ޚަބަރު

ޖޯޑަން ބަލިކޮށް ދެކުނު ކޮރެއާއިން ރިކޯޑު ދަމަހައްޓައިފި


އޭޝިއާ ސަރަހައްދުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ތިންވަނަ ބުރުގައި ރޭ ޖޯޑަންއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މެޗަކުން ބަލިނުވެ ދެކުނު ކޮރެއާއިން ކޮލިފައިންގައި ރިކޯޑު ދަމަހައްޓައިފިއެވެ.

ޖޯޑަންގެ އަންމާނުގައި ކުޅުނު މި މެޗު ކާމިޔާބު ކުރުމުން ކޮރެއާއަށް ވަނީ ގްރޫޕްގައި މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ހަތް ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ހޯދާފަ އެވެ. ޖުމްލަ ހަ ޓީމު އޮތް މި ގްރޫޕުން އެއްވަނަ އާއި ދެވަނަ ޓީމަށް ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ލިބޭއިރު ތިންވަނަ ޓީމާއި ހަތަރުވަނަ ޓީމަށް ޖެހޭނީ އިތުރު މެޗުތަކެއް ކުޅުމަށެވެ.

ދެކުނު ކޮރެއާއިން ވަނީ މި މެޗުގެ 38 ވަނަ މިނިޓުގައި ލީޖައި ސުން ކާމިޔާބުކޮށްދިން ލަނޑުން ކުރި ހޯދާފަ އެވެ. އަދި މެޗުގެ 68 ވަނަ މިނިޓުގައި އޯ ހިއުންގިއު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

ކޮލިފައިންގެ ތިންވަނަ ބުރުގެ ފުރަތަމަ މެޗުގައި ފަލަސްތީން އާއި އެއްވަރުވުމުން ކޮރެއާގެ ކޯޗަށް ފާޑުކިއުން އަމާޒުވެ މަގާމު ގެއްލުމުގެ ބިރު ހީވެފައިވަނިކޮށް އޭގެ ފަހުން ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދުމާއެކު އޭނާއަށް ވަނީ އިތުރު ހިތްހަމަޖެހުމެއް ލިބިފަ އެވެ.

މިނަތީޖާއާއިއެކު 1986 ވަނަ އަހަރުގެ ވޯލްޑްކަޕަށްފަހު ދެކުނު ކޮރެއާއިން ހުރިހާ ވޯލްޑްކަޕަކަށް ކޮލިފައިވެފައިވާތީ ކުރިއަސް އޮތް ވޯލްޑްކަޕަށް ކޮލިފައިވުމުގެ އުންމީދުވަނީ އާވެފަ އެވެ.