ވިޔަފާރި

ލޯކަލް މާރުކޭޓް-ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް އެއްތަނަކުން


ރަމަޟާން މަހަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ދިވެހީންނަށް ވަރަށް މުހިއްމު މަހެކެވެ. މީގެ ތެރެއިންވެސް ފާހަގަކޮށްލެވޭ އެއްކަމަކީ މާރުކޭޓާއި ފިހާރަތަކުން ފެނިގެންދާ ތިޔާގިކަމެވެ. އަދި، ރޯދާ ވީއްލާ ގަޑިއާއި، ތަރާސްވީސްދަން، އަދި ހާރު ކެއުމުގެ ވަގުތުގައި ސުފުރާމަތި ފަޅުފިލުވާލުމުގައި ދިވެހީން ހައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތަކާއި، ދިވެހީންގެ ޚާއްޞަ އުފެއްދުންތައް އަދާކުރާ ދައުރު މުހިންމެވެ.

މީގެ ތެރެއިންވެސް އެންމެ ގިނަ އަދަދެއްގެ ތަކެތި އެއް ތަނަކުން ލިބެން ހުންނަ ތަނަކީ މާލޭ ލޯކަލް މާރުކޭޓެވެ. އެހެން މަސްމަހާއި އަޅާ ބަލާއިރު، ދިވެހި ދަނޑުވެރިން ހައްދާ މޭވާ އާއި ތަރުކާރީއިން ފެށިގެން ގޮސް ރަށްރަށުން މާލެ ގެންނަ ދިޔާ ހަކުރާ، ރިހާކުރާ އަސާރަ ފަދަ ދިވެހި އުފެއްދުންތައް ރަމަޟާން މަހު ތިޔާގިކަން ފާހަގަކޮށްލެވެއެވެ.

img:http://s1.psmnews.mv/images/660x400/14654744450226.jpg|ލޯކަލް މާރުކޭޓް- ފޮޓޯ: ޕީއެސްއެމް

ލޯކަލް މާރުކޭޓުން ލިބެންހުންނަ މޭވާ އާއި ތަރުކާރީގެ ގިނަ ބާވަތްތަކަކީ އަތޮޅުތެރޭގެ އެކި ރަށްރަށުން ގެނެސްފައި ހުންނަ ތަކެއްޗެވެ. އެތަނުން ލިބެން ހުންނަ މޭވާ އާއި ތަރުކާރީގެ ބާވަތްތަކަށް ބަލާލުމުން ދިވެހި ދަނޑުވެރިންގެ ބުރަ މަސައްކަތާއި، ދިވެހީން ދަނޑުވެރިކަމުގައި ހޯދާފައިވާ ކުރިއެރުންތައް ފެނިގެންދެއެވެ.

ހެޔޮ އަގެއްގައި ދިވެހި އުފެއްދުންތައް ލިބޭ ތަނަކަށް ލޯކަލް މާރުކޭޓުވެފައިވާއިރު، ޒަމާނަށް އައި ބަދަލުތަކާއެކު ލޯކަލް މާރުކޭޓަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. ތަކެތި ވިއްކުމަށް ހަދާފައިވާ ގޮޅިތައް ޒަމާނާ އެއްގޮަތަށް ވަނީ ބަދަލުކޮށްފައެވެ. އެގޮތުން، ތަކެތި ވިއްކުމަށް ކޮންމެ މީހަކަށް ދޫކުރާ ގޮޅި އަކީ ކުޑަ ތަންކޮޅެއް ނަމަވެސް އެ ކުޑަ ގޮޅީގެ ބޭނުން، ތަކެތި ވިއްކާ ފަރާތްތަކުން ވަރަށް ފުރިހަމައަށް ހިފާކަން މިއީވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ.

img:http://s3.psmnews.mv/images/660x400/14654732087979.jpg|ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައިހުރި މޭވާގެ ބާވަތްތަކެއް- ފޮޓޯ: ޕީއެސްއެމް

މާލޭ ލޯކަލް މާރުކޭޓަކީ ރޯދަ މަހު އެންމެ ބާރު ބޮޑުވެގެންދާ އެއްތަނެވެ. އަދި، މިއީ ކޮންމެ ދުވަހަކުހެން އެތައް ސަތޭކަ ބަޔަކު ވިޔަފާރިކޮށް ހަދާ ތަނެކެވެ. ގިނަ ބާވަތްތަކެއްގެ ތަރުކާރީއާއި މޭވާ ހެޔޮ އަގެއްގައި ލޯކަލް މާރުކޭޓުން ލިބެން ހުރުމުގެ އިތުރަށް އެތަނުން ލިބެން ހުންނަ މޭވާ އާއި ތަރުކާރީގެ ތާޒާ ކަމަކީވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ.

ޢާއްމު ފަރުދުންގެ އިތުރަށް މާލޭތެރޭގެ ކުދި ފިހާރަތަކަށްވެސް ތަކެތި ފޯރުކޮށްދިނުމުގައި ލޯކަލް މާރުކޭޓު މުޙިއްމު ދައުރެއް އަދާކުރެއެވެ. ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް ވިއްކުމަށް ބޭނުންކުރާ މައި މަރުކަޒަކީވެސް ލޯކަލް މާރުކޭޓެވެ. ދިވެހި ދަނޑުތަކުގައި ހައްދާ ތަކެތި ވިއްކުމަށް ދަނޑުވެރިންނަށް ލޯކަލް މާރުކޭޓުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާކަން ދަނޑުވެރިން ފާހަގަކުރެއެވެ.