ޚަބަރު

މޮނިޓަރިން ސިސްޓަމް ހޯދުމަށް ބަޖެޓް ލިބިއްޖެ- އެމްބީސީ


ރާއްޖޭގެ ބްރޯޑްކާސްޓްކުރާ ކޮންޓެންޓުތައް މޮނިޓަރ ކުރުމަށް ބޭނުންވާ ސާމާނު ގަތުމަށް ސަރުކާރުން ބަޖެޓް ހަމަޖައްސަވައި ދެއްވުމުން އެސާމާނު ހޯދުމަށް މިހާރު އިއުލާން ކުރެވިފައިވާކަމަށް ބްރޯޑްކާސްޓީން ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އެކޮމިޝަނުން ވިދާޅުވީ މޮނިޓަރިންގެ މަސަކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށެވެ. ރާއްޖޭގައި ބްރޯޑްކާސްޓުކުރުމުގެ ހުއްދަ ޓީ.ވީ އަދި ރޭޑިއޯ ހިމެނޭ ގޮތަށް 49 ފަރާތަކަށް ވަނީ ދެއްވާފައެވެ. 2007ގެ ކުރީކޮޅާއި ހަމައަށް ރާއްޖޭގައި ބްރޯޑްކާސްޓު ކުރަމުން ގެންދިޔައީ ދައުލަތުގެ ދެ ޗެނަލް ކަމުގައިވާ ދިވެހިރާއްޖޭގެ އަޑާއި، ޓެލެވިޒަން މޯލްޑިވްސް އިން އެކަންޏެވެ. 

އެހެންނަމަވެސް ޕްރައިވެޓް ނުވަތަ އަމިއްލަ ރޭޑިއޯ ޓީވީ ޗެނެލަތްތައް ހިންގުމަށް 2007 ވަނަ އަހަރު އޭރުގެ ސަރުކާރުން ހުއްދަދެއްވުމާއި އެކު ރޭޑިއޯ ޗެނަލްތަކާއި ބައެއް ޓީވީ ޗެނަލްތައް އުފެއްދިގެންދިޔައެވެ. ގިނަ ޗެނަލްތަކެއް އުފެދި އެ ޗެނަލްތަކުގެ ބެލެނިވެރިޔާ ބްރޯޑްކާސްޓީން ކޮމިޝަންގެ ވުޖޫދަށް އައިސްފައިވަނީ ދެހާސް އަށްވަނަ އަހަރު ދިވެހިން ބަލައިގަނެ އަމަލުކުރަން ފެށި ފެހި ގާނޫނު އަސާސީއާއި އެކުއެވެ. އެއާއި އެކު ޗެނަލްތައް އުފެއްދުމަށް ލައިސަންސް ދުކުރުމާއި އެޗަނަލްތަކުން ދައްކާ ކޮންޓެންޓް މޮނީޓަރކޮށް އެމްބީސީން ބަލަހައްޓަންޖެހެއެވެ.

މޯލްޑްވސް ބްރޯޑްކާސްޓިން ކޮމިޝަން އުފެދި އެކޮމިޝަނުން ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދެއްވަން ފެއްޓެވިފަހުން މިހާތަނަށް 36 ޓީވީ ޗެނަލް އަދި 13 ރޭޑިއޯ ޗެނަލަށް ލައިސަންސް ދޫކޮށްފައިވެއެވެ. މީގެ އިތުރުން މުޅިރާއްޖެއަށް ރީބްރޯޑްކާސްޓު ކުރުމުގެ ހުއްދަ 3 ފަރާތަކަށް ދެއްވާފައިވެއެވެ. އަދި އަތޮޅުތަކުގެ ވަކިވަކި 111 ރަށަކަށްވެސް ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދެއްވާފައިވެއެވެ. 

މީގެ ތެރެއިން ބައެއް ޓީވީ އަދި ރޭޑިއޯ ޗެނަލްތައް އުފެދި މިހާރުވެސް ހިންގަމުން ގެންދެއެވެ. އެހެންނަމަވެސް މި ޗެނަލްތަކުން ފޮނުވާ ކޮންޓެންޓް މޮނިޓަރ ކޮށް ބެލެހެއްޓުމަށް އެކަމަށް ބޭނުންވާ ސާމާނު ނެތުން ވެގެންގޮސްފައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަށެވެ. މިކަމަށް ބޭނުންވާ ސާމާނު ހޯދުމަށް ހިނގާ ހަރަދު ބޮޑުކަމުން ރާއްޖޭގައި ހިންގާ ޗެނަލްތައް މޮނީޓާރ ކުރުން މިހާތަނަށްވެސް އެމްބީސީއަށް އޮތީ ނުކުޅެދިފައެވެ. ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު ވިދާޅުވީ ކޮމިޝަންގެ އެއް ދައުރު ނިމިގެންދިޔައިރުވެސް މޮނިޓަރިން ސިސްޓަމެއް ހޯދުމަށް ބޭރުގެ ގައުމުތަކުގެ އެހީއާއި، އެހެނިހެންވެސް އަމިއްލަ ބައެއް ފަރާތްތަކުގައި އެދިގެން އެކަން ކާމިޔާބު ވެފައި ނުވާކަމަށެވެ. 

img:http://s3.psmnews.mv/images/660x400/14653671934585.jpg|ކޮމިޝަނުގެ ރައީސް ޝަހީބް، ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަނީ

އެހެންނަމަވެސް ކޮމިޝަންގެ ދެވަނަ ދައުރަށް ބޯރޑް އައްޔަންކުރައްވުމާއި އެކު އެކޮމިޝަނުގެ އެދިލެއްވުމަށް ސަރުކާރުން މިހާރު މޮނިޓަރިން އިކުއިޕްމަންޓް ގަތުމަށް ބޭނުންވާ ބަޖެޓް ހަމަޖައްސަވައިފައިވާކަން ޝަހީބު ފާހަގަކުރެއްވިއެވެ. އަދި އެތަކެތި ހޯދުމަށް ޓެންޑަރ ބޯޑުން މިހާރު އިއުލާން ކުރައްވާފައިވާކަމަށާއި އެތަކެތި ލިބުމަކީ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަސައްކަތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަމަށްވެސް ޝަހީބު ވިދާޅުވިއެވެ. އެމްބީސީގެ ފުރަތަމަ ދައުރާއި މި ދައުރުގެވެސް ރައީސްކަން ކުރައްވާ މުހައްމަދު ޝަހީބު ވިދާޅުވީ މޮނިޓަރިން ނިޒާމު ވަރަށް އަވަހަށް ޤާއިމްކުރެވިގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

ބްރޯޑްކާސްޓިން ޤަވާއިދުގައިވާ ގޮތުން ޓީ.ވީ ޗެނަލެއް އުފެއްދުމުގެ ލައިސަންސް ދެއްވާ މުއްދަތުން ފެށިގެން 3 އަހަރު ދުވަހުގެ ތެރޭގައި ޗެނަލަތަކުގެ ޚިދުމަތް ފޯރުކޮށްދެއްވަންޖެހެއެވެ. މިގޮތުން 3 އަހަރުގެ ތެރޭގައި ޚިދުމަތް ނުފެށުމުގެ ސަބަބުން 3 ފަރާތެއްގެ ލައިސަންސް ވަނީ ބާތިލު ކުރައްވާފައެވެ.   

ކޮމިޝަނުގެ ރައީސް ވިދާޅުވީ، ސެޓަލައިޓް މެދުވެރިކޮށް ބްރޯޑްކާސްޓް ކުރުމަކީ ވަރަށް ޚަރަދު ބޮޑު ކަމަކަށްވީނަމަވެސް ކޮމިޝަނުން ހުއްދަދެއްވާ ކޮންމެ ޗެނަލެއްވެސް މުޅި ރާއްޖެއަށް ފެންނަގޮތަށް ޚިދުމަތް ދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

މޯލްޑިވްސް ބޮރޯޑްކާސްޓިން ކޮމިޝަނުން މިހާރު އެންމެ ބޮޑު އަމާޒެއް ހިފާފައިވަނީ، ރާއްޖޭގެ ބޮރޯޑްކާސްޓިންގެ ޚިދުމަތުގައި ހަރަކާތްތެރިވާ މުވައްޒަފުން ތަމްރީނު ކުރެއްވުމަށެވެ. އެ އަމާޒަށް ވާސިލިވުމަށް 3 ޤައުމެއްގެ ސަފީރުންނާއި، މަޝްވަރާކޮށް ޕްރޮޖެކްޓް ޕްރޮޕޯޒަލް ހުށައްޅުއްވަމުން ގެންދަވާކަމަށް އެކޮމިޝަނުން މައުލޫމާތުދެއްވައެވެ.