ޚަބަރު

ރައީސުލްޖުމްހޫރިއްޔާއަށް މަރުގެ އިންޒާރުދިން މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް


  • މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ. ސަންސަގެއާގެ އުމުރުން 40 އަހަރުގެ ޢަބްދުﷲ މިޔާދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރު ދިން މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ. ސަންސަގެއާގެ އުމުރުން 40 އަހަރުގެ ޢަބްދުﷲ މިޔާދެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރާއްޖޭން ބޭރުގައި ހުރެފައި ރޭގެ ވަގުތެއްގައި ރާއްޖެ އައުމުން ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލާގައި ހައްޔަރުކުރި މީހާ ބޭނުންކުރާކަމަށް ބެލެވޭ ފޭސްބުކް އެކައުންޓްތަކުން ރައީސް ޑރ. މުޢިއްޒާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށާއި އެހެން މީހުންނަށް ނިސްބަތްކޮށް މަރާލާނެ ކަމަށް ބުނެ، އަދި އެ ނޫން ގޮތްގޮތުން ވެސް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރު ދެމުންދާ މައްސަލަ ތަޙުޤީޤުކަރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން އެ އެކައުންޓުތަކުން ހަޑިހުތުރުބަހުން ޕޯސްޓުތައް ކުރުމާއެކު އެއްޖިންސުން ގުޅުންހިންގުމަށް ހިތްވަރުދޭގޮތަށް ޕޯސްޓުތައް ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީޤުކުރަމުންދާކަމަށެވެ.