ދުނިޔެ

އެންއެސްޖީގެ މެންބަރަކަށް އިއްޑިޔާ ހެދުމަށް އެމެރިކާއިން އެހީވަނީ


ދުނިޔޭގެ ނިއުކްލިޔަރ ޤާބިލްކަން ލިބިފައިވާ ޤައުމުތަކުގެ ޖަމްޢިއްޔާ، ނިއުކްލިޔަރ ސަޕްލައި ގްރޫޕް، އެން.އެސްޖީގެ މެންބަރަކަށް ވުމަށް އިންޑިޔާ ކުރާ މަސައްކަތްތަކަށް އެމެރިކާއިން އެއްބާރުލުން ދޭނެ ކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.

އޮބާމާ މިހެން ވިދާޅުވީ އެމެރިކާއަށް ވަޑައިގެން އުޅުއްވާ އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއާ ބައްދަލުކުރެއްވުމަށްފަހު ނެރުއްވި ގުޅިފައިވާ ބަޔާނެއްގައެވެ. މަދަނީ ބޭނުންތަކަށް ނިއުކްލިޔަރ ޓެކްނޮލޮޖީ ތަރައްޤީކުރުމަށް އިންޑިޔާ ކުރާ މަސައްކަތްތަކަށް އެމެރިކާގެ އެހީތެރިކަން ލިބޭނެކަމަށްވެސް މިބަޔާނުގައި އޮބާމާ ވިދާޅުވެފައިވެއެވެ.

ނިއުކްލިޔަރ ސަޕްލައި ގްރޫޕަކީ ނިއުކްލިޔަރ ހަކަތައާއި އެކަމަށްބޭނުންވާ ވަޞީލަތްތައް އެހެންޤައުމުތަކަށް ވިއްކުމާއި ސަޕްލައި ކޮށްދިނުމުގެ ވިޔަފާރީގައި ޝާމިލްވާ ޤައުމުތަކުގެ ޖަމްޢިއްޔާއެވެ. މޯދީ އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ އިތުރުން އެމެރިކާގެ ކޮންގްރެސްގެ ބައެއް މެންބަރުންނާއި ޕްރައިވެޓް ސެކްޓަރުގެ ބައެއް އިސް ފަރާތްތަކާވެސް ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުންތަކުގައި މައިގަނޑުގޮތެއްގައި މަޝްވަރާތަކުރެއްވީ  ދިފާޢީ ކަންކަމާއި ހަކަތައާ އަފްޣާނިސްތާނުގެ މައްސަލައާ ގުޅޭގޮތުންނެވެ.

މޯދީ އެމެރިކާއަށް ވަޑައިގެން އުޅުއްވަނީ ފަސް ޤައުމަކަށް އޭނާ ފައްޓަވާފައިވާ ދަތުރުފުޅެއްގައެވެ. މިދަތުރުފުޅުގައި އެމެރިކާގެ އިތުރުން އަފްޣާނިސްތާން، ޤަތަރު، ސްވިޓްޒަލޭންޑް އަދި މެކްސިކޯ ހިމެނެއެވެ. އެމެރިކާއަށްފަހު ދެން މޯދީ ވަޑައިގަންނަވާނީ މެކްސިކޯއަށް ކަމަށް އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.