ޚަބަރު

ބައްސާމް އެދުނު ގޮތަށް އެޕާޓްމަންޓުތައް ހަވާލުކުރަން ދިން މުއްދަތު އިތުރުކޮށްދީފި


ހުޅުމާލޭ އަމީން އެވެނިއުއިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރުން ދިން މުއްދަތު އިތުރުކޮށްދީފިއެވެ.

ކޮވިޑް-19 ގެ އެހީގެ ގޮތުގައި ރާއްޖޭގެ ކުލަބުތަކަށް ފީފާއިން ދިން ބައެއް ފައިސާއިން، އަމީން އެވެނިއުއިން ބައްސާމް ގަނެފައިވާ އެޕާޓްމަންޓުތަކަށް ފައިސާ ދެއްކި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

އެއާއެކު މިއަދުގެ ނިޔަލަށް އެ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރުމަށް ކޯޓުން މީގެ ކުރިން ވަނީ އަމުރުކޮށްފައެވެ. އެކަމަކު އެޕާޓްމަންޓުތައް ހަވާލުކުރުމަށް މި މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދިނުމަށް ބައްސާމްގެ ވަކީލުންގެ ފަރާތުން ވަނީ ފުލުހުންނަށް ސިޓީއެއް ފޮނުވާފައެވެ.

މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ ހާލަތަށް ރިއާޔަތްކޮށް، ސިޓީގައި އެދިފައިވާ މުއްދަތަށް ފުރުސަތު ދީފައިވާ ކަމަށާއި، އެކަން ލިޔުމުން ބައްސާމަށް އަންގާފައިވާނެ ކަމަށެވެ. އެކަމަކު ފުލުހުން ރިއާޔަތްކުރީ ކޮން ހާލަތަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮވިޑާ ގުޅިގެން ފުޓްބޯޅަ ކުލަބުތަކަށް ދިމާވި މާލީ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ފީފާއިން ވަނީ އެފްއޭއެމްއަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ޑޮލަރު ދީފައެވެ. އޭގެ ތެރެއިން އެއް މިލިއަން ޑޮލަރު މާރުކުރުމަށްފަހު ފުލެޓް ގަތް މައްސަލައިގައި ބައްސާމާއި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފުލުހުން މީގެ ކުރިން ފޮނުވިއިރު، ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވާފައިވަނީ ބައްސާމުގެ އިތުރުން އަމީން އެވެނިއުގެ ވެރިފަރާތް ކަމަށްވާ އަމީން ކޮންސްޓްރަކްޝަން އާއި، އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުޙައްމަދު އަގީލް އަދި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށެވެ.

ފުލުހުން ތުހުމަތުކުރި ގޮތުގައި ބައްސާމް އަމީން އެވެނިއުއިން ދެ ފުލެޓް ގަތީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެންނެވެ. އެ ކަމަށް އެފްއޭއެމްގެ ފައިސާއިން 3،084،000 (ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް) ރުފިޔާ ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގައި، ފީފާގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި ފީފާއިން މީގެ ކުރިން ވަނީ ބައްސާމް ނުވަ މަސް ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.