ދީން

ހަތް މިސްކިތެއްގައި އަޞުރު ނަމާދަށްފަހު ވަޢުޡު ވިދާޅުވާނެ


ރަމަޟާންމަހު ޢަޞުރު ނަމާދަށްފަހު މިސްކިތްތަކުގައި ވަޢުޡު ވިދާޅުވުން މިއީ މީގެ ގިނަ އަހަރުތަކެއް ކުރިން ފެށިގެން ރާއްޖޭގައި ކުރަމުންއަންނަކަމެކެވެ.

ރަމަޟާންމަހުގެ ދުވަސްތަކާއި، ރޭތައް އިޙްޔާކޮށް، ދިރުވުމުގެ ގޮތުން ކޮންމެ އަހަރެއްގެ ރަމަޟާންމަހު ކަނޑައެޅޭ ވަކި މިސްކިތްތަކުގައި ކީރިތި ޤުރުއާން ކިޔަވާވިދާޅުވުމާއި، ދީނީ ވައުޡު ވިދާޅުވުން ކުރިޔަށް ގެންދަވައެވެ. މިކަމަކީ 1980 ގެ އަހަރުތަކުން ފެށިގެން ސަރުކާރުން ވަރަށް އިސްކަން ދެއްވައިގެން ކުރައްވަމުން އަންނަ ކަމެކެވެ. މިކަމުގެ ބޭނުމަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރުއާނާމެދު ލޯބި އިތުރުކުރެއްވުމާއި ދީނީގޮތުން ދިވެހި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ހިންގަވާ ޕްރޮގްރާމެކެވެ.

ރަމަޟާން މަސް އިޙްޔާއުކުރެއްވުމުގެ ގޮތުން، ރަމަޟާންމަހުގެ ދުވަސްތަކުގެ ޢަޞުރު ނަމާދަށްފަހު މިސްކިތްތަކުގައި ހިންގަވާ ޕްރޮގްރާމް ފުރަތަމަ ހިންގެވި ދުވަސްވަރު ކޮންމެ ދުވަހަކު ޤުރުއާން ކިޔަވާވިދާޅުވުމާއި ވަޢުޡު ވިދާޅުވުން ކޮންމެ ދުވަހަކުވެސް މަސްޖިދުއްޞުއްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި ކުރިޔަށް ގެންދަވައެވެ. އޭރު ދެން އިތުރަށް މިކަން ބާއްވަވަނީ، މާލޭގެ ބޮޑެތި މިސްކަތްތަކުގައި ތެރެއިން އެދުވަހަކަށް ކަނޑައަޅުއްވާ 3 މިސްކިތެއްގައ. މިގޮތުން މިކަން ބާއްވަވާފައިވަނީ މާލޭގެ ހުރިހާ ސަރަޙައްދެއްގެ މިސްކިތްތަކުގައިވެސް މިކަން ކުރެއްވޭނޭހެން ދައުރުވާގޮތަށެވެ.

އިސްލާމިކް މިނިސްޓްރީން ހަމަޖައްސަވާފައިވާ ގޮތުން، މި ރަމަޟާންމަހު މާލޭގެ ބޮޑު ހަތް މިސްކިތެއްގައި ކޮންމެ ދުވަހަކުވެސް ޢަޞުރު ނަމާދަށްފަހު ދީނީ ވަޢުޡު ވިދާޅުވުން އޮންނާނެއެވެ. އެއީ، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް އާއި އިސްކަންދަރު މިސްކިތް، ޝަހީދު ޢަލީ މިސްކިތް، ޖަލާލުއްދީން މިސްކިތް، މަސްޖިދު ޢުމަރު ބިން ޚައްޠާބް، މަސްޖިދު ސަލާމް އަދި މަސްޖިދު ޤާސިމް ބިން މުޙައްމަދުއެވެ. ދީނީ ތަޤުރީރު ދެއްވަން ރަމަޟާން މަހުގެ ފުރަތަމަދުވަހުން ފެށިގެން މިހާރު ކުރިއަށްދެއެވެ. 

img:http://s2.psmnews.mv/images/660x400/14652059459053.jpg|ތޮއްޑޫގައި ބިނާކޮށްފައިވާ މިސްކިތް، މަސްޖިދުލް ޢައިޝާ- ފޮޓޯ: ޕީއެސްއެމް

މި ޕްރޮގްރާމްގައި މިފަހަރު ވަޢުޡު ވިދާޅުވަނީ އިސްލާމިކް އެފެއަރޒް މިނިސްޓްރީން ކަނޑައަޅުއްވާފައިވާ ދީނީ ޢިލްމުވެރިންނެވެ. މަތީތަޢުލީމް ޙާޞިލްކުރައްވައިގެން ތިއްބެވި ދީނީ ޢިލްމުވެރިން ގިނަކަމާއެކު ބޭރުގެ ޢިލްމުވެރިންނަށްވުރެ ގިނައިން ފަހަކަށްއައިސް މި ޕްރޮގްރާމްގައި ބޭނުންކުރައްވަމުން ރާއްޖޭގެ ޢިލްމުވެރިންނެވެ.

މިއަހަރު ޢަޞުރުނަމާދަށްފަހު ދީނީ ވަޢުޡު ވިދާޅުވަނީ ރަމަޟާން މަހުގެ މާތްކަމާއި، ރަމަޟާން މަހުގެ ރޯދަހިފުމަކީ ވާޖިބެއްކަމާއި، އެކަމުގެ މާތްކަމުގެ މައްޗަށާއި އަދިވެސް ކަނޑައެޅޭ ޚާއްޞަ ބައެއް މައިގަނޑު ކަންކަމުގެ މައްޗަށެވެ.

މިސްކިތްތަކުގައި ދީނީ ވައުޟު ވިދާޅުވުން ކުރިއަށް ގެންދެވުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރުގެ ނާއިބު މުޙައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވީ، ކޮންމެ އަހަރަކުވެސް މިސްކިތްތަކުގައި އަސުރު ނަމާދަށްފަހު ދީނީ ވައުޟު ވިދާޅުވުން ބާއްވަވަނީ ޢާންމުންގެ ހިތްތަކުގައި ރަމަޟާން މަހަކީ މާތް އަދި ދަރުމައާއި ސަވާބުން ފުރިގެންވާ މަހެއްކަން އަންގައިދީ އެމަހުގައި ދީނީ އަޅުކަން އަދާކުރާނެގޮތް އިތުރަށް އަންގައިދިނުމަށްކަމަށެވެ.

މި ޕްރޮގްރާމްގައި ކުރީގެ ދުވަސްވަރު ޢާންމުކޮށް ޤުރުއާންކިޔަވާ ވިދާޅުވަމުން ގެންދަވާފައިވަނީވެސް އަދި ދީނީ ވަޢުޡު ވިދާޅުވެފައިވަނީވެސް، ރަމަޟާން މަހުގެ މިފަދަ ޕްރޮގްރާމްތަކަށް ރާއްޖެއިން ބޭރުން ގެންނަވާ ޤާރީންނާއި ވާޢިޡުންނާއި އަދި ރާއްޖޭގައި ޤުރުޢާންގެ ޢިލްމު ފެތުރުއްވުމަށާއި ދީނީ ޢިލްމު އުނގަންނައިދެއްވުމަށް ރާއްޖޭގައި މަސައްކަތްކުރައްވަމުން ގެންދެވި ބޭރުގެ ޤާރީންނާއި ދީނީ ޢިލްމުވެރިންނެވެ. ބޭރުގެ ޢިލްމުވެރިން ޢަރަބިބަހުން ކުރައްވާ ތަޤްރީރު ތަރުޖަމާކުރައްވަނީ ދިވެހިން ޢިލްމުވެރިން ބޭފުޅުންނެވެ.