, ޔަހޫދީންގެ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ދިނެވެ. އެ ޙަމަލާތަކުގެ ބަދަލު ހިފުމަށް ޔަހޫދީން މި ވަގުތު ދަނީ ތައްޔާރުވަމުންނެވެ.

މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ބިސްމު ނަޢީމް ވިދާޅުވީ މެދުއިރުމަތީގައި ހޫނުވަމުންދާ މަސްރަޙު ފިނިކުރެވޭނީ ޣައްޒާ ޢުދުވާން ނިމުމަކަށް ގެނެސްގެން ކަމުގައެވެ. "މި ކަން މި އޮތީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި, ދެ ފަރާތް ވެސް [ޣައްޒާއާއި ލުބްނާން], އެންމެ ފުރަތަމަ މައްސަލަ ކަމުގައިވާ ޣައްޒާގައި ޢުދުވާން ހިންގުން ހުއްޓައިލައިގެން މެނުވީ ދެމެހެއްޓެނިވި ގޮތެއްގައި ޙަމަލާ ބަދަލު ކުރުން ހުއްޓައެއް ނުލެވޭނެ, ދެމެހެއްޓެނިވި ޙައްލެއް ނުގެނެވޭނެ،" އޭނާ ވިދާޅުވިއެވެ.

މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންގަނޑު ޙައްލު ކުރުމަށް އޮތް ގޮންޖެހުންތައް ނަޢީމްގެ ބަސްފުޅުތަކުން ހާމަވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އެއް ސަބަބަކީ, ޣައްޒާ ޢުދުވާން ފެށުމާ އެކު ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ޙޫޘީން ވެސް ޔަހޫދީންނާ ދެކޮޅަށް އަސްކަރީ ހަރަކާތްތައް ފަށާފައިވުމެވެ. އެއީ ވެސް އެކްސިސްގައި ހިމެނޭ ޖަމާޢަތެކެވެ. އަދި, ޙޫޘީން ހުއްޓުވުމުގެ ނަމުގައި އެމެރިކާއިން ވެސް ވަނީ މައްސަލަގަނޑުގެ ތެރެއަށް ވަދެ, މެދުއިރުމައްޗަށް އަސްކަރީ މަނަވަރުތައް ފޮނުވާފައެވެ. އަދި, ޔަހޫދީންގެ މަސްލަޙަތު ޙިމާޔަތްކޮށް, ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ނަމުގައި ޔަމަނަށް ބޮން އަޅަން ފަށާފައެވެ.

"ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލަން ޔަހޫދީން އެއްބަސްވި ނަމަވެސް, މެދުއިރުމަތީގައި ހަމަޖެހުން ޤާއިމެއް ނުކުރެވޭނެ, [ސަބަބަކީ] ލުބްނާނާއި ފަލަސްޠީނާ ގުޅޭ އެންމެ ބޮޑެތި މައްސަލަތައް ހައްލު ކުރުމާ ގުޅޭ ގޮތުން އެ މީހުން [ޔަހޫދީންނާއި އެމެރިކާއިން] އެއްވެސް ވަރަކަށް ވާހަކައެއް ނުދައްކާ،" ނަޢީމް ވިދާޅުވިއެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 42,409އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 99,153 މީހުން ޒަޚަމު ކޮށްލާފައެވެ.