ޚަބަރު

މާލެތެރެ ބެލެހެއްޓުމަށް ޚާއްސަ މަސައްކަތްތަކެއް ފަށައިފި


މާލެ ސިޓީ ޕޮލިހާއި ޓްރެފިކް މެނޭޖްމެންޓް އަދި ސްޕެޝަލް އޮޕަރޭޝަން ގުޅިގެން މާލެ ތެރޭގައި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކޮށްދެއްވުމުގެ ގޮތުން ޚާއްޞަ މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މާލެ ސިޓީ ޕޮލިސްގެ ހެޑް ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި މާލެ ސިޓީ ޕޮލިސްގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުހުﷲ ވަހީދު ވިދާޅުވީ އެހެން މަސްތަކާ ޚިލާފަށް ރޯދަ މަހުގެ ތެރޭގައި ވައްކަމާއި ފޭރުން އިތުރުވާ ކަމަށާއި ވައްކަން އެންމެ ގިނައިން ހިނގާ ވަގުތަކީ ފަތިސް ނަމާދު ވަގުތާއި ހެނދުނުގެ ވަގުތު ކަމަށެވެ. އެގޮތުން ފުލިހުން ޚާއްސަކަމެއް ދެއްވައިގެން އެގަޑިތަކުގައި ޙަރަކާތްތެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14652155345503.jpg|މަގުތަކުގެ ޓްރެފިކް ފްލޯއަށް ގެނެވުނު ބަދަލުތައް ފެންނަ ޗާޓު

މީގެ އިތުރުން ރަމަޟާންމަހުގެ ހަވީރުގެ ވަގުތުތަކުގައި ރޯދަ ކުރު ކުރުމުގެ ގޮތުން މާލެވަށައި ބުރުޖަހާއިރު މަގުތަކުގެ ޓްރެފިކް ފްލޯއަށް ގެންނަވާފައިވާ ބަދަލުތަކަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ ގޮވާލައްވާފައެވެ.

ޓްރެފިކް ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވަމުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޒުހާން ވިދާޅުވީ ހަވީރުގެ ވަގުތުތަކުގައި މާލޭގެ މަގުތައް ހަލަބޮލިވެ ކާރޫބާރު ބޮޑުވެ މަގުތަކުގައި ހިނގާބިގާވެ އުޅުމަށާއި، ދުއްވާ އެއްޗެހި ދުއްވުމަށް ކުރިމަތިވަމުންދާ ދަތިތަކަށް ޙައްލެއްގެނެސް ރައްކާތެރިކަން ދެމެހެއްޓުމަށް ބާރު އެޅުމުގެގޮތުން މުއައްސަސާތަކާއި މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އެގޮތުން ރަމަޟާންމަހު ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:30 އާއި ދެމެދުގެ ވަގުތުތަކުގައި މާލެ ވަށައި ދުއްވާ ފަރާތްތަކުން ބައެއް ސަރަޙައްދުތައް ހުޅަނގުން އިރަށް އެއްކޮޅަށް ދުއްވާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ޒުހާން ވިދާޅުވިއެވެ.