ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު


ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލް ސަރވިސްގެ ތެރެއިން ވަޒީފާގެ ފުރުޞަތު ހޯއްދަވައިދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް، ޑިސްއެބިލިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާދޭނޭ އުޞޫލެއް ކަނޑައެޅުއްވުމަށް، ޑިސްއެބިލިޓީ ކައުންސިލުން ކުރައްވަމުން ގެންދަވާ މަސައްކަތް މީޑިއާއާ ޙިއްޞާކުރައްވަމުން، ޑިސްއެބިލިޓީ ކައުންސިލްގެ ރައީސް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާ އަދާކުރާއިރު، މަސައްކަތުގެ މާޙައުލުގައި ކަންކަން ހަމަޖެހިފައި ހުންނަންޖެހޭނެ ކަންކަމާއި، އެބައިމީހުންގެ ޙައްޤާއި ކަރާމާތްތަކަށް އުނިކަން ނާންނަ ގޮތްތަކާއި މުސާރައާއި އެހެނިހެން ޢިނާޔާތްތަކުގެ ފަރަގު ނުގެންގުޅުމުގެ ހަމަތައް ބަޔާން ކުރައްވާ އުޞޫލެއް އެކަށައެޅުއްވުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި އުޞޫލަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރާނޭ ރަސްމީ އުޞޫލްކަމަށާއި، މި އުޞޫލް ކަނޑައެޅުއްވުމުގެ މަސައްކަތް ކުރައްވަނީ މިނިސްޓްރީ އޮފް ލޯވް އެންޑް ޖެންޑަރގެ އެހީތެރިކަމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ، މި އުޞޫލް ކަނޑައެޅުމާއެކު، ސިވިލް ސަރވިސް މެދުވެރިކޮށް ސަރުކާރުގެ ވުޒާރާތަކުން ކަޑައެޅޭ އުޞޫލެއްގެ ދަށުން ވަޒީފާގެ ރިޒާވް ކޯޓާއެއް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކައް އަމާޒުކޮށް ކަނޑައެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، މީގެ ސަބަބުން މިފަދަ ފަރާތްތަކައް ވަޒީފާތައް ކަށަވަރުވެގެންދާނޭ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދެއްވުމަށް 2013 ވަނަ އަހަރުން ފެށިގެން ސަރުކާރުން ވަނީ މަސައްކަތް ފަށްޓަވާފައެވެ. ޑިސްއެބިލިޓީ ކައުންސިލްގެ ރައީސް އަޙްމަދު ޢާތިފް ވިދާޅުވީ، ސަރުކާރާއި ކައުންސިލުން ކުރައްވާ މަސައްކަތުގެ ނަތީޖާ ފެންނަމުން އަންނަކަމަށެވެ. އެގޮތުން ވޭތުވެދިޔަ ތިން އަހަރު ސަރުކާރުގެ އިދާރާތަކުންނާއި، ކުންފުނިތަކުންނާއި، އަދި އަމިއްލަ އޮފީސްތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުދޭ މިންވަރު ވަރަށް ބޮޑުތަން އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒިފާ ދިނުމަށާއި އެފަދަ މީހުން ވަޒީފާއަށް ނިކުތުމަށް ހިތްވަރު ދެއްވުމުގެ ގޮތުން، ސަރުކާރުން ދެއްވަމުން ގެންދަވާ ޑިސްއެބިލިޓީ އެވޯރޑްގެ ތެރެއަށް އައު ކެޓަގަރީއެއް މިއަހަރު ވަނީ ހިމަނުއްވާފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ލިބިދޭ ފަރާތްތަކަށް ޚާއްޞަ އެވޯޑެކެވެ. ޑިސެބިލިޓީ އެވޯރޑް ސަރުކާރުން ދެއްވަން ފަށްޓަވާފައިވަނީ 2012 ވަނަ އަހަރެވެ. މި އެވާރޑް ދެއްވަނީ ކޮންމެ ދެއަހަރުން އެއްއަހަރެވެ.