ޚަބަރު

ލެވަންޑޯސްކީގެ ހެޓްރިކާއެކު ބާސެލޯނާއިން އަލަވޭސް ބަލިކޮށްފި


ސްޕެނިޝް ލީގުގައި މިރޭ ޕޮލަންޑުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކުރި ހެޓްރިކާއެކު، ރަށުން ބޭރުގައި ބާސެލޯނާއިން 3-0 ގެ ނަތީޖާއަކުން ޑިޕޯޓިވޯ އަލަވޭސް ބަލިކޮށްފިއެވެ.

މި ނަތީޖާއާއެކު ބާސެލޯނާ އިން ވަނީ މިހާތަނަށް ކުޅުނު ނުވަ މެޗުން 24 ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް ނުވަ މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. އޭގެ ހަތަރު ޕޮއިންޓް ފަހަތުން ތިންވަނައިގައި ވިޔަރެއާލް އޮތްއިރު، ހަތަރެއްގައި އޮތް އެތުލެޓިކޯ މެޑްރިޑަށް އެއްމެޗު މަދުން ކުޅެގެން ލިބިފައިވަނީ 16 ޕޮއިންޓެވެ.

ބާސެލޯނާ އިން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު، ހަތްވަނަ މިނެޓުގައި ލެވަންޑޯސްކީ ކާމިޔާބުކޮށްދިނީ މި ފަހަރުގެ ސީޒަނުގައި މޮޅު ކުޅުމެއްދައްކަމުން އަންނަ ބްރެޒިލްގެ ވިންގް، ރަފީނިއާ ދިން ބޯޅައަކުންނެވެ. އޭގެފަހުން، މެޗުގެ 22 ވަނަ މިނެޓުގައި ލެވަންޑޯސްކީގެ ދެވަނަ ލަނޑުޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ ވެސް ރަފީނިއާ އެވެ.

މެޗުގެ 32 ވަނަ މިނެޓުގައި ބާސެލޯނާގެ ތިންވަނަ ލަނޑުޖަހައިދީ، ލެވަންޑޯސްކީ ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭނާ މި ލަނޑުޖެހީ އެރިކް ގާސިއާ ދިން ބޯޅައަކުންނެވެ. މިއީ ލީގުގައި އޭނާ ޖެހި 10 ވަނަ ގޯލެވެ. އަދި ހުރިހާ މުބާރާތެއްގައި މުޅިއެކު ޖެހި 12 ވަނަ ލަނޑެވެ.

މި މެޗަކީ ޖެހިޖެހިގެން އަލަވޭސް ބަލިވި ތިންވަނަ މެޗެވެ. މިއާއެކު، މިހާތަނަށް ކުޅުނު ނުވަ މެޗުން ލިބުނު 10 ޕޮއިންޓާއެކު އެ ޓީމަށް ލިބިފައިވަނީ ތާވަލްގެ 13 ވަނައެވެ.

ލީގުގައި މިރޭ ކުޅުނު އަނެއް މެޗުގައި ޖިރޯނާގެ ދަނޑުގައި އެ ޓީމުން ވަނީ 2-1 އިން އެތުލެޓިކް ބިލްބާއޯ ބަލިކޮށްފައެވެ. މިއީ ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް މި ފަހަރުގެ ސީޒަނުގައި ޖިރޯނާގެ ފުރަތަމަ މޮޅެވެ. މި މެޗުގައި ޖިރޯނާގެ ކީޕަރު، ޕައުލޯ ގަޒާނިގާ ތިން ޕެނަލްޓީ މަތަކޮށްފައިވާއިރު، އެ ޓީމު މޮޅުވި ލަނޑަކީ ފަހު ހާފުގައި ކްރިސްތިއަން ސްޓުއާނީ ޕެނަލްޓީއަކުން ކާމިޔާބުކޮށްދިން ގޯލެކެވެ.