ޚަބަރު

ފިޠުރު ޒަކާތް - އެހާރާއި މިހާރު


ފިތުރު ޒަކާތަކީ ރަމްޟާންމަހުގެ ރޯދައާއި ގުޅިގެން ކުރުމަށް އަންގަވާފައިވާ އަޅުކަމެކެވެ. ފިތުރު ޒަކާތް ދެއްކުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ނިކަމެތިންގެ މަތިން ހަދާންކޮށް، މުދާ ތާހިރުކުރެއްވުމެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޒަމާނުން ފެށިގެން ފިތުރު ޒަކާތް ދައްކަން ފަށާފައިވާއިރު، ފިތުރު ޒަކާތުގެ ކަންކަން ކޮށްއުޅުއްވީ ރަމްޟާންމަހުގެ އެންމެ ފަހު ދުވަހުގެ ރޭގަނޑުން ފެށިގެން ޢީދު ނަމާދަށް ނިކުތުމުގެ ކުރިން ޒަކާތް ނަގާ ބަހާގޮތަށެވެ. އޭރު އެގޮތަށް ކަންތައްތައް ކުރަމުން އައީ އެދުވަސްވަރުގެ މުޖުތަމަޢު ކުޑަވުމާއެކުގައެވެ. އެހެންނަމަވެސް މިހާރު އިސްލާމީ މުޖުތަމަޢު ފުޅާވެ ބޮޑުވެގެންދިޔުމުން އިސްލާމީ ހުރިހާ ޤައުމެއްގައިވެސް ރޯދަމަސް ފެށުމާއި އެކު ފިތުރު ޒަކާތް ބަލައިގަންނަން ފަށައެވެ.

img:http://s4.psmnews.mv/images/660x400/14653023325147.jpg|ޒަކާތުގެ ގޮތުގައި ނެރޭ ބައެއް ބާވަތްތައް

މީގެ ކުރިން ޒަކާތް ދައްކަމުން އައީ އެދުވަސްވަރެއްގައި އާއްމުކޮށް ކައި އުޅޭ ބާވަތްތަކުންނެވެ. އެގޮތުން ރާއްޖޭގައި، ހަނޑުލާ ޒުވާރި ފަދަ ތަކެތިންވެސް ފިތުރު ޒަކާތް ދައްކައި އުޅުނެވެ. އެހެންނަމަވެސް މި ތަކެތި ނެރެ ބެހުމުގައި އެތައް ދަތިތަކާއި ކުރިމަތިލާން ޖެހުމުން ޢިލްމުވެރިންގެ ފަތުވާގެ މައްޗަށް ބިނާކޮށް މިހާރު ފިތުރު ޒަކާތުގެ ގޮތުގައި ނަގަމުންދަނީ ފައިސާއެވެ. ފިތުރު ޒަކާތުގެ ގޮތުގައި މީހަކަށް ދައްކަންޖެހޭނީ 2.4 ކިލޯގެ ހަނޑުލަށްވާ ފައިސާއެވެ.

ޒަމާނަށް އައި ބަދަލާއި އެކު ފިތުރު ޒަކާތް ދައްކަމުންދާ ގޮތަށްވެސް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އިސްލާމީ ގިނަ ޤައުމުތަކުގައި މިހާރު ފިތުރު ޒަކާތް ބަލައިގަންނަމުން އަންނަނީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. މިގޮތުން މި ބަދަލުތަކާއިއެކު ރާއްޖޭގައިވެސް މިހާރު ފިތުރު ޒަކާތް އޮންލައިންކޮށް އަދި އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކެއެވެ.

img:http://s4.psmnews.mv/images/660x400/14652831279987.jpg|ފިތުރު ޒަކާތް ބަލައިގަތުން އިސްލާމީ މަރުކަޒުގައި ކުރިއަށްދަނި- ފޮޓޯ: ޕީއެސްއެމް

ރާއްޖޭގައި ވޭތުވެދިޔަ އަހަރުތަކުގައި ޒަކާތުގެ ގޮތުގައި ފައިސާ ލިބުނު މިންވަރު ވަނީ އިތުރުވެގެންގޮސްފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު 2012 ވަނަ އަހަރު ދެމިލިޔަން ހަތަރު ސަތޭކަ ފަންސާސް ދެހާހަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، ޖެހިގެން އައި 2013 ވަނަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 2.6 މިލިއަން ރުފިޔާއެވެ. އަދި 2014 ވަނަ އަހަރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 3.1 މިލިއަން ރުފިޔާއެވެ. ނިމިގެންދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ފިޠުރު ޒަކާތުގެ ގޮތުގައި 3.6 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މި އަހަރުގެ ފިތުރު ޒަކާތް ދެއްކުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައްވާފައެވެ. ރޯދަމަހުގެ އަޅުކަމުގެ ތެރޭގައި ހިމެނޭ އެއްމެ މުހިއްމު އެއްކަމަކީ ފިތުރު ޒަކާތްކަމަށްވާއިރު ލަސްނުވެ މި އަޅުކަން ފުރިހަމަކުރުމަކީ އެންމެ އެދެވިގެންވާގޮތެވެ.