ޚަބަރު

އެންމެ ފަހުގެ ޗެމްޕިއަން ސަބަލެންކާ ފައިނަލުން ޖާގަ ހޯދައިފި


ޗައިނާގައި މިހާރު ކުރިއަށްދާ ވުހާން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގެ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން އެރީނާ ސަބަލެންކާ ހޯދައިފިއެވެ.

ބެލަރޫސްގެ ސަބަލެންކާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ 20 އަހަރުގެ އެމެރިކާގެ ކޮކޯ ގައުފްއާ ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ދެ ސެޓް އެއް ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓް ގައުފް ވަނީ ހައެއް އެކެއްގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. ނަމަވެސް ދެވަނަ ސެޓާއި ތިންވަނަ ސެޓް ސަބަލެންކާ ވަނީ ހައެއް ހަތަރެއްގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.

މި މެޗުގައި ސަބަލެންކާއާ ދެކޮޅަށް މޮޅު ކުޅުމެއް ފުރަތަމަ ސެޓުގައި ގައުފްގެ ފަރާތުން ފެނުނު ނަމަވެސް ފަހު ދެ ސެޓުގައި ސަބަލެންކާ ވަނީ ތަފާތު ކުޅުމެއް ދައްކާފައެވެ.

ފައިނަލުގައި ސަބަލެންކާއާ ދެކޮޅަށް ނުކުންނަ ޗައިނާގެ ޒެންގް ކިންވެން ފައިނަލުން ޖާގަ ހޯދާފައިވަނީ ސެމީގައި ޗައިނާގެ ވެންގް ޒިންޔޫއާ ދެކޮޅަށް ކުޅުނު މެޗު ހައެއް ތިނެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ނިމިގެންދިޔަ އޮލިމްޕިކްސްގައި ޗައިނާއަށް ރަން މެޑަލް ހޯދަދީފައިވާ ޒެންގަށް ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރެވިފައިނުވާއިރު، ސަބަލެންކާ ވަނީ ތިން ފަހަރު ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައެވެ.