ވިޔަފާރި

ހޮނިހިރު ދުވަހު ކަދުރު ބަހަނީ


ސަޢޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ފަންސާސް ޓަނުގެ ކަދުރު މިއަންނަ ހޮނިހިރު ދުވަހުން ފެށިގެން ބެއްސެވުމަށް ސަރުކާރުން ނިންމަވައިފިއެވެ.

މާލީ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، 1437 ވަނަ އަހަރުގެ ރަމަޟާން މަހަށް ސަޢޫދީ ރަސްގެފާނު ރާއްޖެއަށް ހަދިޔާކުރައްވާފައިވާ ކަދުރު، ހޮނިހިރު ދުވަހުން ފެށިގެން ބެއްސެވުމަށް ނިންމަވާ އެމަސައްކަތް މާލީ ވުޒާރާއިން ވަނީ ހައުސިންގ މިނިސްޓްރީއާ ޙަވާލުކުރައްވާފައެވެ. ހައުސިންގ މިނިސްޓްރީން ވިދާޅުވީ، މާލެއާއި ވިލިމާލެ ރައްޔިތުންނަށް ބެއްސެވުމަށް ހަމަޖައްސަވާފައިވަނީ، ހަތްހާސް އަށްސަތޭކަ ސާޅީސް ކިލޯ ކަދުރުކަމަށެވެ. އެއީ ދެކިލޯގެ ތިންހާސް ނުވަސަތޭކަ ވިހި ޕެކެޓް ކަދުރެވެ.

ކަދުރު ބެއްސެވުމަށް ހަމަޖެހިފައިވަނީ ހައުސިންގް މިނިސްޓްރީގެ ޢާއްމު ޚިދްމަތްތަކާބެހޭ ބައި (ތައިސޭ ކޮށި) ގައި، ހޮނިހިރު ދުވަހުން ފެށިގެން ރަސްމީ ބަންދު ދުވަސް ނޫން ކޮންމެ ދުވަހެއްގެ ހެދުނު 10:15 ން 14:00 އަށެވެ. އަދި ކޮންމެ ދުވަހަކުވެސް ކަދުރު ބެއްސެވުމަށް ހެދުނު 09:00 ން 10:00 އަށް ނަމްބަރެއް ދޫކުރައްވާނޭކަމަށާއި، ދޫކުރައްވާނީ 100 ނަމްބަރު ކަމަށް ހައުސިންގް މިނިސްޓްރީން ވިދާޅުވެއެވެ.

މާލެ ރަށްވެހިން ކަދުރު ބައްލަވައި ވަޑައިގަންނަވާއިރު، އައިޑީ ކާޑު ނުވަތަ އެނޫނަސް މާލެ ރައްވެއްސެއްކަން އެނގޭ ފަދަ ރަސްމީ ލިޔުމެއް ހިއްޕަވައިގެން ވަޑައިގަތުމަށް ހައުސިންގ މިނިސްޓްރީން އިލްތިމާސް ކުރައްވައެވެ.

ފިނޭންސް މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި އަތޮޅު ތެރޭގައި ކަދުރު ބައްސަވަނީ އަތޮޅާއި ރަށު ކައުންސިލް މެދުވެރިކޮށެވެ.