ބެއިޖިންގައި ކުރިއަށްދިޔަ ޗައިނާ އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން އެމެރިކާގެ ކޮކޯ ގައުފް ހޯދައިފިއެވެ.
ދުނިޔޭގެ ރޭންކިންގެ ހަވަނައިގައި މިވަގުތު ހުރި ގައުފް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޗެކް ރިޕަބްލިކްގެ ކެރޮލޯނާ މުޗޯވާއާ ދެކޮޅަށް ކުޅުނު މެޗު ހައެއް އެކެއް އަދި ހައެއް ތިނެއްގެ ނަތީޖާއަކުން މެޗު ކާމިޔާބު ކުރުމަށްފަހުގަ އެވެ. މި ކާމިޔާބީ އާއިއެކު އޭނާ ވެފައިވަނީ ޑަބްލިއު ޓީ އޭ ހާޑްކޯޓް މުބާރާތްތަކުގެ ފައިނަލުގައި ކުޅުނު ހަތް މެޗުވެސް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
މިއީ ގައުފް ކާމިޔާބުކުރި ޑަބްލިއު ޓީ އޭ ދެވަނަ މުބާރާތެވެ. އޭނާ ވަނީ މިދިޔަ އަހަރު އެމެރިކާގެ ސިންސިނާޓީ ގައި ބޭއްވި ސިންސިނާޓީ އޯޕަން މުބާރާތްވެސް ކާމިޔާބުކޮށްފަ އެވެ. އެ މުބާރާތްވެސް ގައުފް ކާމިޔާބު ކޮށްފައިވަނީ މުޗޯވާ ބަލިކުރުމަށްފަހުގަ އެވެ.
އުމުރުން 20 އަހަރުގެ ގައުފް އަތުން މުޗޯވާ ބަލިވިއިރު, އޭނާ މި މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައިވަނީ މުބާރާތުގައި އެއްވަނައަށް ސީޑްކޮށްފައިވާ އެރީނާ ސަބަލެންކާގެ އިތުރުން ޗައިނާގެ ޒެން ކިންވެން ބަލިކުރުމަށްފަހުގަ އެވެ.
މިއީ މުޗޯވާ އެންމެ ފަހުން ކުޅުނު ފަސް ފައިނަލުގެ ތެރެއިން އޭނާ ބަލިވި ހަތަރުވަނަ ފައިނަލެވެ.