ޚަބަރު

ރޯދަމަހު ހުށަހަޅާ ވައްކަމުގެ މައްސަލަތައް މަދުވާން ފަށައިފި


ރޯދަމަހަކީ ޢާއްމު ގޮތެއްގައި ވައްކަމުގެ މައްސަލަތައް ރިޕޯޓްކުރެވޭ މިންވަރު އެހެން މަސްމަހާ އަޅާބަލާއިރު އިތުރުވާ މަހެކެވެ. އެގޮތުން ރޯދަމަހުގެ ފަތިހުގެ ވަގުތަކީ ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ހިނގާ އެއް ވަގުތެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވާގޮތުގައި ރޯދަމަހުގެ ފަތިހު އަދި ހެނދުނުގެ ވަގުތުތަކުގައި ވައްކަންކުރުން އިތުރުވަނީ ނަމާދަށް އަދި އޮފީސް ނުވަތަ އެހެންވެސް މަސައްކަތްތަކަށް ދާ ފަރާތްތައް، ގޭގޭގެ ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ތަޅުނުލާ، ނުވަތަ ހުޅުވާލާފައި ދިއުންފަދަ ކަންކަމުގެ ސަބަބުންނެވެ. ފުލުހުން ވިދާޅުވީ އެކަމަށް އަމާޒު ކުރައްވައިގެން ފުލުހުން ހިންގަވާ ޕްރޮގްރާމްތައް ކާމިޔާބުވަމުން އަންނަކަމާއި، އެގޮތުން ވޭތުވެދިޔަ ދެ އަހަރުދުވަހުގެ ތެރޭގައި ރޯދަމަހު ހުށަހެޅުނު ވައްކަމުގެ މައްސަލަތަކުގެ އަދަދު ވަރަށް ބޮޑަށް ދަށްކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މާލެ ސިޓީ ޕޮލިސްގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުޙުﷲ ވަޙީދު ވިދާޅުވީ 2014 ވަނަ އަހަރުގެ ރޯދަމަހު ރިޕޯޓްކުރެވުނު ވައްކަމުގެ މައްސަލަތަކުގެ އަދަދަށްވުރެ، 2015 ވަނަ އަހަރުގެ ރޯދަމަހު ރިޕޯޓްކުރެވުނު ވައްކަމުގެ މައްސަލަތަކުގެ އަދަދު މަދުކަމަށެވެ. އެގޮތުން 2014 ވަނަ އަހަރު ވައްކަމުގެ 72 މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު، 2015 ވަނަ އަހަރު ހުށަހަޅާފައިވަނީ 42 މައްސަލައެވެ.

img:http://s4.psmnews.mv/images/660x400/14638947232920.jpg|ފިހާރަ ފަޅާލައިގެން ވަގަށް ނަގާފައިވާ ފައިސާތައް / ފޮޓޯ: ޕޮލިސް މީޑިއާ

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުޙުﷲ ވަޙީދު ވިދާޅުވީ ވައްކަމުގެ މައްސަލަތައް ބޮޑު އަދަދަކުން ދަށް ކުރެވިފައިވަނީ ހަމައެކަނި ފުލުހުން ކުރާ މަސައްކަތުން ނޫންކަމަށާއި، އެއީ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ހޯދިފައިވާ ކުރިއެރުމެއްކަމަށެވެ.

އަދި މިއަހަރުގެ ރަމަޟާންމަހުވެސް މަގުމަތީގައި އުޅޭ ފަރާތްތަކާ ސުވާލު ކުރެވޭނޭކަމަށާއި، އެހެންކަމުން، ކަމެއް ނެތި ދަންވަރުގެ ވަގުތުތަކުގައި ބޭރުގައި އުޅޭ ވަގުތު މަދުކުރުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ. އަދި ބަޔަކު ކުށްކުރާކަމަށް ތުހުމަތުކުރެވޭނަމަ، ނުވަތަ އެފަދަ އެއްވެސް ކަމެއް ހިނގާނަމަ، ވީހާވެސް އަވަހަކަށް ފުލުހުންނަށް އެކަން ރިޕޯޓްކުރުމަށް ފުލުހުން އެދިވަޑައިގެންނަވައެވެ.

މީގެ އިތުރުން ފޭރުމުގެ ކަންކަމަށްވެސް ސަމާލުކަން ދެއްވުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ. އަދި ފޯނާއި ވޮލެޓް ފަދަ ތަކެތި ފަހަތު ޖީބުގައި ފެންނަ ގޮތަށް ހުރުމުން ފޭރުމުގެ ޙާދިސާތައް އިތުރުވަމުންދާކަން ފުލުހުން ފާހަގަކުރައްވައެވެ. އަދި ބަންދު ދުވަސްތަކާ ދިމާކޮށް ގިނަ އަދަދެއްގެ ފައިސާ، ތިޖޫރީގައި ނުބެހެއްޓުމަށާއި، އަދި އެއްތަނުން އަނެއް ތަނަށް ފައިސާ ގެންދާއިރުވެސް ސަމާލުވުމަށް ފުލުހުން އެދިވަޑައިގެންނަވައެވެ.