ތަޢުލީމު

ސްކޫލްތަކުގެ ތަރައްޤީއަށް 40 މަޝްރޫޢު، 236 މިލިއަން ރުފިޔާ


ސަރުކާރުގެ ސިޔާސަތެއް ކަމަށްވާ ވަޞީލަތްތައް ހަމަ، މަޤްބޫލް ސްކޫލްތައް ޤާއިމުކުރެއްވުމުގެ މަސައްކަތުގެ ތެރެއިން ސްކޫލްތަކުގައި ކްލާސްރޫމް އިތުރުކުރެއްވުމާއި، ހޯލްތައް ޢިމާރާތްކުރެއްވުމާއި ސްކޫލްތަކަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ޤާއިމުކުރެއްވުމުގެ މަސައްކަތްތައް އެޑިޔުކޭޝަން މިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ. މިގޮތުން މިހާރު ޢަމަލީ މަސައްކަތް ފަށްޓަވައިގެން ކުރިއަށް ގެންދަވާ 40 މަޝްރޫޢުގެ ތެރޭގައި 273 ކްލާސްރޫމާއި، 7 ސްކޫލެއްގައި ހޯލް އަދި 22 ސްކޫލެއްގައި ޢުމްރާނީ ވަޞީލަތްތައް ޤާއިމުކުރެއްވުމުގެ މަސައްކަތް ހިމެނެއެވެ. އަދި 32 މަޝްރޫޢެއްގެ ބިޑް އިޢުލާންކުރައްވައި، އެވޯޑްކުރުމުގެ މަސައްކަތް ކުރިއަށް އެބަގެންދަވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. މި 32 މަޝްރޫޢުގައި ހިމެނެނީ، 199 ކްލާސްރޫމް ޢިމާރާތްކުރެއްވުމާއި، 12 ސްކޫލެއްގައި ހޯލް ޢިމާރާތްކުރެއްވުމުގެ އިތުރުން 25 ސްކޫލަކަށް ބޭނުންވާ އެހެނިހެން ޢުމްރާނީ ވަޞީލަތްތައް ޤާއިމުކުރެއްވުމުގެ މަސައްކަތްތަކެވެ.

މިމަޝްރޫޢުތަކަށް 236 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރަށް ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން ޖުމްލަ 13 މަޝްރޫޢެއްގެ މަސައްކަތަށް 54 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިވަޑައިގެންފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ޕްރޮޖެކްޓްތަކުގެ ތެރެއިން 58 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރައްވައިގެން 8 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް ގެންދަވާކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ. މިއީ 51 ކްލާސްރޫމް، 2 ހޯލް ޢިމާރާތް، އަދި 2 ސްކޫލްތަކަށް ބޭނުންވާ އެހެނިހެން ޢުމްރާނީ ވަޞީލަތް ޤާއިމުކުރެއްވުމުގެ މަސައްކަތްތަކެވެ.

މިއާއެކު ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން 4 ޕްރޮޖެކްޓެއް އިޢުލާންކުރައްވައި، އެވޯޑްކުރެއްވުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިއީ 30 ކްލާސްރޫމް ޢިމާރާތްކުރުމުގެ މަސައްކަތާއި، 2 ސްކޫލަކަށް ބޭނުންވާ އެހެނިހެން އުމްރާނީ ވަޞީލަތްތައް ޤާއިމުކުރެއްވުމުގެ މަސައްކަތްތަކެވެ. މި މަޝްރޫޢުތަކަށް 26 މިލިއަން ރުފިޔާ ހޭދަވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ޝަފީޢު ވިދާޅުވީ މިއީ ޒަމާނީ ތަޢުލީމެއް ފުރިހަމަކޮށްދިނުމަށްޓަކައި ސްކޫލްތަކަށް ބޭނުންވާ ލެބޯޓްރީއާއި އޭވީ ރޫމް ފަދަ ތަންތަން ޤާއިމްކުރައްވައި، ރަނގަޅު ފެންވަރެއްގެ ތަޢުލީމު ފޯރުކޮށްދެއްވުމަށް ކުރަމުން ގެންދަވާ މަސައްކަތްތަކެއްކަމަށެވެ.

މިއަހަރުގެ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ތަޢުލީމީ ދާއިރާއަށް ތިންސަތޭކަ ފަންސާސް ނުވަ މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ. މިއީ މިދިޔަ އަހަރު މިކަމަށް ކަނޑައެޅުއްވި ބަޖެޓަށްވުރެ 100 މިލިއަން ރުފިޔާ އިތުރު ޢަދަދެކެވެ.