ޚަބަރު

ދުނިޔޭގެ އެންމެ ބޮޑު ބޮޑީބިލްޑިން މުބާރާތް އަންނަ މަހު އައްޑޫ ސިޓީގައި


އަންނަ ނޮވެމްބަރު މަހު އައްޑޫ ސިޓީގެ ކެނެރީފް ރިސޯޓުގައި ބާއްވަން ނިންމާފައިވާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 5-11 އަށެވެ. މުބާރާތުގައި ޖުމްލަ 55 ގައުމަކުން 500 އަށްވުރެ އެތުލީޓުންނާއި އޮފިޝަލުން ބައިވެރިވާނެ ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މައުލޫމާތުދެއެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ގިނަ އަދަދެއްގެ އެތުލީޓުން ވާދަކުރާ ކުޅިވަރު މުބާރާތެވެ. މުބާރާތް ލޯންޗުކުރުމަށް ގަލޮޅު ރަސްމީ ބޯޅަ ދަނޑުގެ ވީއައިޕީ ލައުންޖުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. މީގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނެރަލް ސެކްރެޓަރީ ތަމޫހު އާއި މުބާރާތް ބާއްވާ ކެނެރީފްގެ ޑިރެކްޓަރ އަހްމަދު ހަމްޒާ ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެ އިތުރުން ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަން (ބީބީއޭއެމް) ގެ ރައީސް އިބްރާހީމް ހަމީދު (އިއްބެ) އާއެކު މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާއި ކޯޗިން ޓީމުވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ. ރަސްމިއްޔާތުގެ ތެރެއިން މުބާރާތުގެ ބާއްވާ ކެނެރީފްގެ ހާއްސަ ވީޑިއޯއެއް ދައްކާލިއިރު މުބާރާތަށް ހާއްސަ ވީޑިއޯއެއްވެސް ވަނީ ދައްކާލާފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ވާހަކަފުޅުދައްކަވަމުން ވަޒީރު ރާފިޢު ވަނީ މިފަދަ މުބާރާތްތަކާއެކު ރާއްޖެއަށް ލިބޭނެ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. އަދި މިއީ މިފަދަ މުބާރާތްތައް ރާއްޖޭގައި ބޭއްވިދާނެކަން ހާމަވެގެންދާ ކަމެއް ކަމަށާއި އުއްމީދަކީ ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ސަރުކާރުގެ އެއް އަމާޒު ކަމަށެވެ.

ރާއްޖޭގައި ވަނީ 2022 ވަނަ އަހަރު ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތާއި އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ކާމިޔާބުކަމާއެކު ބާއްވާފައެވެ. ވޯލްޑް ބޮޑީބިލްޑިން މުބާރާތް ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ލިބުނީ މި ދެ މުބާރާތް ހޯސްޓުކުރި ގޮތް ފުރިހަމަވުމުން ކަމަށް މީގެކުރިން ވޯލްޑް ބޮޑީބިލްޑިން ފެޑެރޭޝަންގެ ރައީސް ޕޯލް ޗުއާ ވަނީ ވިދާޅުވެފައެވެ.