ޚަބަރު

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރަން ރައީސް ނިންމަވައިފި


ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން ސިނގިރޭޓާ ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް 1 ނޮވެމްބަރުން ފެށިގެން ބޮޑުކުރުމަށް ޤާނޫނަށް އިސްލާޙު ގެނައުމަށް މި ހަފްތާގައި މަޖިލީހަށް ފޮނުވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް އަޅުއްވަން ނިންމެވި ބައެއް ފިޔަވަޅުތައް:

1. އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރުން.
2. މިމުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިން ސައްތަ މަތިކުރުން.

މީގެ އިތުރުން ޢާއްމު ތަންތާނގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަންވާނީ ނިންމާފައެވެ.

ހަމައެއާއެކު، ދުންފަތުގެ އިސްތިޢުމާލު ކުރަން އާދަވެފައިވާ ފަރާތްތަކުން އެ އާދައިން ދުރުވެގަތުމަށް އެހީތެރިވުމަށް ޤައުމީ ލެވެލްގައި، ފަންނީ ގޮތުން ބަލައިގަންނަ، ވަށާޖެހޭ، ބޮޑު ކެންޕޭނެއް ފެށުމަށް ވާނީ ނިންމާފައެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމަޢަކަށް ދިވެހިރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަން ދިނުމަށް ރައީސުލްޖުމްހުރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ބޮޑުކުރަން ނިންމިއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ އަންނަ މަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމަށްވެސް ނިންމަވާފައެވެ.

މިހާރު ޢަމަލުކުރަމުން އަންނަ އިމްޕޯޓް އެކްސްޕޯޓުކުރުމުގެ ޤާނޫނުގެ 24ވަނަ މާއްދާގައި ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތުގެ ބަދަލުގެ ބޭނުންކުރާ ބާވަތްތައް ރާއްޖެ އެތެރެކުރުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލަށް ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައި ބުނާގޮތުން ސިނގިރޭޓުން ޑިއުޓީގެ ގޮތުގައި %25 އަދި އެތެރެކުރާ ކޮންމެ ސިނގިރޭޓަކުން 3 ރުފިޔާ ނަގާނެކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ ބިޑީގެ ބާވަތުން ޑިއުޓީގެ ގޮތުގައި %25 އަދި ބިޑިއަކުން 3 ރުފިޔާ ނެގުމަށް އެ މާއްދާގައި ހިމަނާފައިވެއެވެ.

އަދި ސިނގިރޭޓާއި ބިޑި ފިޔަވަ، ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެހެނިހެން ބާވަތްތަކުން ޑިއުޓީގެ ގޮތުގައި %200 ނަގާގޮތަށް މި ޤާނޫނުގައި ހިމަނާފައިވެއެވެ.

ދުންފަތުގެ ބާވަތްތަކުންނަގާ ޑިއުޓީ ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާއިރު، އެކަމަށްޓަކައި ޤާނޫނަށް ގެންނަ އިޞްލާހު މި ހަފްތާގައި މަޖިލީހަށް ހުށައަޅުއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައެވެ.

ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ނިސްބަތުން އިތުރުވަމުންދާއިރު، ދުންފަތުގެ ބާވަތްތަކީ އެފަދަ ބަލިތަކާ ސިއްޙީ މައްސަލަތަކަށް ހުށައެޅޭ އެންމެ ބޮޑު އެއް ސަބަބުގެ ގޮތުގައި ސިއްޙީ މާހިރުން ފާހަގަކުރައްވައެވެ. ރާއްޖޭގައި ވޭޕު މަނާކުރުމާއި ސިނގިރޭޓުގެ ޑިއުޓީއަށް ގެންނަ ބަދަލުގެ ސަބަބުން، އާންމު ސިއްޙަތު ކުރިއެރުވުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެކަން ސިއްޙީ ދާއިރާގެ މާހިރުން ފާހަގަކުރައްވައެވެ.