ވިޔަފާރި

ތޮއްޑޫ ކަރާ ބާޒާރުން ހުސްވިޔަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް


ރާއްޖޭގައި ކަރާ ހެއްދުމަށް އެންމެ މަޝްހޫރު އެއް ރަށަކީ އ.އ ތޮއްޑޫއެވެ. ތޮއްޑޫގައި ކަރާ ހައްދައިގެން ރަމަޟާންމަހު އާންމުކޮށް 10 މިލިޔަން ރުފިޔާގެ ފައިދާއެއް އެރަށަށް ލިބެއެވެ.

މިއަހަރު ރަމަޟާންމަސް ނިމެންދެން ބާޒާރުން ތޮއްޑޫ ކަރާ ހުސްވިޔަނުދީ ބެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ތޮއްޑޫ ދަނޑުވެރިން ބުނެފިއެވެ. ތޮއްޑޫ ދަނޑުވެރިން ބުނީ ކޮންމެ ރޯދަ މަހެއްގެ ފަހުކޮޅަށް ދާއިރު ތޮއްޑޫ ކަރާ ބާޒާރުން މަދުވަމުންދާތީ މިއަހަރު ކަރާ ދަނޑުވެރިކަން ފެށީ އެކަމަށް ވިސްނައިގެންކަމަށެވެ.

އާންމުކޮށް ތޮއްޑޫ ކަރާ ރަމަޟާންމަހު ބާޒާރުން ލިބެން ހުންނަ ނަމަވެސް، ރަމަޟާންމަހުގެ ފަހުކޮޅާ ހިސާބަށް އަންނައިރު ތޮއްޑޫ ކަރާ ބާޒާރުން މަދުވާކަން ފާހަގަކުރެވެއެވެ. މިހެން މިކަން ވިޔަ ނުދިނުމަށް ތޮއްޑޫގައި މިއަހަރު ކަރާ ހައްދަން ފެށީ އެހެން އަހަރުތަކަށްވުރެ ލަހުންނެވެ. ބޭނުމަކީ ތޮއްޑޫ ކަރާ ރަމަޟާންމަހު ބާޒާރުން ހުސްވިޔަ ނުދިނުން ކަމަށް ތޮއްޑޫ ދަނޑުވެރިން ބުނެއެވެ.

މިފަހަރު ދަނޑުވެރިންގެ ދަނޑުތަކަށް ފަނީގެ އުނދަގޫ ޖެހުނުކަން ގިނަ ދަނޑުވެރިން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ބައެއް ދަނޑުތައް ހެދެންވާ ގޮތަށް ނުހެދޭކަންވެސް ދަނޑުވެރިން ފާހަގަކުރެއެވެ. އާންމުކޮށް ފަނީގެ އުނދަގޫ ޖެހޭކަމަށާއި އެހެންނަމަވެސް މިފަހަރަކީ ވޭތުވެދިޔަ ދިހަ އަހަރާއި އަޅާބަލާއިރު އެންމެ ބަލި މަދު އަހަރުކަން ތޮއްޑޫ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ އިބްރާހިމް ވަޙީދު ފާހަގަކުރެއްވިއެވެ. މައިގަނޑުގޮތެއްގައި ދަނޑުވެރިކަން ކުރާ ތޮއްޑޫގައި ކަރާގެ އިތުރުން ދެން އެންމެ ގިނައިން ހައްދަނީ ފަޅޮލެވެ.

އާންމުކޮށް ބޭނުންކުރާ ގިނަ ބާވަތްތަކެއްގެ ފަތްޕިލާވެއްޔާއި ތަރުކާރީ އާއި މޭވާ ތޮއްޑޫގައި ހައްދައެވެ. މީގެ ތެރޭގައި ފަޅޯ، މިރުސް، ކިޔުކަމްބާ، ލެޓިއުސް، ކުއްޅަފިލާފަތް، ކަންކުން، ފުފޫ ބިލެތް ފަދަ ބާވަތްތައް ހިމެނެއެވެ.