ޚަބަރު

ރާއްޖޭ މަތީގައި ބޯ ވިއްސާރަ ވިލާތަށް ދަނީ އުފެދެމުން، މިއަދުވެސް މޫސުން ގޯސްވާނެ


  • ވިލާގަނޑުގައި ވައި ގަދަވާނެކަމަށް ލަފާކޮށްފައިވޭ

ރާއްޖެ މަތީގައި ބޯ ވިއްސާރަ ވިލާތައް އުފެދެމުންދާކަމަށާއި މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެކި ހިސާބުތަކަށް މޫސުން ގޯސްވެ ވިލާގަނޑުގައި ވައިގަދަވާނެކަމަށް ލަފާކޮށްފައިވާއިރު ހުޅުލެއަށް މިއަދު ފަތިހު އައި ވިލާގަނޑުގައި ގަޑިއަކު 58 މޭލު ބާރުމިނުގައިވަނީ ވައި ޖެހިފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން އާންމުކޮށްފައިވާ ގޮތުގައި އިއްޔެ ރޭގެ ދަންވަރު 12:00 އިން ރޭ ދަންވަރު 12:00 އަށް އެންމެ ވައިބާރުވީ ބ. ދަރަވަންދުއަށެވެ. އެ ރަށަށް ވަނީ ވިލާގަނޑުގައި 55 މޭލަށް ވައިޖެހިފައެވެ. ދެން އެންމެ ވައިބާރުވި ހދ. ކުޅުދުއްފުއްޓަށް ވަނީ 47 މޭލުގެ ބާރުމިނުގައި ވައިޖެހިފައެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ، މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިބާރުވެ، ކަނޑުތައް ގަދަވެ އަދި ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރަށް ރީނދޫ ސަމާލު އަދި ދެކުނަށް ހުދު ސަމާލު ވަނީ ނެރެފައެވެ. އެގޮތުން ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށް އެއިދާރާއިން ވިދާޅުވެއެވެ.