އިންގްލަންޑުގެ ކެޕްޓަން ހެރީ ކޭންއަށް ލިބިފައިވާ އަނިޔާގެ ސަބަބުން، ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ގްރީސްއާ ދެކޮޅަށް ކުޅޭ މެޗުގައި ނުފެންނާނެ ކަމަށް ކޯޗު ލީ ކާސްލީ ބުނެފިއެވެ.
ނޭޝަންސް ލީގުގެ ގްރޫޕް ބީ ދޭއްގައި މިރޭ ގްރީސްއާ ދެކޮޅަށް ނިކުންނައިރު މި ދެ ޓީމުވެސް ވަނީ ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް 6 ޕޮއިންޓް ހޯދާފައެވެ. އެހެންކަމުން މި މެޗުން މޮޅުވާ ޓީމަކަށް ގްރޫޕްގެ އެއްވަނައިގައި ހަމަޖެހިލެވޭނެއެވެ. މިރޭ ގްރީސްއާ ދެކޮޅަށް ކުޅުމަށްފަހު އިންގްލަންޑް ދެން ނިކުންނާނީ ފިންލަންޑާ ދެކޮޅަށެވެ.
އިންގްލަންޑަށް ރެކޯޑް އަދަދަކަށް ގޯލު ކާމިޔާބުކޮށްދީފައިވާ ހެރީ ކޭންއަށް އަނިޔާވެފައިވަނީ ޖަރުމަން ލީގުގައި އެއިންޓްރެކްޓް ފެރެންކްފަޓާ ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗުގައެވެ.
ވަގުތީ ކޯޗު ލީ ކާސްލީ ބުނެފައިވަނީ މިރޭގެ މެޗު ފެށުމަށް ކޭން ތައްޔާރު ނޫން ކަމަށާއި، އެހެންކަމުން އަނިޔާއިން ރަނގަޅުވެ އެއްކޮށް ފިޓްވުމުން އޭނާއަށް ފުރުސަތު ދޭނެ ކަމަށެވެ. އަދި އެއްކޮށް ފިޓް ނުވަނީސް މެޗުގައި ކުޅުވާ އިތުރު އެއްވެސް ރިސްކެއް ނަގަން ބޭނުން ނުވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ލީ ކާސްލީ އިތުރަށް ބުނެފައިވަނީ މިރޭގެ މެޗުގައި ހެރީ ކޭން ނެތުމުން ކެޕްޓަން ބޭންޑް އަޅައިގެން އެ ޒިންމާ އަދާކުރާނީ މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސް ކަމަށެވެ. އަދި މިއީ ޖޯން ސްޓޯންސްއަށް ހައްގު ޒިންމާއެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ.
އަނިޔާގެ ސަބަބުން ހެރީ ކޭންއަށް މި މެޗުގައި ނުކުޅެވޭއިރު މިޑްފީލްޑަރު ޖެކް ގްރީލިޝްއަށް މިދިޔަ އަންގާރަ ދުވަހު ލިބުނު އަނިޔާގެ ސަބަބުން އޭނާއަށްވެސް މި މެޗުގައި ނުކުޅެވޭނެ އެވެ. އަދި އޭނާގެ އަނިޔާގެ ކަންތައްތައް ކައިރިން ބަލަމުންދާކަމަށް ލީ ވަނީ ބުނެފައެވެ.
އިންގްލަންޑުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ދާދި ފަހުން ހޮވުނު ޗެލްސީގެ ފޯވާޑް ކޯލް ޕާމާއަށް މެޗުތައް ފެށުމުގެ ފުރުސަތު ނުލިބޭތީ، އެކަމާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަށް ރައްދު ދެމުން ލީ ކާސްލީ ބުނެފައިވަނީ ޕާމާ އަކީ އޭނާއަށް ވަރަށް ކަމުދާ ކުޅުންތެރިއެއް ކަމަށާއި، ބޮޑެތި މެޗުތަކުގެ ތަޖުރިބާ އޭނާއަށް މިހާރު ލިބިފައިވާ ކަމަށެވެ.
އަދި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ސްޕެއިން ކޮޅަށް ޕާމާ ލަނޑު ޖަހާފައިވާއިރު، ކުޅުންތެރިން ހޮވުމުގައި އޭނާ ބަލަނީ އެ ކުޅުންތެރިންގެ މެދުގައި ދަނޑުމަތީގައި އޮންނަ ގުޅުން ކަމަށާއި، އަދި ކްލަބްތަކުގައި އެ ކުޅުންތެރިންގެ ފަރާތުން ފެންނަ ކުޅުމަށް ބަލާނެ ކަމަށެވެ. އަދި ޗެލްސީގައި ޕާމާ އާއި ނޮނީ މަޑުއެކޭގެ ގުޅުން ރަނގަޅު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.