ދީން

ކުޑަކުދިން ރޯދަ ހިފުން- އެކުދިންނަށް ހިތްވަރު ދޭންޖެހޭ


ކޮންމެ ޢާއިލާއެއްގައިވެސް ތިބޭ ކުޑަކުދިން، އެކުދިންގެ ޙަޔާތުގައި އަލަށް ފަށައިގަންނަ ކަންކަމާމެދު ޢާއިލާތަކުގެ މެމްބަރުން އަންނަނީ ބޮޑު ސަމާލުކަމެއް ދެމުންނެވެ.

އަލަށް ސްކޫލަށް ގެންދާ ދުވަހާއި ކުދިން ޚިތާނުކުރުމާއި ކުޑަކުދިން ޚަތިމްކުރަން ފެށުމާއި ޚަތިމް ނިންމުން ފަދަ ކަންކަމަކީ ދިވެހި މުޖުތަމަޢުގައިވެސް ޢާއިލީ މުނާސަބަތުތަކެއްގެ ގޮތުގައި ފާހަގަކުރަމުން އަންނަ ކަންކަމެވެ.

img:http://s4.psmnews.mv/images/660x400/14655071993699.jpg|ކުޑަކުދިންތަކަކަށް ޤުރުއާން ދަސްކޮށްދެނީ- ފޮޓޯ: ޒިންހުއާ

ކޮންމެ ރަމަޟާން މަހަކީ، މުސްލިމް މުޖުތަމަޢުތަކަށް އުފާވެރިކަން ގެނެސްދޭ މައްސަރެކެވެ. ދީނީގޮތުންނާއި ޘަޤާފީ ގޮތުންނާއި މުސްލިމް މުޖުތަމަޢުގެ އިޖްތިމާޢީ އެއްބައިވަންތަކަމަށްޓަކައިވެސް ރަމަޟާންމަހަކީ މުސްލިމުންގެ ޢީދަކަށްވެއެވެ.

މި ޢީދުގައި އެންމެ ފާހަގަކުރެވޭ އެއްކަމަކީ، ޢާއިލާތަކުގައި ހިމެނޭ ކުޑަކުދިންގެ ތެރެއިން އަލަށް ރޯދަހިފާ ކުދިންގެ ހިތްވަރާއި އެކުދިންގެ ޝުޢޫރުތަކެވެ. ކާވަގުތުގެ ދޭތެރެ ވަރަށް ކައިރިކޮށް ކައިބޮއިއުޅޭ ކުޑަކުދިން، ބޮޑެތި މީހުން ފަދައިން ރޯދަހިފާ ހުރިހާ ވަގުތެއްގައި ނުކައިނުބޮއި އަދި ރޯދަވެރިންގެ އެހެންކަންކަަމަށް އެކުދިން ހޭނުވުމަކީ މައިންބަފައިންނާއި ޢާއިލާތަކުގެ މެންބަރުން ވަރަށް ފަރުވާތެރިވާ ކަންތައްތަކެވެ. މިކަން ޢާއިލާތަކުން ކުރަނީ އެ މީހުންނަށް ލިބޭ އުފަލެއްގެ ގޮތުގައެވެ. އަދި އެކުދިންނަށް ހިއްވަރުދީ، އެކުދިންނަށް ހަދިޔާދިނުމާއި އެކުދިންނަށް ޚާއްޞަ ކާބޯތަކެތި ހޯދައިދިނުމާއި ތައްޔާރުކޮށްދިނުމަކީ ކުރަމުން އަންނަ ކަންކަމެވެ. އަދި އެކުދިންގެ ރޯދަކުރުކޮށްދިނުމަށް ހިނގާލަންދިއުމާއި އެކުދިން ގޮވައިގެން އެކި ތަންތަނަށް ޒިޔާރަތްކުރުމަކީ ކުރަމުން އަންނަ ކަމެކެވެ.

img:http://s2.psmnews.mv/images/660x400/14655071600381.jpg|ކުޑަކުދިންތަކެއް ޤުރުއާން ކިޔަވަނީ- ފޮޓޯ: ޒިންހުއާ

އަލަށް ރޯދަހިފަން ފެށި ބައެއް ކުދިންނާ ވާހަކަ ދައްކާލުމުން، ގިނަ ކުދިން ތިބީ އެކަމާ އުފާވެ ފަޚުރުވެރިވެފައިކަން ފާހަގަކުރެވުނެވެ. އަދި ރޯދަ ހިފުމަކީ ވަރަށް ކުރާ ހިތުން ކުރާކަމެއްކަމަށްވެސް ބައެއް ކުދިން ވަނީ ބުނެފައެވެ.

ކުއްޖެއްގެ ޙަޔާތުގައި އަލަށް ކުރަން ފަށާ ކަންކަމަކީ، އެ ކުއްޖާއަށް އެކަމެއް ވާޖިބުވުމުގެ ކުރިން ދަސްކުރުމުގެ މަރުޙަލާއެއް ގެނައުމުގެ ފުރުޞަތު އޮންނަނަމަ، އެކަން ކުރުން މުހިންމުވާނެ ކަމެކެވެ. ކުޑަކުދިން ރޯދަހިފަން ފަރިތަކޮށް ހޭނުވުމަކީ މިގޮތަށް ރާއްޖޭގައިވެސް ކުރަމުން އަންނަ ކަމެކެވެ. ރޯދަހިފުން ވާޖިބުވާ ޢުމުރަށް އައުމުގެ ކުރިން ދުވަހުން ބައެއްގައި ނުކައިނުބޮއި ހުރުމަށް ހޭނުވުމާއި އަދި ފުރިހަމަ ރޯދައެއް ހިފުމަށް ހޭނުވުމާއި ފަރިތަކުރުވުމަކީ ދިވެހި މުޖުތަމަޢުގައިވެސް ކުރަމުން އަންނަ ކަމެކެވެ.

img:http://s2.psmnews.mv/images/660x400/14655072219291.jpg|ކުޑަކުދިންތަކެއް ނަމާދުކުރަނީ- ފޮޓޯ: ޒިންހުއާ

ދީނީ އިލްމްވެރިން ވިދާޅުވާ ގޮތުންގައި ކުޑަކުދިން ރޯދައަށް ބެހެއްޓުމަކީ މައިންބަފައިންގެ ވަރަށް ބޮޑު ޒިންމާއެކެވެ. އެގޮތުން އެކުދިންގެ އުމުރުން 7 އަހަރުވުމަށްފަހު ކުދިން ރޯދައަށް ހުރުމަށް ބާރުއެޅުމުގެ ގޮތުން ކުއްޖާއަށް ރޯދަޔަށް ހުރެވޭނަމަ ބެހެއްޓުން އެއީ އެދެވިގެންވާ ކަމެއްްކަމަށެވެ. އެގޮތުން ދެ ދުވަހުން އެއްދުވަހު ކުދިން ރޯދަޔަށް ބެހެއްޓުން ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީގެ މުޝްރިފް މުސާޢިދު އައްޝައިޚް ޢިއްޒުއްދީން ޢަދުނާނު ވިދާޅުވިއެވެ. މި ގޮތަށް ކުއްޖާ ރޯދަޔަށް ބަހަައްޓާއިރު ކުއްްޖާއަށް، ވީހާ ލަސްގަޑިއެއްގައި ރަނގަޅަށް ހާރުކާންދިނުމަށްފަހު ބެހެޓުމަށް އިސްކަންދިނުން މުހިއްމުކަމަށް ޢިއްޒުދީން ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14655072518940.jpg|ކުޑަކުއްޖަކު ޤުރުއާން ކިޔަވަނީ- ފޮޓޯ: ޒިންހުއާ

ޞިއްޙީ ގޮތުން ބެލިޔަސް ކުޑަކުދިން ރޯދަޔަށް ބެހެއްޓުމަކީ އެކުދިންނަށް ގެއްލުން ވާނެކަމެއް ނޫންކަމަށް ޕަބްލިކް ހެލްތު ޕްރޮގްރާމް މެނޭޖަރ ފާޠިމަތު ޠާހިރާ ވިދާޅުވިއެވެ. އެކުދިންނަށް ޞިއްޙަތަށް ފައިދާހުރި ރަނގަޅު ކާއެއްޗެއް ދިނުމަށްފަހު ރޯދަޔަށް ބެހެޓުން އެއީ މައްސަލައެއް ނޫންކަމަށާއި އަދި ރޯދަ ވީއްލާގަޑީގައިވެސް ފައިދާ ހުރި ބުއިމެއް ދިނުން ވަރަށް މުހިއްމު ކަމަށް ޠާހިރާ ވިދާޅުވިއެވެ. އަދި ރޯދަ ވީލާގަޑިގައި ކުއްޖާއަށް މާ ގިނައިން ފޮނިއެއްޗެހި ދިނުމަކީ ޞިއްޙީ ގޮތުން އެހާ ރަނގަޅު ކަމެއް ނޫންކަމަށްވެސް ޠާހިރާ ވިދާޅުވިއެވެ.

ކޮންމެ އަހަރަކުވެސް އަލަށް ކުޑަކުދިން ރޯދަހިފަން ފަށާއިރު، އެ ކުދިންނަށް ދޭންޖެހޭ އެންމެ ރަނގަޅު މިންވަރުގައި އެކަމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. ހާރުކެއުމާއި ރޯދަވީއްލުމާއި އެކުއްޖާގެ ވަގުތުތައް ހޭދަކުރުމުގައި މައިންބަފައިންގެ ފަރުވާތެރިކަން މުހިންމެވެ. އަލަށް ރޯދަހިފަން ފަށާ ކުދިންނަށް ހިއްވަރުދިނުމާއި އެކަން ފާހަގަކޮށް، އެ ކުދިންގެ އެ ހިއްވަރަށް އެހެން މީހުން އުފާކުރާކަން ފާޅުކުރުން ފަދަ ކަންކަމަކީ ދިވެހި މުޖުތަމަޢުން މިހާރަށްވުރެ ބޮޑަށް ފެންނަވެއްޖެ ކަމެކެވެ.