ޚަބަރު

ޕޯލިޔޯ ވެކްސިން ކެމްޕޭންގެ ދެވަނަ ފިޔަވަހި ޣައްޒާގައި ފަށައިފި


ފަލަސްޠީނުގެ ޣައްޒާގެ ކުޑަކުދިންނަށް ޕޯލިޔޯ ވެކްސިން ޖަހައިދިނުމަށް ފަށާފައިވާ ކެމްޕޭންގެ ދެވަނަ ފިޔަވަހި ފަށާފައިވާ ކަން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ހާމަކޮށްފިއެވެ. އެ އިދާރާއިން ބުނީ, އެ ކެމްޕޭނުގެ ފުރަތަމަ ފަޔަވައްސެކޭ އެއްގޮތަށް, މި ފަހަރު ވެސް ވެކްސިން ޖަހައިދިނުމުގެ މަސައްކަތް ފުރަތަމަ ފަށާފައި ވަނީ ޣައްޒާގެ މެދުތެރޭގެ ރަށްތަކުގައި ކަމުގައެވެ. އދގެ ކުޑަކުދިންނާ ބެހޭ ފަންޑު (ޔުނިސެފު)ން ބުނީ, ވެކްސިން ކެމްޕޭނަށް ފުރުޞަތު ދިނުމުގެ ގޮތުން އެ ސަރަޙައްދުގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލަން ޔަހޫދީ ފައުޖުން އެއްބަސްވެފައިވާ ކަމުގައެވެ.

ޣައްޒާގެ ކުޑަކުދިންނަށް ވެކްސިން ޖަހައިދިނުމުގެ ކެމްޕޭން ފަށާފައި ވަނީ ސެޕްޓެންބަރު 1ވަނަ ދުވަހުއެވެ. އެ ސަހަރުގައި ނުރައްކާތެރި ވައިރަހެއް ކަމުގައިވާ ޕޯލިޔޯ ފެތުރެން ފަށާފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން އެ ސަހަރުގެ ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ.

އެ ޢުދުވާނުގެ ދަށުން ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ޣައްޒާގެ ނަރުދަމާގެ ނިޒާމު ވަނީ ފުނޑުފުނޑު ކޮށްލާފައެވެ. އަދި, ޣައްޒާގައި ދިރިއުޅޭ 2.3 މިލިޔަން މީހުންނަށް ކާބޯތަކެއްޗާއި, ސާފު ބޯފެނާއި ބޭސް ފަރުވާގެ ސާމާނު ލިބޭނެ މަގުތައް ވަނީ ބަންދު ކޮށްފައެވެ. ޣައްޒާގެ ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކަށް ބޮންއަޅައި, އެ ތަންތަން ވެސް ވަނީ ސުންނާފަތިކޮށް, ބިމާ ހަމަކޮށްލާފައެވެ. ފަލަސްޠީނުގެ ބިންތަކުން ޕޯލިޔޯ ބަލި ޖެހިފައިވާ ކުއްޖަކު ފެނިފައި ވަނީ 25 އަހަރަށް ފަހުއެވެ.

ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރ ކެތެރިން ރަސެލް ވިދާޅުވީ, ޕޯލިޔޯ ވެކްސިން ކެމްޕޭނުގެ ދެވަނަ ފިޔަވަހީގެ ދަށުން ޣައްޒާގައި ދިރިއުޅޭ ކުޑަކުދިންގެ ތެރެއިން އުމުރުން 10 އަހަރުން ދަށުގެ 590,000 ކުދިންނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދިނުމުގެ މަސައްކަތް އޮކްޓޫބަރު 14ވަނަ ދުވަހު ފަށާފައިވާ ކަމުގައެވެ. "އިންސާނިއްޔަތަށް ޓަކައި ވަކި ސަރަޙައްދުތަކެއްގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލަން [ޔަހޫދީންނާއި ޣައްޒާގެ މުޖާހިދުންގެ ޖަމާޢަތްތަކުން] ވަނީ އެއްބަސްވެފައި. އެއާ ނުލައި ކުޑަކުދިންނަށް ވެކްސިން ޖަހައިދިނުމަކީ ނާދިރު ކަމެއް،" ރަސެލް ވިދާޅުވިއެވެ.

ސެޕްޓެންބަރު 1ވަނަ ދުވަހު ފެށި ވެކްސިން ކެމްޕޭންގެ ދަށުން ޣައްޒާގެ ކުޑަކުދިންގެ އާބާދީގެ 90 އިންސައްތައަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދީފައިވާނެ ކަމުގައި އދން ބުންޏެވެ. އެ ކެމްޕޭން ވެސް ކުރިއަށް ގެންގޮސްފައި ވަނީ ވަކި މަރުޙަލާތަކަކަށް ބަހައިލައިގެން, ޣައްޒާގެ ތިން ސަރަޙައްދެއްގައި ވަކިވަކިންނެވެ.

"ޕޯލިޔޯ ވެކްސިންގެ އިތުރުން ކުޑަކުދިންގެ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަ ކުރަން ވިޓަމިން އޭ ސަޕްލިމެންޓްސް ފޯރުކޮށްދެވޭނެ. ޣައްޒާގެ ކުޑަކުދިން މި ވަގުތު ދިރިއުޅެމުން ދަނީ ގައިންތާހިރުވެވޭނެ ގޮތެއް ނެތި. މިހާރު ލިބިފައިވާ ވެކްސިން ސްޓޮކު ބޭނުން ކޮށްގެން ޣައްޒާގެ ކުޑަކުދިންގެ މެދުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނެ. ވެކްސިން ކެމްޕޭނުގެ ފުރަތަމަ ފިޔަވަހިިން ހާމަވީ ކަމަކީ, ހުރިހާ ފަރާތަކުން [ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ] އެއްބަސްވުމަށް އިޙުތިރާމު ކޮށްފި ނަމަ, ކެމްޕޭން ކާމިޔާބު ކުރެވޭނެ ކަން،" ރަސެލް ވިދާޅުވިއެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 42,289އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 98,684 މީހުން ޒަޚަމު ކޮށްލާފައެވެ.