ޚަބަރު

ކްލަބް ޖަމްޢިއްޔާތަކަށް ގިނަވެގެން ދޫކުރެވޭނި 230000 ރުފިޔާ


ކްލަބް ޖަމްޢިއްޔާތައް ބާރުވެރިކުރުވުމަށް ޖަމްޢިއްޔާތަކަށް ސަރުކާރުން ހިލޭ އެހީ ދިނުމުގެ އުސޫލުގެ ދަށުން ޖަމްޢިއްޔާއަކަށް އެންމެ ގިނަވެގެން ދެވޭނީ، 230،000 ރުފިޔާ ކަމަށް ކަނޑައަޅުއްވައިފިއެވެ.

ސަރުކާރުން ޖަމްޢިއްޔާތަކަށް 2 މިލިއަން ރުފިޔާ ދެއްވުމަށް ނިންމަވާފައިވާއިރު މިއެހީ ފޯރުކޮށްދެއްވުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ހުށައަޅާ ޖަމްޢިއްޔާތަކުގެ ތެރެއިން އެންމެ ގިނައިން ޕޮއިންޓް ހޯދާ ޖަމްޢިއްޔާތަކަށެވެ. ކްލަބް ޖަމްޢިއްޔާތަށް ބާރުވެރި ކުރައްވައި ޖަމްޢިއްޔާތަކުގެ ކުރިއެރުމަށް ސަރުކާރުން ބޮޑު އިސްކަމެއްދެއްވައެވެ. ޖަމިއްޔާތަކަށް ހިލޭއެހީގެ ގޮތުގައި ދެއްވުމަށް ހަމަޖެހިފައިވާ ފައިސާއަށް އެދި ހުށައެޅުމަށް މިހާރު ވަނީ ހުޅުވާލައްވާފައެވެ.

ޕަބްލިކް ސަރވިސް މީޑީއާއަށް ދެއްވި އިންޓަރވިއުއެއްގައި ވާހަކަދައްކަވަމުން، މަދަނީ ޖަމިއްޔާތައް، ނުވަތަ އެން.ޖީ.އޯތަކުގެ ބެލެނިވެރި ފަރާތް، ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ ޖަމްޢިއްޔާތަކުން ކުރަމުންދާ އިޖްތިމާޢީ މަސައްކަތްތައް ސަރުކާރުން ބަލައިގަންނަކަމަށާއި، އިޖްތިމާޢީ ކުރިއެރުމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު ނުހަނު ބޭނުންތެރިކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ.

ސަރުކާރުން މަދަނީ ޖަމިއްޔާތަކަށް ފޯރުކޮށްދޭ މާލީއެހީގެ ސަބަބުން ޖަމްޢިއްޔާތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ދެކެވަޑައިގަންނަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަދަނީ ޖަމިއްޔާތަކަށް އެހީ ދެއްވުމަށް ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ޖަމިއްޔާތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމާއި، ސަރުކާރުގެ ސިޔާސަތު ތަކާ ގުޅޭގޮތުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށާއި، ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމަށް ހިންގަވާ ހަރަކާތްތަކަށާއި، ރަށު ތަރައްޤީއަށް ހިންގާ އެހެނިހެން ކަންކަން ހިމެނެއެވެ. އަދި ޖަމިއްޔާތަކުގެ މުއައްޒަފުންގެ މުސާރައާއި، ކުއްޔަށް ހިފާ ތަންތަނުގެ ކުއްޔަށް ފައިސާ ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޖަމިއްޔާތަކަށް އެހީ ދެއްވުމާބެހޭ އުސޫލުގެ ދަށުން ކޮންމެ ޖަމްޢިއްޔާއަކަށް އެންމެ ގިނަވެގެން ދޫކުރުމަށް ހަމަޖެހިފައިވަނީ 230،000 ރުފިޔާއެވެ. މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށްފަހު ޖަމްޢިއްޔާތަކުން ހިންގާ ހަރަކާތްތައް މޮނިޓަރ ކުރަމުން ގެންދާނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖެ އިޖްތިމާޢީ ތަރައްޤީގެ ރޮނގުން ހޯދަމުންދާ ކުރިއެރުންތަކުގައި މަދަނީ ޖަމިއްޔާތަކުގެ ދައުރު އިތުރު ކުރެއްވުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. މަދަނީ ޖަމްޢިއްޔާތައް ބާރުވެރި ކުރުވައި، އެޖަމްޢިއްޔާތަކަށް ފަހި ފުރުޞަތުތައް ތަނަވަސްކޮށްދެއްވުމަކީ ސަރުކާރުގެ ޒުވާނުން ބާރުވެރިކުރުވުމުގެ ވަޢުދުގެ ތެރޭގައިވެސް ހިމެނޭކަމެކެވެ.