ޚަބަރު

އަދީބް 15 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި


ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބު 15 އަހަރަށް ޖަލަށްލުމަށް ކުރިމިނަލްކޯޓުން ހުކުމްކުރައްވައިފިއެވެ.

މި މައްސަލާގައި އަޙުމަދު އަދީބުގެ ދެ ބޮޑީ ގާރޑުންކަމަށްވާ ޙަސަން ރިކާޒާއި އަޙުމަދު އާމިރު 10 އަހަރަށް ޖަލަށްލުމަށްވެސް ހުކުމްކުރައްވާފައިވެއެވެ. މި އެންމެންގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވަނީ ޓެރަރިޒަމްގެ ދައުވާއެވެ.

img:http://s3.psmnews.mv/images/660x400/14654961833659.jpg|އަދީބްގެ ދެ ބޮޑީގާޑުން- ޙަސަން ރިކާޒް(ކ)، އަދި އަޙްމަދު އާމިރު(ވ)-ފޮޓޯ: ޕީއެސްއެމް

މި މައްސަލާގައި ޙުކުމްކުރުމަށް ބޭއްވި ޝަރީއަތުގެ މަޖްލިސް ކުރިޔަށް ގެންގޮސްފައިވަނީ އާއްމުންނާއި ނޫސްވެރިންނަށް ނުވަދެވޭގޮތަށް ސިއްރު މަޖްލީހެއްގެ ގޮތުގައެވެ.

ކުރިމިނަލްކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ ރިޔާސީ ލޯންޗްކޮޅުގައި ގޮއްވާލި ބޮން ތައްޔާރުކުރެއްވުމުގައި އިސްކޮށް ހުންނެވީ އަޙުމަދު އަދީބުކަމަށާއި އެކަމުގައި އެހީތެރިވެ ދީނީ  އެނާގެ ދެބޮޑީގާރޑުންކަމަށެވެ.

ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަޙުމަދު އަދީބު 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު އަދީބު ފިސްތޯލައެއް ގެންގުޅުނު ކުށް ސާބިތުވެ 10 އަހަރަށް ޖަލަށްލުމަށް މިދިޔަ ހަފްތާގައި ހުކުމްކޮށްފައިވެއެވެ. މި ދެ ހުކުމާއި އެކު 25 އަހަރުގެ ޖަލު ހުކުމެއް އަޙުމަދު އަދީބުގެ މައްޗަށް މިހާރު އެބައޮތެވެ.

އަޙުމަދު އަދީބާއި ދެކޮޅަށް ދައުލަތުން އުފެއްލެވި ދެ ދައުވާއެއްގެ ހުކުމްކުރައްވާފައިވާއިރު އަދި 3 މައްސަލައެއް ޝަރީއަތުގެ މަޖިލީހުގައި އެބައޮތެވެ. މީގެތޭރޭގައި އައިއިޑީ ހަރުކުރުމަށް ފިނިފެންމާ ލޯންޗުކޮޅަށް އަޙުމަދު އަދީބު އެރުއްވި މައްސަލައާއި އެމްއެމްޕީއާރުސީން ޅ.މާބިންހުރާ ކުއްޔަށްދިނުމަށްފަހު ލިބުނު ފަސްމިލިޔަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލާއަކާއި ރަސްމީ ހައިސިއްޔަތު ބޭނުންކުރައްވައިގެން މާލެ އަތޮޅުން ފަޅެއް ބަޔަކަށް ކުއްޔަން ދިން މައްސަލަ ހިމެނެއެވެ.