ޚަބަރު

"ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ދައްކަން ފަށައިފި


ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ޓީވީ ޕްރޮގްރާމް "ދިވެހި ރާއްޖޭގެ އެންމެ އަލިގަދަ ތަރި"ގެ، މިއަހަރުގެ ސިލްސިލާ ޓީވީއެމުން ރޭ ދައްކަން ފަށައިފިއެވެ.

ބައި މިލިއަން ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވާ ދިވެހި ރާއްޖޭގެ އެންމެ އަލި ގަދަ ތަރި ޕްރޮގްރާމަކީ ޕަބްލިކް ސަރވިސް މީޑިއާއިން ކޮންމެ ރަމަޟާންމަހު ގެނެސްދޭ ޤުރުއާން ކިޔެވުމުގެ މުބާރާތެކެވެ. މި ޕްރޮގްރާމަކީ ޤުރުއާން ކިޔެވުމުގެ ހުނަރާއި، ޤުރާއާނާމެދު މުޖުތަމަޢުގައި އޮންނަ ޤަދަރު މަތިކޮށް، ޤުރުއާނާމެދު ޢާންމުންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ ގޮތުން ގެނެސްދޭ ޕްރޮގްރާމެކެވެ. މިއަހަރުގެ ޕްރޮގްރާމްގެ ފުރަތަމަ ޝޯވ ރޭ ދައްކާފައިވާއިރު، ރޭ ގެނެސްދީފައިވަނީ ފުވައްމުލަކާއި ތިނަދުއާއި އިހަވަންދޫގެ އޮޑިޝަނެވެ. ދެން އޮންނަ ޕްރޮގްރާމްގައި އޮންނާނީ މާލޭގެ އޮޑިޝަނާއި ދެވަނަ ރައުންޑްގެ ބައިތައް ގެނެސްދޭނެއެވެ. 

މި ޕްރޮގްރާމް ކޮންމެ އަންގާރަ އަދި ހުކުރުދުވަހެއްގެ ރޭ ދެއްކުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ދެއްކުމަށް ހަމަޖެހިފައިވަނީ އޮޑިޝަންތަކެވެ. އެއަށްފަހު އޮޑިޝަނުން ދެވަނަ ބުރުގެ ޝޯވތައް ދައްކާނެއެވެ. ގަދަ ބާރައަށްދާ ފަރާތްތައް ކަނޑައަޅާނީ ދެވަނަ ބުރުގެ ޝޯވތަކުންނެވެ. އަދި ގަދަ ބާރައަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅޭ އުޞޫލަކުން ބައިވެރިން ކަޓަމުން ގޮސް ގަދަ ތިނެއް ހޮވާނެއެވެ. އަދި ދިވެހިރާއްޖޭގެ އެންމެ އަލި ގަދަ ތަރި ހޮވާނީ އެ ތިން ބައިވެރިންގެ ތެރެއިންނެވެ.

img:http://s2.psmnews.mv/images/660x400/14653798400343.jpg|އަލިގަދަ ތަރީގެ ދެވަނަ ބުރަށް ދަތުރުކުރި ދެ ބައިވެރިޔަކު

އެންމެ އަލިގަދަ ތަރި ޕްރޮގްރާމްގެ އެއްވަނަ، ދެވަނަ، ތިންވަނައަށް ހޮވޭ ފަރާތްތަކަށް އަގު ބޮޑެތި އިނާމުތަކެއް މިއަހަރު ހުށަހަޅާފައިވާއިރު، އޭގެތެރޭގައި އިސްލާމިކް ޔުނިވަރސިޓީން ދެއްވާ ފުލް ސޮކްލަރޝިޕް ހިމެނެއެވެ. މީގެ އިތުރުން ޙައްޖު ދަތުރަކާއި، ޢުމްރާ ދަތުރު މި ޕްރޮގްރާމްގެ އެއްވަނަ، ދެވަނަ އަދި ތިންވަނަޔަށް ހޮވޭ ފަރާތަށް އިނާމެއްގެ ގޮތުގައި ބައެއް ފަރާތުން މިހާރު ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން އިސްލާމީ ޤައުމުތަކުންވެސް މިމުބާރާތަށް އިނާމު ހުށަހަޅުއްވާނެ ކަމުގެ ޔަޤީންކަން ދީފައިވެއެވެ.

މިޕްރޮގްރާމް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުލް ލަތީފް ވިދާޅުވީ، މި ޕްރޮގްރާމަކީ ޤުރުއާނާ އިސްލާމީ ފަންނު ކުރިއެރުވުމަށް ޕީއެސްއެމްގެ ފަރާތުން ކުރާ ބޮޑު މަސައްކަތެއް ކަމަށެވެ. އިކްރާމް ވިދާޅުވީ، މި ޕްރޮގްރާމަކީ ގިނަބަޔަކު ބަލާ ޕްރޮގްރާމަކަށް ހެދުމަށް ގިނަ މަސައްކަތެއް ކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން މިއަހަރުގެ ޕްރޮގްރާމްގައި އެންމެ ބޮޑު ބަދަލަކަށް ފެނިގެންދާނީ ރާއްޖޭގެ ތިން ސަރަޙައްދެއްގައި އޮޑިޝަންތައް ބޭއްވިގެން ޕްރޮގްރާމް ގެނެސްދިނުންކަން އިކްރާމް ފާހަގަކުރެއްވިއެވެ.

މިއީ ޓީވީއެމްއިން ދިވެހިރާއްޖޭގެ އެންމެ އަލި ގަދަ ތަރި ގެނެސްދޭ 4 ވަނަ އަހަރުއެވެ. 2013 ވަނަ އަހަރު ބޭއްވި މިމުބާރާތުގެ އެއްވަނަ ހަސަން ޒަރީރް ހޯދާފައިވާއިރު، 2014 ވަނަ އަހަރު އެއްވަނަ ހޯދީ އަލްހާފިޒު އަބްދުއްރަޝީދުއެވެ. އަދި މިދިޔަ އަހަރު ބޭއްވި މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ އަލް ހާފިޒު، އަލްޤާރީ އިބްރާހިމް އަލީއެވެ.