މާލޭގެ ސަރަޙައްދުގައި ވިޔަފާރިތަކުން ކަރަންޓަށް އަގު ނަގާގޮތަށް ބަދަލު ގެންނަވައިފިއެވެ.
މޯލްޑިވްސް އެނާރޖީ އޮތޯރިޓީން މިއަދު ނެރުއްވި ސަރކިއުލަރގައި ވަނީ މާލޭގެ ސަރަޙައްދުގެ ކަރަންޓްގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ތެރެއިން ބިޒްނަސް ކެޓަގަރީއަށް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ތިން ބޭންޑެއް އިތުރުކުރައްވާފައިވާކަމަށެވެ. މި ބޭންޑް އިތުރުކުރައްވާފައިވަނީ ކަރަންޓް ބޭނުންކުރާ ނިސްބަތް، ހަ ސަތޭކަ ޔުނިޓުން ފެށިގެން މައްޗަށެވެ.
މި ގެންނެވި ބަދަލާއެކު މީގެ ކުރިން ހަސަތޭކަ ޔުނިޓުން މައްޗަށް ޔުނިޓަކަށް ނަގަމުން ދިޔަ ހަތަރު ރުފިޔާ ތިރީސް ފަސްލާރި ދެން ނަގަމުންދާނީ ހަތްސަތޭކަ ޔުނިޓާއި ތިންހާސް ޔުނިޓާއި ދެމެދަށްކަމަށެވެ. ތިންހާސް ޔުނިޓުން ފެށިގެން ދިހަހާސް ޔުނިޓާ ދެމެދު ނަގާނީ ޔުނިޓަކަށް ފަސްރުފިޔާ ހަތްދިހަ ފަސްލާރިއެވެ. އަދި ދިހާސް ޔުނިޓުން މައްޗަށް ނަގާނީ ކޮންމެ ޔުނިޓަކަށް ހަ ރުފިޔާ ފަސްފޮޅަށް ފަސްލާރިކަމަށް އެނާރޖީ އޮތޯރިޓީން ވިދާޅުވެއެވެ.
މި ގެނުވުނު ބަދަލާ ގުޅިގެން، އަލަށް އިތުރުކުރެވުނު ބޭންޑްތަކާއެކު ހުރިހާ ބޭންޑަކަށްވެސް ސްޓެލްކޯއިން ޑީސަލް ގަންނަ ލިބޭ އަގު، އަށްރުފިޔާއަށްވުރެ ބޮޑުވާ ކޮންމެ ދިހަލާރިއަކަށް ސުމެއް ޕޮއިންޓް ސުމެއް ތިނެއް ރުފިޔާގެ ނިސްބަތުން ފިއުލް ސާރޗާޖު ނެގުމުގެ ހުއްދަ ދެއްވާފައިވާކަމަށްވެސް މޯލްޑިވްސް އެނާރޖީ އޮތޯރިޓީން ވިދާޅުވެއެވެ.