ޚަބަރު

ރޯދަމަހު ފަރުވާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ މަޢުލޫމާތުދީފި


ބަލި މީހުންނަށް ސިއްޙީ ފަރުވާ ދިނުމުގައި ރަމްޟާންމަހު ދީނީގޮތުން ޢަމަލުކުރާނެ ގޮތްތަކާއި ބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނާއި އިސްލާމިކް ޔުނިވަރސިޓީ ގުޅިގެން ކުރިއަށްގެންދިޔަ މިބައްދަލުވުމުގައި މަޢުލޫމާތުދެއްވީ އިސްލާމިކް ޔުނިވަރސިޓީގެ ޑީން ޑޮކްޓަރ އިބްރާހިމް ޒަކަރިއްޔާ މޫސާ އާއި ޑޮކްޓަރ އިސްހާޤް މުޙައްމަދުފުޅާއި ސްރީލަންކާގެ ދީނީ ޢިލްމުވެރިއެއްކަމަށްވާ ޑޮކްޓަރ މުރްސަލީން މުޙައްމަދުއެވެ.

މިބައްދަލުވުމުގައި، ރަމްޟާން މަހު ބަލި މީހުންނަށް ފަރުވާކުރުމުގައި ޑޮކްޓަރުން އަމަލުކުރަންޖެހޭ ގޮތްތަކަށް ދީނީ ނަޒަރަކުން ބައްލަވާ ވާހަކަ ދައްކަވާފައިވެއެވެ. ހާއްސަކޮށް ރަމްޟާން މަހު، އެންޑޯސްކޮޕީ ހެދުމާއި، އިންހޭލާ ބޭނުންކުރުމާއި، އިންޖެކްޝަން ޖެހުން ފަދަ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރައްވާފައިވެއެވެ. އަދި މާބަނޑު އަންހެނުން ރޯދަ ހިފުމާއި ގުޅޭގޮތުން ވެސް ޑޮކްޓަރުންނަށް މަޢުލޫމާތުދެއްވާފައިވެއެވެ.

ދީނީ ގޮތުން އެކި ކަންކަމާއި ގުޅޭ މަޢުލޫމާތު ހިމެނޭ ފޮތެއް ކުރިއަށްއޮތް މަހެއްހާ ދުވަސްތެރޭގައި ނެރޭނެކަން ރޭ ބޭއްވި ބައްދަލުވުމުގައި، އިސްލާމިކް ޔުނިވަރސިޓީން އިއުލާންކުރައްވާފައިވެއެވެ. މިބައްދަލުވުމުގައި ރާއްޖޭގެ ސިއްޙީ ޚިދުމަތުގައި ޙަރަކާތްތެރިވާ ބައެއް ޑޮކްޓަރުން ބައިވެރިވެފައިވެއެވެ.