ޚަބަރު

ރިޔާސީ ލޯންޗްގައި ބޮން ގޮއްވި މައްސަލައިގެ ޙުކުމް އިއްވުން މިރޭ


ރިޔާސީ ލޯންކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ޙުކުމްކުރަން މިރޭ ކުރިމިނަލް ކޯޓުން ނިންމަވައިފިއެވެ.

މި މައްސަލާގައި ދައުލަތުން ދަޢުވާ އުފުއްލަވާފައިވަނީ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބާއި އޭނާގެ ދެ ބޮޑީ   ގާރޑުންކަމަށްވާ ޙަސަން ރިކާޒާއި އަޙުމަދު ޢާމިރުގެ މައްޗަށެވެ. ދައުލަތުން މި އެންމެންގެ މައްޗަށްވެސް އުފުއްލަވާފައިވަނީ ޓެރަރިޒަމްގެ ދަޢުވާއެވެ.

ރިޔާސީ ލޯންޗްކޮޅުގައި އައިއީޑީއެއް ހަރުކުރެއްވުމަށް އަޙުމަދު އަދީބް އެ ލޯންޗަށް އެރުއްވި މައްސަލައިގެ ޙުކުމްކުރުންވެސް މިރެއަށް ވަނީ ތާވަލްކުރައްވާފައެވެ. އައިއީޑީ ހަރުކުރުމަށް ފިނިފެންމާ ލޯންޗުކޮޅަށް އަޙުމަދު އަދީބު އެރުއްވި މައްސަލާގައި އެނާއާ ދެކޮޅަށް އުފުއްލަވާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމު ގޮތުގައި ބޭނުންކުރެއްވުމުގެ ކުށުގެ ދަޢުވާއެވެ.

މިރޭ 10:00ގައި ބޭއްވެވުމަށް ހަމަޖެހިފައިވާ މި ދެ މައްސަލައިގެ ޙުކުމްކުރެއްވުންވެސް ކުރިޔަށް ގެންދެވުމަށް ހަމަޖެހިފައިވަނީ ސިއްރުކޮށްގެންނެވެ. ކުރިމިނަލް ކޯޓުން ވިދާޅުވީ ޝަރީއަތުގެ މަޖިލިސް ސިއްރުކުރައްވަން ނިންމެވީ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެތީކަމަށެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ދައުލަތުން ހުށައެޅުއްވި ސިއްރު ހެކިން އަދީބާދެކޮޅަށް ހެކިބަސްދީފައިވެއެވެ. އޭގެތެރޭގައި ރިޔާސީ ލޯންޗްކޮޅުގައި ގޮއްވާލި އައިއީޑީ ހަދާދިން ސިފައިންގެ މީހާ ހިމެނެއެވެ. އެމީހާ ހެކިބަސް ދެމުން ބުނެފައިވަނީ އަޙުމަދު އަދީބް ވިދާޅުވެގެން ދެ އައިއީޑީ އެނާ ހަދައިދިންކަމަށެވެ. އަދި މި އައިއީޑީތައް ހަދާފައިވަނީ އަދީބު ދިރުއުޅުއްވި ރެހެންދި ފްލެޓްގެ ތެރޭގައިކަމަށެވެ. އަދި ރިޔާސީ ލޯންޗްކޮޅުގެ ޙާދިސާއަށްފަހު އެނާއާ އަދީބު ގުޅުއްވާ ރިޔާސީ ލޯންޗްކޮޅުގައި ގޮވީ އޭނާ ހަދައިދިން އައިއީޑީކަމަށް ބުނެ، އެއްޗެއް ނުބުނެ މަޑުމަޑުން ހުރުމަށް އެދިވަޑައިގެންފައިވާކަމަށްވެސް ބުނެފައިވެއެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި މިރޭ ޙުކުމްކުރައްވާއިރު ފިސްތޯލް ގެންގުޅުއްވި މައްސަލާގައި 10 އަހަރަށް ޖަލަށްލުމަށް މިދިޔަ ހަފްތާގައި ވަނީ ޙުކުމްކުރައްވާފައެވެ.

މީގެއިތުރުން އެމްއެމްޕީއާރުސީން ޅ. މާބިންހުރާ ކުއްޔަށް ދިނުމަށްފަހު ލިބުނު 5 މިލިޔަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލާގައި އަޙުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ އަޑުއެހުންތައްވެސް ވަނީ ނިންމާލާފައެވެ. މި މައްސަލާގައި އަޙުމަދު އަދީބުގެ އިތުރުން އޭނާއާ ގާތް ގުޅުމެއް އޮންނަ އެމްއެމްޕީއާރސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބުދުﷲ  ޒިޔަތާއި ޙާމިދު އިސްމާއީލްގެ މައްޗަށްވެސް ދައުވާކުރައްވައެވެ.