ޚަބަރު

ކުރީގެ ފަތްފުށްތައް ރައްކާތެރިކުރުމަށް ޚާއްޞަ މަސައްކަތްތަކެއް


ދިވެހިވަންތަކަން ދިރުވައި އާލާކުރެއްވުމަށް، ލެބޯޓްރީއެއް ޤާއިމްކުރައްވައި، އެފަދަ ފަތްފުށްތައް ޙިމާޔަތްކުރައްވައި ރައްކާތެރިކުރުމުގެ އިތުރު މަސަކަތްތަކެއް މޯލްޑިވްސް ނޭޝަނަލް އާރކައިވުން ފަށްޓަވައިފިއެވެ.

މި މަސައްކަތް މިކުރައްވަނީ ދިވެހި ފަތްފުށްތައް އަބަދަށް ރައްކާތެރިކުރުމައްޓަކައި، ހިންގަވާ ޕްރިޒަވޭޝަން އެންޑް ކޮންޒަވޭޝަން ޕްރޮގްރާމްގެ ދަށުންނެވެ.

img:http://s4.psmnews.mv/images/660x400/14655057122017.jpg|ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީގެ ކޮޕީ- ފޮޓޯ: ޕިއެސްއެމް

އިންޓަރނޭޝަނަލް އަރކައިވް ދުވަހާ ގުޅުވައިގެން ނޭޝަނަލް އަރކައިވުން ކުރިއަށް ގެންދަވާ މަސަކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ނޭޝަނަލް އަރކައިވްގެ ސީ.އީ.އޯ މުޙައްމަދު ޝާތިރު ވިދާޅުވީ، މީގެ އެތަކެއް އަހަރުތަކުގެ ކުރީގައި ލިޔެވިފައިވާ ދައުލަތުގެ ލިޔެކިޔުންތަކާއި، މުހިންމު ފަތްފުއްތަކެއް ހުރިއިރު، އެތަކެތި ރައްކާތެރިގޮތުގައި ޙިމާޔަތްކުރައްވައި، ކުރިއަށް އޮތްތާނގައި ފެންނާނެ ގޮތަށް ބެހެއްޓެވުމަށް ބޭނުންވާ ފަންނީ އާލާތްތަކާއި މީހުން ބޭނުންކޮށްގެން ޤާއިމްކުރާ ލެބޯޓްރީގެ ސަބަބުން އެއިދާރާއިން ކުރާ މަސަކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެން ދާނެކަމަށެވެ.

img:http://s4.psmnews.mv/images/660x400/14655057368097.jpg|ތާރީޚީ ފޮޓޯ ތަކެއް- ފޮޓޯ: ޕީއެސްއެމް

ޝާތިރު ވިދާޅުވީ، މިހާރު ނޭޝަނަލް އާކައިވްގެ ބެލުމުގެ ދަށުގައި ހުރި ޤަދީމީ ލިޔެކިޔުންތަކާއި، ފަތްފުއްތަކުގެ އިތުރުން، ވަރަށް އަވަހަށް ޝަރުޢީ ދާއިރާ ފިޔަވައި  ދައުލަތުގެ އެކިއެކި ވުޒާރާތަކުގައި ހުރި ގިނަދުވަސްވީ ލިޔެކިޔުންތަކާއި އެހެނިހެންވެސް އެފަދަ ސާމާނު އާކައިވްކުރުމަށް ބޭރުގެ އެހީތެރިކަން ހޯއްދަވަމުން ގެންދަވާކަމަށެވެ. މިގޮތަށް ޤަދީމީ ލިޔެކިޔުންތައް އާކައިވްކުރެވުމުގެ ބޭނުމަކީ އެތަކެތި ޢާންމު ފަރާތްތަކާއި، ކިޔަވާ ކުދިންނަށް ފަސޭހައިން ބަލާލެވޭނެ އިންތިޒާމް ހަމަޖެއްސެވުންކަމަށް ނޭޝަނަލް އާކައިވުން ވިދާޅުވެއެވެ.