ޚަބަރު

ކައުންސިލްތަކަށް އައްޔަންކުރާ މެމްބަރުންގެ އަދަދު


ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލަތަކަށް އިންތިޚާބުކުރަންޖެހޭ މެމްބަރުންގެ ޢަދަދު އަންނަ މަހުގެ ތެރޭގައި އިޢުލާންކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އެކޮމިޝަންގެ މެމްބަރު އަޙްމަދު އަކްރަމު ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެންނެވި އިޞްލާޙުން މިހާރު ކައުންސިލްތަކުގައި ތިއްބެވި މެމްބަރުންގެ ޢަދަދަށް ބޮޑެތި ބަދަލުތަކެއް އަންނަކަމަށެވެ. އެހެންކަމުން އެރަށެއްގެ އާބާދީގެ ނިސްބަތަށް ބަލައިގެން ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ ޢަދަދު މިހާރު ކަނޑައަޅުއްވާފައިވާ ކަމަށާއި ކައުންސިލަރުންގެ ޢަދަދު ކަނޑައަޅުއްވާފައިވަނީ ރަށްރަށުގެ ކައުންސިލްތަކުން އެއްކުރެއްވި މަޢުލޫމާތަށް ބިނާކުރައްވާ ކަމަށްވެސް އަޙްމަދު އަކުރަމު ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނެވި އިޞްލާޙުން މިހާރު ކައުންސިލަރުންގެ މުސާރައިގެ ގޮތުގައި ދައުލަތުން ހޭދަކުރައްވަމުން ގެންދަވާ އަދަދުން މަހަކު ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ލާމަރުކަޒީ ޤާނޫނަށް ގެންނެވި ބަދަލުން، ރަށު ކައުންސިލަރުންގެ ގޮތުގައި މިހާރު ތިބި ނުވަސަތޭކަ ފަންސަވީސް ކައުންސިލަރުންގެ ޢަދަދު ފައްސަތޭކަ އަށްޑިހަ ނުވަޔަކަށް ތިރިވެގެންދާނެއެވެ. މިއީ މަހެއްގެ މައްޗަށް ބަލާނަމަ ދައުލަތުގެ ބަޖެޓުން ސަލާމަތްކުރެވޭ ތިން މިލިޔަނަށްވުރެ ގިނަ ރުފިޔާއެވެ. އަތޮޅު ކައުންސިލަރުންނަށް ގެނައި ބަދަލުން ސަތޭކަ ބައްތިރީސް ކައުންސިލަރުން ހަތްދިހައަށް ތިރިވެ އެއްމިލިޔަން ދުއިސައްތަ ސާޅީސް ރުފިޔާ ސަލާމަތްކުރެވޭނެއެވެ. ތިންހާސް މީހުންނަށްވުރެ އާބާދީ ކުޑަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ތިން މެމްބަރުން އިންތިޚާބްކުރައްވާއިރު ތިންހާހަށްވުރެ އާބާދީ މަތިވެއްޖެނަމަ އެރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބްކުރާނީ ފަސް މެމްބަރުންނެވެ.

އަތޮޅު ކައުންސިލަށް އައި ބަދަލަށް ބަލާއިރު އިންތިޚާބީ ދެ ދާއިރާއަށްވުރެ ގިނަ އިންތިޚާބީ ދާއިރާ ހިމެނެ އަތޮޅުތަކުގެ އަތޮޅު ކައުންސިލަށް އިންތިޚާބްކުރެވޭނީ ކޮންމެ ދާއިރާއަކުން އެންމެ މެމްބަރެކެވެ. ދެ އިދާރީ ދައިރާތައް ހަމަވާ ދައިރާތަކުން މުޅި އަތޮޅު ހިމެނޭ ގޮތަށް އެ އަތޮޅެއްގެ ކައުންސިލަށް އިންތިޚާބްކުރެވޭނީ ތިން މެމްބަރުންނެވެ. 

ދެހާސް ސާދަވަނަ އަހަރު އިންތިޚާބްކުރެއްވި ކައުންސިލަރުންގެ ދައުރު ހަމަވާނީ ދެހާސް ސަތާރަވަނަ އަހަރުގެ ޖެނުއަރީ މަހުގެ އަށާރަވަނަ ދުވަހުއެވެ. އިލެކްޝަން ކޮމިޝަނުން ވިދާޅުވީ އަންނަ ލޯކަލް ކައުންސިލްގެ އިންތިޚާބް އަންނަ ޖެނުއަރީމަހުގެ ސާދައިގައި ބާއްވަވާނެކަމަށެވެ. އަދި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އޮކްޓޯބަރު މަހުގެ ތެރޭގައި ހުޅުވާލައްވާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.