އިނގިރޭސިވިލާތުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ޗެލްސީގެ ޒުވާން ފޯވާޑް ކޯޕް ޕާމާއަށް ލިބިއްޖެއެވެ.
އޭނާއަށް މި ޝަރަފު ލިބިފައިވަނީ އިނގިރޭސިވިލާތުގެ އާންމުންގެ މެދުގައި ނެގި ވޯޓަކުންނެވެ. ޕާމާ އާއި އެންމެ ކައިރިން ވާދަކޮށްފައިވަނީ ޖޫޑް ބެލިންހަމް އާއި ބުކަޔޯ ސަކާ އެވެ. މިދިޔަ ދެ އަހަރުވެސް މި މަގާމަށް ހޮވިފައިވަނީ ބުކަޔޯ ސަކާ އެވެ.
އުމުރުން 22 އަހަރުގެ ޕާމާ އިނގިރޭސިވިލާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އާންމުންގެ ވޯޓަކުން ހޮވިފައިވާއިރު އޭނާ އިނގިރޭސި ގައުމީ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހު މަލްޓާ އާއި ދެކޮޅަށެވެ. އެ މެޗުން އިނގިރޭސިން މޮޅުވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
އިނގިރޭސި ގައުމީ ޓީމަށް މިހާތަނަށް 9 މެޗު ކުޅެފައިވާ ޕާމާ ވަނީ 2 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އޭގެ ތެރެއިން އެއް ލަނޑަކީ ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ސްޕެއިން އާއި ދެކޮޅަށް ޖެހި ލަނޑެވެ. ފައިނަލުން އިނގިރޭސިން ވަނީ ސްޕެއިން އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.
ޗެލްސީގައި މޮޅު ކުޅުމެއް ދައްކަމުންދާ ޕާމާއަށް މި އެވޯޑް ލިބިފައިވާއިރު ދާދި ފަހުން އޭނާއަށް ވަނީ ޕީއެފްއޭ އިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ލިބިފަ އެވެ. މިދިޔަ ސީޒަނުގައި ޕާމާ ވަނީ ޖުމްލަ 25 ލަނޑު ޖަހާފަ އެވެ.
މިއީ 2010 ވަނަ އަހަރަށްފަހު ޗެލްސީގެ ކުޅުންތެރިއަކަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ. 2010 ގައި އެ ޝަރަފު ލިބުނު ޗެލްސީގެ ކުޅުންތެރިއަކީ އެޝްލީ ކޯލް އެވެ. އޭގެ ކުރިން ފްރޭންކް ލަމްޕާޑް ވަނީ ދެ ފަހަރު މި އެވޯޑް ހޯދާފަ އެވެ.
މީގެ ކުރިން މި މަގާމަށް ހޮވިފައިވާ ކުޅުންތެރިންގެ ތެރޭގައި ވޭން ރޫނީ އާއި ޑޭވިޑް ބެކަމް އާއި ހެރީ ކޭންގެ އިތުރުން ސްޓީވަން ޖެރާޑް ހިމެނެ އެވެ.