ސޫރިޔާގެ ދަރާޔާގައި ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ޢާންމުންނަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށް ސޫރިޔާ ސަރުކާރުގެ ހުއްދައަށް އެދިފައިވާކަމަށް އ.ދއިން ބުނެފިއެވެ.
ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ ސަރަޙައްދެއްކަމަށްވާ ދަރާޔާއަކީ ސޫރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ޖަމާޢަތްތަކުގެ އަތްދަށުގައިވާ ސަރަޙައްދެކެވެ. އ.ދ އިން ބުނީ އެސަރަޙައްދުގެ ރައްޔިތުންނަށް އަވަސް މުއްދަތެއްގައި ކާބޯތަކެތީގެ އެހީ ފޯރުނުކޮށްދެވިޖެނަމަ އެމީހުން ބަނޑަށް ޖެހި މަރުވެދާނެކަމުގެ ބިރުއެބައޮތްކަމަށެވެ.
ދަރާޔާގެ ރައްޔިތުންނަށް އެއްގަމު މަގުން އެހީ ފޯރުކޮށްދިނުމުގެ ހުއްދަ ސޫރިޔާގެ ސަރުކާރަށް ނުދެވޭނަމަ ވައިގެ މަގުން ނަމަވެސް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ހުއްދަ އަށް ސޫރިޔާ ސަރުކާރުގެ ކިބައިން އެދިފައިވާކަމަށް އ.ދ އިން ބުނެއެވެ. ދަރާޔާގެ ރައްޔިތުންނަށް އ.ދ އިން އެންމެ ފުރަތަމަ އެހީގެތަކެތި ފޯރުކޮށްދީފައިވަނީ 2012 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ. ނަމަވެސް އެފަހަރު ފޯރުވައިދިން އެހީގެ ތަކެތީގެ ތެރޭގައި ކާބޯތަކެތި ނުހިމެނޭކަމަށް އ.ދ އިން ބުނެއެވެ.
ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އ.ދ ގެ ތަރުޖަމާނު އަޙުމަދު ފައުޒީ ވިދާޅުވީ ދަރާޔާއަށް އެހީ ފޯރުކޮށްދިނުމުގެ ހުއްދަ ނުދީ ސޫރިޔާ ސަރުކާރުން އެކަމަށް ހުރަސް އަޅަމުންދަނީ ސިޔާސީ މަޤުޞަދުތަކެއް ޙާޞިލުކުރުމަށްކަމަށެވެ.