ޚަބަރު

ވަޒީފާގެ މަސައްކަތުގެ ތެރޭގައި މީހެއްގެ ފުރާނަ ގޮސްފިނަމަ މަދުވެގެން 1.4 މިލިޔަން ރުފިޔާގެ ބަދަލެއް!


  • އައު ގަވާއިދުގައިވަނީ މަސައްކަތަކުން އަނިޔާއެއް ލިބިއްޖެނަމަ ލިބޭ ބަދަލު ކަނޑައަޅާފައި

  • ލިބޭ އަނިޔާއެއްގެ ސަބަބުން ބަދަލުގެ ގޮތުގައި މަދުވެގެން ދެވޭނީ 1.2 މިލިޔަން ރުފިޔާ

ވަޒީފާއާ ގުޅިގެން ކުރާ މަސައްކަތެއްގެ ތެރޭގައި މީހެއްގެ ފުރާނަ ގޮސްފިނަމަ މަދުވެގެން 1.4 މިލިޔަން ރުފިޔާގެ ބަދަލު މިހާރު ދެވޭނެކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީން ވަނީ "މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ސިއްޙީ ރައްކާތެރިކަމުގެ ގަވާއިދު" އެކުލަވާލައްވާފައެވެ. މިގަވާއިދުގައި ވަޒީފާއާ ގުޅިގެން ކުރާ މަސައްކަތަކުން މީހަކަށް ނުކުޅެދުންތެރިކަމެއް ލިބެއްޖެނަމަ ނުވަތަ މީހެއްގެ ފުރާނަ ގޮސްފިނަމަ އެމީހަކަށް ލިބިދެވޭ ބަދަލުގެ ތަފްސީލްވެސް ހިމަނާފައިވެއެވެ.

ގަވާއިދުގައިވާ ގޮތުން މަސައްކަތުގެ ތެރޭގައި ނުވަތަ މަސައްކަތާ ގުޅިގެން ނުވަތަ މަސައްކަތުގެ ސަބަބުން މީހަކަށް އަނިޔާއެއްވެ ވަގުތީ ނުކުޅެދުންތެރިކަމެއް ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވެއްޖެނަމަ ނުވަތަ މަސައްކަތްތެރިއެއްގެ ފުރާނަ ހިނގައްޖެނަމަ، ޚަރަދުތަކާއި ގެއްލުމުގެ ބަދަލު އެމީހަކަށް ނުވަތަ އެމީހެއްގެ ޢާއިލާއަށް ނަގައިދެވޭނެއެވެ.

ވަޒީފާގައި ލިބޭ އަނިޔާއާ ގުޅިގެން ނަގައިދެވޭ ބަދަލުގެ ބާވަތްތައް:

• ލިބޭ އަނިޔާއަކަށް ބޭސްފަރުވާގެ ޚަރަދު
• ފަރުވާކުރަން ޖެހުމުން ވަޒީފާއަށް ނުނިކުމެ ހޭދަވާ ދުވަސްތަކަށް ލިބިދެވޭ އުޖޫރަ
• މަސައްކަތުގެ މާޙައުލުން ލިބޭ ވަގުތީ ނުކުޅެދުންތެރިކަމަށް ލިބިދެވޭ ބަދަލު
• މަސައްކަތުގެ މާޙައުލުން ލިބޭ ދާއިމީ ނުކުޅެދުންތެރިކަމަށް ލިބިދެވޭ ބަދަލު
• މަސައްކަތްތެރިޔާގެ ފުރާނަ ހިނގައްޖެ ހާލަތެއްގައި ލިބިދެވޭ ގެއްލުމުގެ ބަދަލު

ގަވާއިދުގައިވާ ގޮތުން މަސައްކަތްތެރިއަކަށް އަނިޔާއެއް ވެއްޖެނަމަ، ޖިސްމާނީ، ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްޙަތަކަށް ވާޞިލުވުމަށް ބޭނުންވާ އެކަށީގެންވާ ސިއްޙީ ފަރުވާ މަސައްކަތް ހަވާލުކުރާ ފަރާތުން ހަމަޖައްސަންވާނެއެވެ. އަދި މަސައްކަތުގައި ލިބޭ އަނިޔާއެއްގެ ސަބަބުން މަސައްކަތަށް ނުނިކުމެވި ހޭދަވާ މުއްދަތަށް އުޖޫރަ ދެވޭނީ އެ މުއްދަތަށް ދީފައިވާ ސަލާމުގެ ސެޓްފިކެޓާއި އެޑްމިޓުކުރި މުއްދަތަށް، ރަޖިސްޓްރީކޮށްފައިވާ ސިއްޙީ ޚިދުމަތްދޭ މަރުކަޒުން ދޫކުރާ ސެޓްފިކެޓު ހުށައެޅުމުންކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

މި ގަވާއިދުގައިވާ ގޮތުން ދާއިމީ އަދި ވަގުތީ ނުކުޅެދުންތެރިކަމެއް ދިމާވާ މީހަކަށް އަނިޔާގެ ބަދަލު ދެވޭނީ ދިމާވާ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ނުވަތަ މިންވަރަށް ބެލުމަށްފަހުއެވެ. އެގޮތުން ލިބޭ ނުކުޅެދުންތެރިކަމުގެ މިންވަރުތަކެއް ގަވާއިދުގައި ކަނޑައަޅާފައިވާއިރު ކޮންމެ ނުކުޅެދުންތެރިކަމުގެ މިންވަރަށް ބަދަލުގެ ގޮތުގައި ދެވޭނެ ފައިސާގެ އަދަދު ވަނީ ކަނޑައަޅާފައެވެ.

މި ގަވާއިދުގައިވާގޮތުން ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވެފައިވާ މީހާއަށް ގެއްލުމުގެ ބަދަލު މަދުވެގެން ނަގައިދެވޭނީ 10 އަހަރު ދުވަހަށެވެ. އަދި ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވާ މަސައްކަތްތެރިޔާއަށް ނަގައިދެވޭނެ ބަދަލުގެ އެންމެ މަތީ އަދަދަކީ 19 މިލިޔަން ރުފިޔާއެވެ. އެންމެ ދަށް އަދަދަކީ 1.26 މިލިޔަން ރުފިޔާއެވެ.

ވަޒީފާގެ ސަބަބުން ކުރާ މަސައްކަތެއްގެތެރޭގައި މީހެއްގެ ފުރާނަ ގޮސްފިނަމަ ބަދަލު ނެގުމަށް އެމީހެއްގެ ވާރިސުންނަށް އެދެވިދާނެއެވެ. އެގޮތުން މަސައްކަތް ހަވާލުކުރި ފަރާތުގެ އިހުމާލަކާ ނުލައި ދިމާވި ހާދިސާއެއްގެ ސަބަބުން ފުރާނަ ހިނގައްޖެނަމަ، ބަދަލެއްގެ ގޮތުގައި 5 ލައްކަ ރުފިޔާ ވާރިސުންނަށް ދޭންވާނެކަމަށް ގަވާއިދުގައިވެއެވެ. އަދި އިހުމާލުންނަމަ 1 މިލިޔަން ރުފިޔާ ވާރިސުންނަށް ދޭންވާނެކަމަށް ގަވާއިދުގައިވެއެވެ. އަދި ފުރާނަ ގޮސްފިނަމަ ބަދަލު ދެވޭނެ އިތުރު ހާލަތްތަކެއްވެސް ގަވާއިދުގައިވަނީ ކަނޑައަޅާފައެވެ.

މި ގަވާއިދުގައިވާ ގޮތުން އަދާކުރާ ވަޒީފާގައި ކުރި މަސައްކަތެއްގެ ސަބަބުން މީހެއްގެ ފުރާނަ ގޮސްފިނަމަ އެންމެ މަދުވެގެން ބަދަލުގެ ގޮތުގައި 1.46 މިލިޔަން ރުފިޔާ ދޭންވާނެއެވެ. އަދި އެންމެ ގިނަވެގެން ދެވޭނީ 15.4 މިލިޔަން ރުފިޔާއެވެ.

މި ގަވާއިދުގައިވަނީ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހަޅެމުގެ އިންތިޒާމު މަސައްކަތް ހަވާލުކުރާ ފަރާތުން ހަމަޖައްސަންވާނެކަމަށްވެސް ބަޔާންކޮށްފައެވެ.